ޚަބަރު

ޝާފިއީ އިސްތިއުފާ ދިނުމަށް ދެއްކި ހުއްޖަތުގައި އެއްވެސް އަސާސެއް ނެތް: ކޮމިއުނިކޭޝަން މިނިސްޓްރީ

މަރިޔަމް ޝަހުދާ

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޝާފިއީ އިސްތިއުފާ ދިނުމަށް ދެއްކި ހުއްޖަތުގައި އެއްވެސް އަސާސެއް ނެތްކަމަށް އެ މިނިސްޓްރީ އިން ބުނެފިއެވެ.

ކޮމިއުނިކޭޝަން މިނިސްޓްރީއިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ ޝާފިއީ އިސްތިއުފާ ދިން މައިގަނޑު ސަބަބު ކަމަށް ދެއްކި icthealth.com ކުންފުނީގެ ހޮސްޕިޓަލް މެނޭޖްމަންޓަކީ އައިޖީއެމްއެޗް އިން ގަނެފައި ނުވާ ސޮފްޓްވެއާއެއް ކަމަށް އައިޖީއެމްއެޗް އިން ބުނެފައިވާ ކަމަށެވެ. އަދި މިކަން އޮޅުން ފިލުވުމަށް ޝާފިއީ އައިޖީއެމްއެޗްއަށް ފޮނުވި ސިޓީއަށް ޖަވާބު ދެއްވާ އައިޖީއެމްއެޗް އިން ފޮނުވި ސިޓީ އިން ހާމަވާނެކަމަށް މި ބަޔާނުގައި ވެއެވެ.

މިނިސްޓްރީގެ މި ބަޔާނުގައި އާންމު ކުރި ގޮތުގައި އައިޖީއެމްއެޗްގެ ސީއީއޯ ސޮއިކުރައްވައި ޝާފިއީއަށް ފޮނުއްވި ސިޓީގައި ހޮސްޕިޓަލަށް ބޭނުންވާ ސޮފްޓްވެއާ ރިކުއަރމަންޓް ތައްޔާރު ކުރަމުން ގެންދާ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ. އަދި ސޮފްޓްވެއަރގެ މަސައްކަތް ނިމުމުގެ ކުރިން ހެލްތް މިނިސްޓްރީއާއި ކޮމިއުނިކޭޝަން މިނިސްޓްރީގެ ލަފައެއް ހޯދާނެކަމަށް ކޮމިއުނިކޭޝަން މިނިސްޓްރީއިން ވަނީ ބުނެފައެވެ.

މި ސަރުކާރާއި ކޮމިއުނިކޭޝަން މިނިސްޓްރީ އިން މަސައްކަތް ކުރަމުން ގެންދާނީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް ދެފުށްފެންނަ ހެޔޮ ނިޒާމީ އަސާސްތަކުގެ ތެރެއިން ކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ.

ޝާފިއީ މަގާމުން އިސްތިއުފާ ދީފައިވަނީ އިއްޔެއެވެ. މިކަމާ ގުޅިގެން އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭނާ އިސްތިއުފާދެއްވީ ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކަށް ހައްލެއް ލިބިފައިނުވާތީ ކަމަށެވެ.