ސުޕްރީމްކޯޓުގެ ފަނޑިޔާރު އަބުދުﷲ ދީދީގެ ސުލޫކީ މައްސަލަ ބައްލަވާ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ކޮމިޓީގައި ތިބެއްވި ތިން ބޭފުޅުން ކަމުގައިވާ، ޖޭއެސްސީގެ ނާއިބު ރައީސް މަސްތޫރު ހުސްނީ އާއި، އެ ކޮމިޝަންގެ މެންބަރުން ކަމުގައިވާ، ބަންޑާރަ ނާއިބު އިބްރާހިމް ރިފްއަތު އާއި އަލްއުސްތާޒާ ހިސާން ހުސެއިން އަކީ ބަލުމުން އަންނަ މައްސަލައިގެ މަސްތަހަތު ހިމެނި ވަޑަިއގަންނަަވާ ބޭފުޅުން ކަމަށްވާތީ، އެ ތިން ބޭފުޅުން އެ ކޮމިޓީން ތަނާޒަލުވެވަޑައިގަތުމަށް، ނުވަތަ އިސްތިއުފާ ދެއްވުމަށް މައްސަލަ ރައްދުވާ ފަނޑިޔާރު އަބުދުﷲ ދީދީ އާއި އެ މަނިކުފާނުގެ ވަކީލުން އެދި ވަޑައިގެންފިއެވެ.
ޝަރީއަތުގެ މަޖިލީހުގައި ޖޭއެސްސީގެ ފަރާތުން ހުށަހެޅި ސުވާލުތަކަށް ޖަވާބު ދެއްވަމުން ފަނޑިޔާރު ދީދީ އާއި އެމަނިކުފާނުގެ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު އާއި މުހައްމަދު ސަލީމް ވިދާޅުވީ، ޖޭއެސްސީން ބަލަމުން އަންނަ މައްސަލައަކީ، އެ ކޮމިޝަންގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ޖޭއެސްސީއަށް ހުށަހެޅުއްވި މައްސަލައެެއް ކަމަށާއި، އެ މައްްސަލަ ރައްދުވާ ފަނޑިޔާރު ދީދީ އަކީ، މީގެ ކުރިން ރައީސް ނަޝީދުގެ މައްޗަށް ހުކުމް އިއްވި ފަނޑިޔާރަކަށް ވެފައި، ޖޭއެސްސީގެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ތިން ބޭފުޅުންނަނީ، އެ މައްސަލައިގައި ރައީސް ނަޝީދުގެ ދިފާއީ ވަކީލުންގެ ގޮތުގައި ވަކާލާތު ކުރެއްވި ތިން ބޭފުޅުންނަށް ވާތީ އެކަމުގައި އެ ބޭފުޅުންގެ މަސްލަހަތު ހިމެނޭ ކަމަށެވެ. އެހެންކަމުން އެ ތިން ބޭފުޅުން ކޮމިޓީިން އިސްތިއުފާ ދެއްވުމަށްފަހު އެހެން ބަޔަކު ކޮމިޓީގައި ހިމެނުމަށް އެ ބޭފުޅުން އެދިވަޑައިގެންނެވިއެވެ.
ނަމަވެސް ޖޭއެސްސީގެ ކޮމިޓީގައި ތިއްބެވި، އެކޮމިޝަންގެ ނާއިބު ރައީސް މަސްތޫރު ވިދާޅުވީ، އެބޭފުޅުން އެގޮތަށް ދެކެވަޑައިގެންނެވި ނަމަވެސް ކޮމިޓީން އިސްތިއުފާ ނުދެއްވާނެ ކަމަށެވެ. އަދި ހިސާން ވިދާޅުވީ، ކޮމިޓީން ބަލަމުން އަންނަ މައްސަލައަކީ ފުލުހުން ބަަލަމުން އަންނަ މައްސަލައަކާ ގުޅިގެން ޖޭއެސްސީގެ އިސް ނެންގެވުމުގެމަތީން ބަލަމުން އަންނަ މައްސަލައެއް ކަމަށެވެ. އެ ކަމުގައި ފަނޑިޔާރު ދީދީއާއި އެއްވެސް ޒާތީކަމެއް ނެތުމުން ކޮމިޓީން އިސްތިއުފާ ނުދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ފަނޑިޔާރު އަބުދުﷲ ދީދީ ރައީސް ނަޝީދުގެ މައްޗަށް ހުކުމް އިއްވެވީ ރައީސް ނަޝީދުގެ ވެރިކަމުގައި އޭރު ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ ގޮތުގައި ހުންނެވި އަބްދުﷲ މުހައްމަދު ގާނޫނާ ހިލާފަށް ހައްޔަރު ކުރި މައްސަލައިގައެވެ.
ފަނޑިޔާރު އަބުދުﷲ ދީދީ ގެ މައްސަލަ ބަލާ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ، ޖޭއެސްސީގެ ނާއިބު ރައީސް މަސްތޫރު ހުސްނީ އާއި، ބަންޑާރަ ނާއިބު އިބްރާހިމް ރިފްއަތު އާއި ފަނޑިޔާރު އުސްތާޒު މުހައްމަދު އީސާފުޅުގެ އިތުރުން އަލްއުސްތާޒާ ހިސާން ހުސެއިން، އާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމުއެވެ.