ކޮލަމް

ސިނާންގެ ކޮލަމް: އޭސީސީގެ ރައީސްއާއި ބްރޯޑްކޮމްގެ ނައިބު ރައީސް ވީތަނެއް ނޭނގެ، މުސާރައަށް މަހަކު ލައްކައެއް!

ސިނާން އަލީ

އޭސީސީގެ ރައީސް ހަސަން ލުތުފީ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރެއްވުމަށް އޮފީހަށް ނުނިކުންނަވާތާ މި ހިނގަނީ ތިންވަނަ މަހެވެ. އެއީ ސަރުކާރު ބަދަލުވުމަށް ފަހު، ނެންގެވެން ހުރި ޗުއްޓީތައް ނެންގެވުމަށްފަހު އެވެ. ލުތުފީ އަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު، 53500 ރުފިޔާ ލިބިވަޑައިގަންނަވަ އެވެ.

އެއީ އަސާސީ މުސާރަ 30000 ރުފިޔާ އާއި ލިވިން އެލަވަންސް 15000 ރުފިޔާ އާއި ކާރު އެލަވަންސް 7500 ރުފިޔާ އަދި ފޯނު އެލަވަންސް 1000 ރުފިޔާ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާ ތަކާ ބެހޭ ކޮމެޓީއަށް، ނިމިގެން ދިޔަ ހަފުތާގައި އޭސީސީގެ މެންބަރުން ހާޒިރުކުރުމުން އެނގުނީ އެ ކޮމިޝަނުގެ ރައީސް ހަސަން ލުތުފީ އަށް، އޮފީހަށް ނުނިކުންނެވިޔަސް މިހާރުވެސް ގަވައިދުން މުސާރަ ދެމުންދާ ކަމެވެ. އޭސީސީގެ މެންބަރުން ވިދާޅުވި ގޮތުގައި އެއީ ގާނޫނުން އެ ބޭފުޅުންނަށް ލާޒިމުކުރާ ކަމެކެވެ. އޮފީހަށް ވަޑައިނުގެން ކިތަންމެ ދުވަހެއް ވިޔަސް، އެ ކޮމިޝަނުގެ މެންބަރުންގެ މުސާރަ އެއީ ގަވައިދުން ދޭން ޖެހޭ އެއްޗެއް ކަމަށް ކޮމިޝަނުގެ މެންބަރުން ވިދާޅުވި އެވެ. އެހެންވެ ލުތުފީ އޮފީހަށް ވަޑައިގަނޭތޯ ނުވަތަ ނޫންތޯ، އެއީ އެބޭފުޅާއަށް މުސާރަ ދިނުމުގައި ސުވާލު އުފައްދަން ޖެހޭ ކަމަކަށް ނުވެ އެވެ. ރައްޔިތުންގެ ޚަޒާނާއިން މަހަކު ބައިލައްކައަށް ވުރެ ގިނަ ރުފިޔާ ކޮންމެ މަހަކު ވެސް ދެމުން ދަނީ އެހެންވެއެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރުން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ހާޒިރުކުރުމުން އެނގުނީ އެ ކޮމިޝަނުގެ ވެސް މެންބަރުންނަށް މުސާރަ ދިނުުގައި އޮތް ހަމަ އެކަނި ޝަރުތަކީ މެންބަރަކަށް ވުން އެކަނި ކަމެވެ. އެހާ ހިސާބުން އެހެން ހުރިހާ ކަމެއް ހަމަވީ އެވެ. އޮފީހަށް ވަޑައިގަނޭތޯ ނުވަތަ ނޫންތޯ ބަލާކަށް ނުޖެހެ އެވެ. އެ ކޮމިޝަނުގެ ނައިބު ރައީސް ކަމުގެ މަގާމުގައި މި މަހުގެ 13 ވަނަ ދުވަހާއި ހަމައަށް ހުންނެވި އިސްމާއީލް ސޮފްވާން އަށް މުސާރަ އާއި އިނާޔުތުގެ ގޮތުގައި މަހަކު 43 ހާސް ރުފިޔާ ދެމުން އަންނަނީ ގާނޫނުން އެ ގޮތަށް ލާޒިމު ކުރާތީ ކަމަށް ކޮމިޝަނުގެ މެންބަރުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގައި ވިދާޅުވި އެވެ.

