ހުތުބާ

އިލްމު އުނގެނިގެން ހުންނަ މީހާއަށް އިލްމުވެރިންގެ ދަރަޖަ ލިބުމާއެކު އޭނާގެ ހިތަށް އުފާވެރިކަން ގެނުވާ: ހުތުބާ

އިލްމުގެ މަގާމު މަތިވެރި ކަމަށާއި އިލްމު އުނގެނިގެން ހުންނަ މީހާއަށް އިލްމުވެރިންގެ ދަރަޖަ ލިބުމާއެކު އޭނާގެ ހިތަށް އުފާވެރިކަން ގެނުވާ ކަމަށް ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވަނީ އެމީހެއްގެ އުމުރުން ހޭދަވާ ކޮންމެ ދުވަހަކީ ވެސް އިލްމު އުނގެނުމަށް ވަގުތުކޮޅެއް ހޭދަކުރެވިދާނެ ދުވަހެއް ކަމަށާއި ސަބަބަކީ އިލްމު އުނގެނުމުގައި އެމީހެއްގެ ނަފްސު ސަލާމަތްކުރުމާއި އެހެން މީހުން ރައްކާތެރިކުރުން ވެސް އެކަމުގެ އެކުލެވިގެންވާތީ ކަމަށެވެ. އަދި އެމީހެއްގެ އަމިއްލަ ނަފްސަށް އެކަމުން ފައިދާ ލިބިފައި އަނެކުންނަށް ވެސް އެކަމުގެ މަންފާކުރާތީ ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.

"އިލްމުގެ މަގާމު މަތިވެރިއެވެ. އިލްމު އުނގެނިގެން ހުންނަ މީހާއަށް އިލްމުވެރިންގެ ދަރަޖަ ލިބުމާއެކު އޭނާގެ ހިތަށް އުފާވެރިކަން ގެނުވައެވެ. ނުދަނެ ހުރެ އަޅުކަން ކުރާ މީހަކަށް ފަހަރުގައި ގޯސްކޮށް ވެސް އަޅުކަމުގެ ކަންތައް ކުރެވިދާނެއެވެ. އިސްލާމްދީނުގެ ކަންތައްތައް ރައްކާތެރިކޮށް ދެމެހެއްޓުމަށް އިލްމު އުނގެނުމަކީ މުހިންމު ކަމެކެވެ. ދީނީ އިލްމަކީ އިސްލާމްދީން ދެމިއޮތުގެ އަސްލެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި އިތުރަށް ބުނެފައިވަނީ އިލްމުވެރިންނަށް ހާއްސަ ކަންތައްތަކެއް މާތްﷲ ދެއްވާފައިވާ ކަމަށާއި އޭގެ ތެރެއިން އެއް ކަމަކީ މަލަކޫތީ އާލަމުގައިވާ މަލާއިކަތުންނާއި ކަނޑުގައިވާ މަސްތައް އިލްމުވެރިންނަށް ފާފަފުއްސަވައި ދެއްވުން އެދި ދުއާކުރުން ކަމަށެވެ. އަދި އިލްމާ އެއްގޮތަށް އަމަލުކުރާ އިލްމުވެރިންނާއި އަޅުވެރިންނާ ވެސް ދަރަޖައިގެ ގޮތުން ވަރަށް ބޮޑު ތަފާތެއްވާ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.