ކުޅިވަރު

ކާޑިފް ބަލިކޮށް ލިވަޕޫލް އެއްވަނައަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑު އެންފީލްޑް ގައި އަލަށް ޕޮރޮމޯޓްވި ކާޑިފް ސިޓީ އަތުން ފަސޭހަކަމާއެކު މޮޅުވެ ލިވަޕޫލް ތާވަލުގެ އެއްވަނައަށް އަރައިފިއެވެ.

ރޭގެ މެޗު 1-4 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ލިވަޕޫލް އެއްވަނަ އަށް އެރީ 10 މެޗުނު ލިބުނު 26 ޕޮއިންޓާއެކުއެވެ. ތާވަލުގެ ދެވަނައިގައި އޮތް އެންމެ ފަހުގެ ޗެންޕިއަން މެންޗެސްޓާރ ސިޓީއަށް ލިބިފައިވަނީ 9 މެޗުން 23 ޕޮއިންޓެވެ. އެހެންކަމުން މިރޭ ވާދަވެރި ޓޮޓެންހަމްއާ ދެކޮޅަށް އެޓީމު ކުޅޭ މެޗުން މޮޅުވެ އަލުން އެއްވަނަ މަޤާމު ހޯދުމުގެ ފުރުޞަތު އެބައޮތެވެ.

ރޭގެ މެޗު ފަށައިގެން ފުރަތަމަ 10 މިނެޓުގެ ތެރޭގައި ލިވަޕޫލުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި މުޙައްމަދު ޞަލާހްއެވެ. ސަލާޙް ވަނީ އަލަށް ޕްރޮމޯޓްވި ޓީމުތަކާ ދެކޮޅަށް ލިވަޕޫލް އެންމެފަހުން ކުޅުނު ހަތަރު މެޗުގައިވެސް ލަނޑު ޖަހާފައެވެ. މެޗުގެ ފުރަތަމަ ހާފު 0-1 ގެ ލީޑަކާއެކު ނިމިގެން ދިޔަނަމަވެސް، ދެވަނަ ހާފުގައި ކުޅެން އެރި ޒެރްދާން ޝަޤީރީއާއެކު ލިވަޕޫލް ފެނުނީ މާބޮޑަށްވެސް ތަފާތުކޮށެވެ.

އެގޮތުން ލިވަޕޫލްގެ ދެވަނަ ލަނޑު މެޗުގެ 66 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސަޑިއޯ މާނޭ އެވެ. މިއީ އޭނާ ޕްރިމިއާ ލީގުގައި ކާމިޔާބުކުރި 50 ވަނަ ލަނޑެވެ. މާނޭ ވަނީ އޭނާގެ ކުރީގެ ކުލަބު ސައުތެމްޓަން އަށް 21 ލަނޑު އަދި ލިވަޕޫލަށް 29 ލަނޑު ކާމިޔާބުކޮށްދީފައެވެ.

ލިވަޕޫލް މި ލަނޑު ޖެހިތާ 10 މިނެޓުފަހުން ކާޑިފް ގެ ޕެޓަސަން ވަނީ އެޓީމަށް ލަނޑެއް ކާމިޔާބުކޮށްދީފައެވެ. މިއީ މިދިޔަ ފެބްރުއަރީ މަހުގެ ފަހުން އަމިއްލަ ދަނޑުގައި ލިވަޕޫލް ކޮޅަށް ވަން ފުރަތަމަ ލަނޑެވެ. އެޓީމު ވަނީ އަމިއްލަ ދަނޑުގައި ބައިކޮޅަށް ގޯލެއް ނުވަދެ 918 މިނެޓު ހަމަކޮށްފައެވެ.

ކާޑިފްގެ މި ލަނޑާއެކު އެޓީމަށް އުއްމީދެއް އާވިނަމަވެސް، ޝަޤީރީ ވަނީ އޭގެ ހަތްމިނެޓުފަހުން ސަލާޙް ތަނަވަސްކުރި ފުރުޞަތެއްގައި ލަނޑެއް ކާމިޔާބުކޮށްފައެވެ. އަދި އޭގެ ހަތަރު މިނެޓުފަހުން މާނޭ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ނަތީޖާ 1-4 އަށް ބަދަލުކޮށްލާފައެވެ. މިއީވެސް ސަލާޙް ތަނަވަސްކުރި ފުރުޞަތެއްގައި ކާމިޔާބުކުރި ލަނޑެކެވެ.

މިއީ ޕްރިމިއާ ލީގުގެ ފުރަތަމަ 10 މެޗުގައި ލިވަޕޫލަށް އެންމެ ގިނަ އަދަދަކަށް ޕޮއިންޓް ހޯދުނު 2008/09 ސީޒަނުގެ ރެކޯޑާ އެއްވަރު އަދަދެކެވެ. އެފަހަރުވެސް ލިވަޕޫލް ވަނީ ފުރަތަމަ 10 މެޗުން 26 ޕޮއިންޓް ހޯދާފައެވެ.