މުސާރަ ދިނުމުގައި ހާޒިރީ އަކީ ބަލަން ޖެހޭ އެއްޗެއް ކަމަކަށް ނުވާތީ ކަމަށް ވެސް ވެދާނެ އެވެ. ބްރޯޑްކޮމް ގައި، އެ ކޮމިޝަނުގެ މެންބަރުންގެ ހާޒިރީ ނުވެސް ބަލަހައްޓާ ގޮތަށް އޮންނަނީ ނިންމައިފަ އެވެ. ބަލަން ޖެހެނީ ކޮމިޝަނުގެ ޖަލްސާތަކުގެ ހާޒިރީ އެކަންޏެވެ. އުސޫލު އޮންނަނީ ހަފުތާޔަކު ދެ ބައްދަލުވުން ބާއްވަން ޖެހޭ ގޮތަށެވެ.

ގާނޫނުގައި ބުނާ ގޮތުން ނަމަ، ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރުންނަކީ ފުލް ޓައިމް ބަޔެކެވެ. އެއީ ފުލްޓައިމް ވަޒީފާއެކެވެ. ކޮމިޝަނުގެ ކޮންމެ މެންބަރަކަށް ވަކީން އޮފީސް ހަދައި، ފަރުނީޗަރުވެސް ވައްދާފައި ހުރެ އެވެ. މަހުގެ ގިނަ ދުވަސްތަކުގައި އެތަންތަން ހުންނަނީ ފަޅަށެވެ. ގަވައިދުން އޮފީހަށް ވަޑައިގަންނަވަނީ ކޮމިޝަނުގެ ރައީސް އެކަންޏެވެ.

ބްރޯޑްކޮމުން ބުނާ ގޮތުގައި، އެ ކޮމިޝަނުގެ ނައިބު ރައީސް މިދިޔަ އަށެއްކަ މަސްދުވަހު، ބަރާބަރަށް މުސާރަ ނެންގެވި ނަމަވެސް އެބޭފުޅާ އުޅުއްވާ ތަނެއް ކޮމިޝަނަކަށް ނޭނގެ އެވެ. އެނގިފައިވާ ގޮތުގައި ވޭތުވެދިޔަ އަށެއްކަ މަސްދުވަހު ސޮފްވާން އުޅެމުން އަންނަނީ ރާއްޖޭން ބޭރުގަ އެވެ. ކޮން ގައުމެއްގައި ކަމެއް ނޭނގެ އެވެ. އުޅޭ ތަނެއް އޮފީހަކަށް ވެސް އަންގާފައެއް ނުވެ އެވެ. އެކަމަކު މުސާރަ ޖަމާކޮށްފިތޯ ބަލަން މަހުގެ ފަހުކޮޅު ކޮމިޝަނުގެ އެހެން ބައެއް މެންބަރުން ފޯނުން ގުޅާކަމަށްވެ އެވެ.

އޭސީސީން ބުނާ ގޮތުގައި އެ ކޮމިޝަނުގެ ރައީސް އޭޕްރީލް 15ގެ ފަހުން ވަނީ "ގެއްލިފަ" އެވެ. އިތުރު މައުލޫމާތެއް ނުވަތަ ޚަބަރެއް ވެސް ނެތެވެ.

