ވިޔަފާރި

ސޮނީ ބްރޭންޑްގެ ފުރަތަމަ ޝޯރޫމް ރާއްޖޭގައި ހުޅުވައިފި

މުހައްމަދު އައުޒަމް

1

ދުނިޔޭގެ މަޝްހޫރު ސޮނީ ބްރޭންޑްގެ އެކްސްކްލޫސިވް ފިހާރައެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ހުޅުވައިފިއެވެ. ހަބޭސް ބޮޑުބެރުގެ ފޯރިގަދަ ހުށަހެޅުންތަކާއި ކުލަގަދަ ރަސްމިއްޔާތަކާއެކު އަންގާރަ ދުވަހުގެ ރޭ ހުޅުވި މި ޝޯރޫމް ހުންނަނީ ހުޅުމާލެ ހޮސްޕިޓަލް ކުރިމަތި ކޮމާޝަލް ފުރަތަމަ ބްލޮކްގައެވެ.

ވަން އޮންލައިންއަށް މަޢުލޫމާތުދެއްވަމުން ސޮނީ ޝޯރޫމްގެ ޑިރެކްޓަރެއް ކަމަށްވާ ހަސަން ސައީދު ވިދާޅުވީ މި ޝޯރޫމަކީ މިހާތަނަށް ރާއްޖޭގައި ހުޅުވޭ ފުރަތަމަ ސޮނީ އެކްސްކްލޫސިވް ޝޯރޫމް ކަމަށެވެ. ނަމަވެސް މިބްރޭންޑްގެ އުފެއްދުންތައް މިހާރުވެސް ރާއްޖޭގެ ބައެއް ފިހާރަތަކުގައި އެހެނިހެން ބްރޭޑްތަކާއި އެއްކޮށްގެން ވިއްކައެވެ.

"އަޅުގަނޑުމެންގެ ޕްލޭންއަކީ ދުނިޔޭގެ މާކެޓަށް ސޮނީގެ ހުރިހާ ޕްރޮޑަކްޓެއް ނިކުންނައިރަށް އެ ޕްރޮޑަކްޓެއް ރާއްޖޭގައި އެވޭލަބަލްވުން، މިހާރުވެސް ސޮނީގެ ހޯމްތިއޭޓަރ ހުރިހާ ރޭންޖެއް އަދި ޓީވީގެ 2018 އިން ކުރީގެ ހުރިހާ މޮޑެލް ތަކެއްގެ ގާތްގަނޑަކަށް ހުރިހާ ސައިޒެއް ލިބެން ހުންނާނެ، ކެމެރާގެވެސް ހުރިހާ ރޭންޖެއް މިތަނުން ލިބެން ހުންނާނެ އަދި އާ ޕްރޮޑަކްޓްތައް ބާޒާރަށް ނުކުންނައިރު ޕްރީ އޯޑަރ ވެސް ކުރެވޭނެ،" ސޮނީގެ ޝޯރޫމް ހުޅުވުމަށް ފަހު ވަން އޮންލައިންއަށް ދެއްވި އިންޓަވިއުގައި ހަސަން ސައީދު ވިދާޅުވިއެވެ.

ހަސަން ސައީދު ވިދާޅުވީ ސޮނީގެ އެކްސްކްލޫސިވް ޝޯރޫމަކާއި ބަލާއިރު މިތަނުގެ އަގުތައް ހެޔޮވާނެ ކަމަށާއި ހުރިހާ ޕްރޮޑަކްޓްތަކަށް ވެސް އެއް އަހަރުގެ އިންޓަނޭޝަނަލް ވޮރެންޓީ ލިބޭނެ ކަމަށެވެ. އަދި ލީސިން މެދުވެރިކޮށް ވެސް މުދާ ނެގޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޯޕެނިން ޕްރޮމޯޝަނެއްގެ ގޮތުން ހުރިހާ ޕްރޮޑަކްޓް ތަކުންވެސް %10 ޑިސްކައުންޓް ލިބޭނެއެވެ. މި ޕްރޮމޯޝަން އެއް މަސްދުވަހަށް ކުރިއަށް ދާނެއެވެ.