Close
ޚަބަރު

ހުމާމްއާ ގުޅޭގޮތުން އަބްދުﷲ ސައީދު ދެއްކެވި ވާހަކަތައް މިހާރުން މިހާރަށް ތަހުގީގުކުރުމަށް ގޮވާލަން: އާއިލާ

2

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައާއި އެ މައްސަލައިގައި މަރަން ހުކުމް ކޮށްފައިވާ ހުސެން ހުމާމްއާ ގުޅޭގޮތުން ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ދައްކަވާފައިވާ ވާހަކަތައް މިހާރުން މިހާރަށް ތަހުގީގުކުރުމަށް ކަމާބެހޭ މުއައްސަސާތަކަށް ހުމާމްގެ އާއިލާ އިން ގޮވާލައިފިއެވެ.

މީސްމީޑިއާގައި ދައުރުވާ އޯޑިއޯގައި އަބްދުﷲ ސައީދު ވިދާޅުވެފައިވަނީ ޑރ. އަފްރާޝީމް މަރާލި މައްސަލައިގެ ކަންކަން ހުމާމަށް ނޭނގޭނެ ކަމަށެވެ. އަދި ހުމާމް މަރަން ހުކުމްކުރެއްވި އިރު، އެކަމުގެ ފަހަތުގައި ވަނީ ރައީސް ޔާމީން ކަމަށް ދޭހަވާ މޭރުމަކުން ވެސް އަބްދުﷲ ސައީދު ވާހަކަދައްކަވާފައިވެއެވެ.

ހުމާމްގެ އާއިލާގެ ފަރާތުން އޭނާގެ ބައްޕަ އަހްމަދު ޚަލީލް ނެރުނު ބަޔާނެއްގައި ބުނީ އަބްދުﷲ ސައީދުގެ އެ މައްސަލަ މިހާރުން މިހާރަށް ތަހުގީގުކުރުމަށް ފުލުހުންނާއި މަރުތަކާ ބެހޭ ކޮމިޝަނާއި ކަމާ ބެހޭ އެންމެހާ މުއައްސަސާތަކަށް ގޮވާލާ ކަމަށެވެ. އަދި އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އިދާރާ އިން އަންގާފައިވާ އެންގުމަށް ޖަވާބުދާރީވުމަށް ވެސް ހުމާމްގެ އާއިލާ ސަރުކާރަށް ވަނީ ގޮވާލައިފައެވެ.

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އިދާރާ އިން މީގެ ކުރިން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ ހުމާމް ދޫކޮށްލަން ދިވެހި ސަރުކާރަށް ގޮވާލާ ކަމަށާއި އެ މައްސަލައިގެ ޝަރީއަތް ކުރިއަށްގެންދާ ނަމަ، އިންސާފުވެރި ޝަރީއަތެއް ހުމާމަށް ކަށަވަރުކޮށްދޭން ޖެހޭ ކަމަށެވެ. އަދި އެ ރިޕޯޓު ދިވެހި ބަހުން ޝާއިޢުކޮށް، އެ ރިޕޯޓަށް ޖަވާބުދާރީވުމަށް ވެސް އެ އިދާރާގެ ރިޕޯޓުގައި ގޮވާލާފައިވެއެވެ.

ހުމާމްގެ އާއިލާ އިން ނެރުނު ބަޔާނުގައި ބުނީ އދ.ގެ އެންގުމަށް ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނުން ބީރު ކަންފަތެއް ދީފައިވާތީވެ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި އިންސާނީ ހައްގުތައް ރައްކާތެރިކޮށް ހިމާޔަތްކުރުމަށް ތިބޭ ބައެއްގެ ފަރާތުން އިހުމާލުވެފައިވާކަން ފާހަގަކުރާ ކަމަށެވެ.

އދ.ގެ އެ އެންގުމަކީ އާދައިގެ ޖަމިއްޔާއަކުން ނެރެފައިވާ އެންގުމަކަށް ނުވާ އިރު، އެއީ އިންސާނެއްގެ އެތަކެއް ހައްގުތަކެއް ނަގާލެވިފައިވާ އެނގެން އޮތް އެނގުމެއް ކަމަށާއި ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނުން އެކަމާ އަޅައިނުލުމަކީ އެ މުއައްސަސާއާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

ހުމާމްގެ އާއިލާ އިން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ ސަރުކާރު ބަދަލުވުމާ ގުޅިގެން ހަމާމަށް ލިބެމުންދާ އަނިޔާތަކަށް އިންސާފު ލިބޭނެ ކަމަށް އުންމީދުކުރެވުނު ނަމަވެސް މިއަދުގެ ސަރުކާރުން ވެސް އެކަށީގެންވާ އިންސާފު ލިބެމުން ނުދާ ކަމަށެވެ. އަދި އަބްދުﷲ ސައީދުގެ އޯޑިއޯގެ މައްސަލަ ތަހުގީގުކުރުމަށާއި އދ.ގެ އެންގުމަށް ވީހާވެސް އަވަހަށް ޖަވާބުދާރީވުމަށް ހުމާމްގެ އާއިލާ އިން ވަނީ ގޮވާލައިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