މިއީ މިނިވަން މުއައްސަސާތަކުގެ ހާލަތު ހުރި ގޮތެވެ. މި ދައްކަނީ ރައްޔިތުންގެ މަޖިލީހުން ހަދާފައިވާ ވަކި ދެ ގާނޫނެއްގެ ދަށުން ހިންގަމުން އަންނަ މިނިވަން ދެ ކޮމިޝަނެއްގެ ރައީސާއި ނައިބު ރައީސް ގެ ވާހަކަ އެވެ. ބަޔަކު ހައިރާނެއް ނުވާނެ ހެއްޔެވެ!

ސުވާލަކީ، މި ކަމުގެ ޒިންމާ ނަގާނީ ކޮން ބަޔެއްތޯ އެވެ! ދައުލަތުގެ ބަޖެޓުން، ރައްޔިތުންގެ ޚަޒާނާއިން ކޮންމެ މަހަކު ލައްކައެއްހާ ރުފިޔާ ވަޒީފާއަށް ނުނިކުމެ އުޅެމުންދާ ބަޔަކަށް ދެމުންދާ އިރު، މި ފައިސާ ރައްޔިތުންގެ ޚަޒާނާއަށް އަނބުރާ ހޯދާނީ ކިހިނެއް ހެއްޔެވެ؟ މީގެ ޒިންމާ ނަގާނީ ރައްޔިތުންގެ މަޖިލީހުން ހެއްޔެވެ؟ އޭސީސީ ނުވަތަ ބްރޯޑްކޮމުން ހެއްޔެވެ؟

ބްރޯޑްކޮމުން މަޖިލިސް ކޮމެޓީގައި ބުނިގޮތުގައި، އެ ކޮމިޝަނުގެ ނައިބު ރައީސް ވަޒީފާއަށް ނުނިކުންނަ އިރު، މުސާރަ ދޭން ޖެހޭތީ އެ މައްސަލަ ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް މި ދިޔަ ނޮވެމްބަރު މަހު ވަނީ ގެނެސްފަ އެވެ. އެހެން ނަމަވެސް އެކަމާ އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.

އޭސީސީން ބުނި ގޮތުގައި، އެ ކޮމިޝަނުގެ މެންބަރަކަށް ކުރީގެ ސަރުކާރުގައި ދިމާވި ހާލަތަކާ ގުޅިގެން، އެ ކޮމިޝަނަރުގެ ޗުއްޓީތައް ހަމަވި ފަހުން ވެސް އޮފީހަށް ނުނިކުންނެވޭ ގޮތް ވުމުގެ ސަބަބުން، މުސާރަ ދިނުމުގައި އަމަލުކުރާންވީ ގޮތެއް ބަލާން 18 ވަނަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން އެކަމާ މެދު ވެސް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.

އެހެން ކަމުން، އެނގޭން އޮތް ގޮތުގައި، އޭސީސީ އާއި ބްރޯޑްކޮމް އިން ވެސް މި ވަނީ މި ހާލަތު ދިމާވުމުން، މައްސަލަ މަޖިލީހުގެ ސަމާލުކަމަށް ގެނެސް އަމަލުކުރާންވީ ގޮތެއް އެންގެވުމަށް އެދިވަޑައިގެންފަ އެވެ. އެއީ ގާނޫނުގައި އޮންނަ ގޮތުން ކޮމިޝަނަށް އެ ކޮމިޝަނުގެ މެންބަރެއްގެ މުސާރަ ހިފެހެއްޓޭނެ ހަމައެއް ގާނޫނުގައި ދައްކައިދީފައި ނެތީމަ އެވެ. އެކަމަކު ރައްޔިތުންގެ މަޖިލީހުން ވެސް އެކަމާ މެދު އެއްވެސް ފިޔަވަޅެއް އަޅައިފައެއް ނުވެ އެވެ.

