ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހު ފުރަމާނަ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގަންނަވަނީ

ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ފުރަމާނަ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގަންނަވަން ހަމަޖެހިއްޖެ އެވެ.

"ވަން އޮންލައިން" އަށް އެނގިފައިވާ ގޮތުގައި ރައީސް ސޯލިހުގެ މި ދަތުރުފުޅަކީ ސިންގަޕޫރުގެ ރައީސާ، ހަލީމާ ޔާގޫބްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ރައީސް ސޯލިހު ސިންގަޕޫރަށް ވަޑައިގަންނަވަން ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު ކަމަށް މައުލޫމާތު ލިބެ އެވެ. އަދި ރައީސްގެ މި ދަތުރުފުޅުގައި ސިންގަޕޫރުގައި ތިން ދުވަސްވަރު ވާނެ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.

ރައީސް ސޯލިހުގެ މި ދަތުރުފުޅުގައި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުރުން، ސަރުކާރުގެ އިސް ވަފުދެއް ބައިވެރިވަޑައިގަންނަވާނެ އެވެ.

ފުރަމާނަ ދަތުރުފުޅުތަކަކީ، ސަރުކާރު ތަކުގެ އެންމެ އިސް ވެރީން (ހެޑް އޮފް ސްޓޭޓް) ގެ ދައުވަތަކަށް ގައުމުގެ ތަކުގެ އިސް ވެރީން އެއް ގައުމުން އަނެއް ގައުމަށް ކުރައްވާ ދަތުރުފުޅުތަކެވެ. މިފަދަ ދަތުރުފުޅުތަކުގައި، ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގިނަ ބައްދަލުވުންތަކެެއް ބާއްވާނެ އެވެ. ދެ ގައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ބާއްވާނެ އެވެ. އަދި އާންމު އުސޫލެއްގެ ގޮތުން ބައެެއް ކަހަލަ އެއްބަސްވުންތަކުގައި ވެސް ސޮއިކުރުން އޮންނާނެ އެވެ. ފުރަމާނަ ދަތުރުފުޅުތަކަކީ ރަސްމީ ދަތުރުފުޅުތަކުގެ އެންމެ މަތީ ހައިރާކީ އެވެ.

ރައީސް ސޯލިހުގެ މި ދަތުރުފުޅާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ރަސްމީ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.