ޚަބަރު

ޔާމީނަށް ލަނޑުދެއްވީ އަޅުގަނޑު: އަބްދުﷲ ސައީދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ލަނޑުދެއްވީ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ކަމަށް އޭނާ ވިދާޅުވާ އޯޑިއޯއެއް ލީކުވެއްޖެއެވެ.

އެ އޯޑިއޯގައި އަބްދުﷲ ސައީދު ވަނީ ގިނަ ވާހަކަތަކެއް ދައްކަވައިފައެވެ. އެގޮތުން މިދިޔަ އަހަރުގެ ފެބްރުއަރީ އެކެއްގައި ނެރުނު އަމުރުގެ އިތުރުން ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައާ ގުޅޭގޮތުން ވެސް ވާހަކަތަކެއް ދައްކަވާފައިވެއެވެ.

އެ އޯޑިއޯގައި އަބްދުﷲ ސައީދު ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ ސަރުކާރުން ބޭނުންވަނީ ސިޔާސީ ފަރާތްތަކާއި މަޖިލިސް މެމްބަރުން އަދި ވަކީލުން ވެސް ހައްޔަރުކުރަން ކަމަށާއި އެކެއް ފެބްރުއަރީގެ އަމުރާ ގުޅިގެން ރައީސް ޔާމީނަށް ލަނޑެއް ލިބިވަޑައިގެންނެވި ކަމަށެވެ. އަދި އެކެއް ފެބްރުއަރީގެ ހުކުމަށް ފަހު، ބެންޗާ ކުޅުމުގެ ފުރުސަތު ލިބިފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

އެކެއް ފެބްރުއަރީގެ އަމުރު ލިޔުއްވީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު ކަމަށާއި ނަމަވެސް އެ ހުކުމް ޑްރާފްޓްކުރީ އަބްދުﷲ ސައީދުގެ އިރުޝާދުގެ ދަށުން ކަމަށް ވެސް އެ އޯޑިއޯގައި އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.

އެ އޯޑިއޯގައި އަބްދުﷲ ސައީދު ވަނީ މިހާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއާ ވެސް ބައްދަލުކުރައްވާފައިވާކަން ވެސް ފާހަގަކުރައްވައިފައެވެ. އެ ބައްދަލުވުމުގައި އެކެއް ފެބްރުއަރީ އަމުރު ވަރުގެ އަމުރެއް ފެނިވަޑައިނުގަންނަވާ ކަމަށް ޑިފެންސް މިނިސްޓަރު ފާހަގަކުރެއްވި ކަމަށާއި ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ތައުރީފުކުރެއްވި ކަމަށް އަބްދުﷲ ސައީދު ވިދާޅުވެފައިވެއެވެ.