ވިސްނާން ޖެހޭ ކަމަކީ، މި ފަދަ ކިތަންމެ ހާލަތެއްގައި، ކޮންމެވެސް ބަޔެއްގެ އިހުމާލުން ނަމަވެސް، ރައްޔިތުންގެ ޚަޒާނާއިން އެތައް ފައިސާއެއް ގެއްލިގެން އެބަދެ އެވެ. ފަހުން އެކަމާ މެދު ފިޔަވަޅެއް ނޭޅެ އެވެ. މި މައްސަލައިގައި ވެސް އަދި ވެސް ވަކި ފިޔަވަޅެއް ނާޅަ އެވެ. މިހާތަނަށް މިކަން ގޮސްފައިވާ ގޮތަށް ބަލާ އިރު ވެސް މީގެ ޒިންމާ ނަގާނީ ކޮން ބަޔެއް ކަމެއް ނޭނގެ އެވެ. ހުރިހާ ކަމެއްގައި ވެސް ފެންނަނީ އެއްބަޔަކު އަނެއް ބަޔެއްގެ ކުށް ހޯދަން މަސައްކަތް ކުރަމުންދާ މަންޒަރެވެ. ރައްޔިތުންނަށް ވަމުންދާ މާލީ ގެއްލުމުގެ ހަގީގީ ބަދަލު ހޯދޭ ދިމާއަކަށް ކަންކަމުގެ އަމާޒެއް ނުހިފެ އެވެ.

މަދު މީހަކު ނޫނީ ކުރާނެ ކަމެއް ނޫނެވެ.... އެކަމަކު މި ކަމުގައި އެންމެ ފަސޭހައިން މައްސަލަ ހައްލު ވާނީ އޭސީސީގެ ރައީސް ހަސަން ލުތުފީ އާއި ބްރޯޑްކޮމްގެ ކުރީގެ ނައިބު ރައީސް، މިހާރު މެންބަރު އިސްމާއީލް ސޮފްވާން ވެސް މުސާރަ ނުނެންގެވުމުންނެވެ. އެއީ ތިޔަބޭފުޅުންނަށް ހައްގު މުސާރައެއް ނޫންކަން އަމިއްލައަށް ވެސް އެނގިވަޑައިގަންނަވާނެ އެވެ. ނިމިދިޔަ ތަނުގައި ލިބިވަޑައިގެންނެވި ބައި ވެސް ހަވާލުކުރެއްވުން އެއީ ރީތި ގޮތަކަށް ވާނެ އެވެ.

ނިމިދިޔަ ދުވަސްތަކަށް އެ ދެބޭފުޅުންނަށް މުސާރަ އާއި އިނާޔަތްތައް ދޫކުރި މައްސަލައިގައި، އިހުމާލުވި ފަރާތަކީ ކޮބައިތޯ ބަލައި ފިޔަވަޅު އެޅުމަކީ ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކުން ލަސްނުކޮށް ކުރާން ޖެހޭ ކަމެކެވެ. ގާނޫނީ ހުސްކަމެއް ނަމަ، ގާނޫނަށް ގެންނާން ޖެހޭ އިސްލާހުވެސް ގެނައުމަށް ހުރަހެއް އޮތް ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ. ރައްޔިތުންގެ ޚަޒާނާއިން އެންމެ ލޯލާރިޔެއް ވެސް ގާނޫނުގައި އޮތް ހުސްކަމެއްގެ ސަބަބުން ގެއްލިގެންދާ ނަމަ، އެ ކަމެއް ވަގުތުން ވަގުތަށް އިސްލާހުކުރުމަކީ މަޖިލީހަށް ރައްޔިތުން ހޮވާފައި ތިބި 85 މަންދޫބުންގެ ޒިންމާއެކެވެ. އެ މަންދޫބުންގެ އެންމެ މުހިންމު އަދި ބޮޑު މަސްއޫލިއްޔަތަކީ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށްދިނުމެވެ. އެ މަންދޫބުންގެ އެންމެ މަތީ މަސްލަހަތަކަށް ވާން ވާނީ ޚަޒާނާގައި ފޫވެއްޓިފައި ހުރި ތަނެއް ހުރިކަން ފާހަގަވާ ހިސާބުން ލަސްކުރުމެެއް ނެތި އެތަން ބެއްދުމެވެ.