ދ. މާއެނބޫދޫ ފަޅުތެރެއިން އިއްޔެ ވެސް 5000 އަށްވުރެ ގިނަ ރާގޮނޑި ހިފައިފި އެވެ. އިއްޔެ ވެސް ރާގޮނޑި ހިފާފައި ވަނީ ރަށުގެ ދެކުނު ފަރާތު ހުދު ފަޅު މަތީންނެވެ.
މާއެނބޫދޫން ވާހަކަދެއްކި މީހަކު "ވަން އޮންލައިން"އަށް ކިޔައިދިން ގޮތުގައި، އިއްޔެ ރާގޮނޑި ހިފީ އިރު އޮއްސެން ކައިރިވެފައި ވަނިކޮށެވެ. އިއްޔެ ރާގޮނޑި ހިފަން ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން މޫދަށް އެރުނު ކަމަށާއި ހިފި ރާގޮނޑިތައް ރަށުގެ ރައްޔިތުންނަށް ބެހީ ކަމަށް ވެސް އޭނާ ބުންޏެވެ.
"އިއްޔެ ވަރަށް ގިނަ މީހުން އެރުނު. ހިފި ހުރިހާ ރާގޮނޑިއެއް ބަހައިލުމުން ކޮންމެ ގެޔަކަށް 42 ރާގޮނޑި ލިބުނު." ވަން އަށް ކިޔައިދިން މީހާ ބުންޏެވެ.
މާއެނބޫދޫގެ ދެކުނު ފަރާތު ފަޅު މަތީން އިއްޔެ މިހާ ގިނަ އަދަދެއްގެ ރާގޮނޑ ހިފި އިރު، ފޮޓޯ ތަކުންނާއި ވީޑިއޯތަކުން ފެންނަ ގޮތުގައި، ރާގޮނޑި ހިފި ސަރަހައްދުގައި އުނަގަނޑުފެން ވެސް ނެތެވެ.
މާއެނބޫދޫގެ ހުޅަނދު ދެކުނުން، ރަށުގެ ދެކުނަށް ވާ ގޮތަށް އޮންނަ ހުދު ފަޅަކީ ބޮޑު ފަޅެކެވެ. އެރަށުގެ ފަޅުމަތީން ހިނގާފައި ގޮސް ނިޔާމަ ރިސޯޓަށް އެރޭނެ އެވެ. އެއީ އެއްފަޅެކެވެ.
މާއެނބޫދޫގެ ހުޅަނގު ފަޅީގައި މާސިންގާ ބޮޑު ގުދުރަތީ ވިލެއް ވެސް އޮވެއެވެ. އެ ރަށު ފަޅަށް މީގެ ކުރީން ވެސް ކަނޑުމަހުގެ ބާވަތްތައް ވަދެފައިވެ އެވެ. އެ ގޮތުން ރަށު ފަޅަށް ކަންނެލިވެސް ވަދެފައިވެ އެވެ.
މި ފަހަރު އެ ރަށު ފަޅަށް ރާގޮނޑި ވަނީ މިދިޔަ ރޯދަމަހުގެ ތެރޭގަ އެވެ. އޭގެ ފަހުން އެކި ފަހަރު މަތީން ރައްޔިތުން އަންނަނީ ރާގޮނޑި ހިފަމުންނެވެ. ބަނދަރު ސަރަހައްދުން ބައެއް މީހުން ރާގޮނޑި ބާނާފައިވެސް ވެއެވެ. މާއެނބޫދޫ އަކީ މަސްވެރި ރައްޔިތެއް ދިރިއުޅޭ، ދ. އަތޮޅުގެ ތިން ވަނައަށް އެންމެ އާބާދީ ބޮޑު ރަށެވެ.