ރައްޔިތުންގެ މަޖިލިސް

މަޖިލިސް ކަނބަލުންގެ ތާރީޚީ ފޮޓޯ: އިދާރީ އިންޖީނު ހިންގައިދިނުމުގެ އެންމެ އިސް ތިން މަގާމުގައިވެސް ކަނބަލުން

3

މި އާޓިކަލުގެ މައި ފޮޓޯގެ ގޮތުގައި ހިމަނާފައި އެވަނީ އިއްޔެ ރައްޔިތުންގެ މަޖިލީހުން ފެނުނު އާދަޔާ ޚިލާފު ހިތްގައިމު މަންޒަރެކެވެ. ރިޔާސަތު އަދި މުޅި އިދާރީ މޭޒު އެކީގައި ކަނބަލުން ފުރުއްވަމުން ގެންދެވި މަންޒަރު މީގެ ކުރީން ފެނުނު ހަނދާނެއް ނުވެ އެވެ. ބައެއް ދުވަސްތަކުގައި، މަޖިލީހުގެ މިހާރުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރިޔާސަތު ބަލަހައްޓަވާ އިރު، އެމަނިކުފާނަށް އަތްގާތްކޮށްދެއްވުމަށް، އަދި ބޭނުންފުޅުވާ ކަންކަމުގައި ލަފާ އެރުވުމަށް އިދާރީ މޭޒުގައި މުޅީން ވެސް ކަނބަލުން ތިއްބަވަަނިކޮށް ފެނިފައި އެބަ ހުއްޓެވެ.

މި އާޓީކަލުގެ މައި ފޮޓޯއަށް މީސް މީޑިއާގައި ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓުނީ ގިނަ ސަބަބުތަކެއް ހުރެގެންނެވެ. ފުރަތަމަ ކަމަކަށް މިއީ ތާރީޚީ ފޮޓޯއަކަށް ވުމެވެ. މަޖިލީހުގެ ރިޔާސަތުގައި ވެސް ކަނބަލަކު، އަދި މުޅި އިދާރީ މޭޒުގައި ވެސް ކަނބަލުން ތިއްބެވުމަކީ އާދައިގެ ކަމެއް ނޫނެވެ. އޭގެން ދައްކުވައިދެނީ އެ ކަނބަލުންގެ ގާބިލުކަމެވެ. ރާއްޖޭގެ ތާރީޚުގައި ވެސް ދުށް އެންމެ ބިޔަ އަދި ބޮޑު ރައްޔިތުންގެ މަޖިލިސްގެ ދުވެލި ހިފަހައްޓައިދިނުމުގައި އެ ކަނބަލުންގެ ދައުރުގެ މުހިންމު ކަމެވެ.

ރައްޔިތުންގެ މަޖިލީހުގެ އޮނިގަނޑު އެތުރިފައި އޮންނަ ގޮތަށް ބަލާ އިރު، އެ މަޖިލިސް ހިންގުމުގައި އިދާރީ އެންމެ އިސް ފަރާތަކީ މަޖިލީހުގެ އަމީން އާންމު އެވެ. އެ މަގާމުގައި މިއަދު ހުންނެވީ އަލްއުސްތާޒާ ފާތުމަތު ނިޔުޝާ އެވެ. އެ މަގާމަށް ނިޔުޝާ އައްޔަން ކުރެއްވީ 2018 ވަނަ އަހަރު އެވެ. އޭގެ ކުރީން ނިޔުޝާ ވަނީ މަޖިލީހުގެ އަމީން އާންމުގެ ނައިބު ކަމުގެ މަގާމު ހަ އަހަރު ދުވަހު ފުރުއްވައިފަ އެވެ. ނިޔުޝާ އަކީ 2006 ވަނަ އަހަރުން ފެށިގެން ގާނޫނީ ވަކީލެކެވެ. ގާނޫނުތައް ތަރުޖަމާ ކުރުމާއި ޑްރާފްޓް ކުރުމުގެ މަސައްކަތް ގިނަ އަހަރުތަކެއް ވާންދެން ކުރައްވާފައިވެ އެވެ. ލިޔުޝާ ވަނީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީން ބެޗްލަރ އޮފް ލޯސް ވިތް އޮނާސް އަދި އޮސްޓްރޭލިއާގެ އޮސްޓްރޭލިއަން ނެޝަނަލް ޔުނިވަސިޓީން މާސްޓަރ އޮފް ލޯ ހާސިލުކުރައްވައިފަ އެވެ. އޭނާ އަކީ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ އަންހެން އަމީން އާންމެވެ.

މަޖިލީސް ހިންގުމުގެ އެންމެ މުހިންމު ދެ ގުނަވަނަކީ، އިދާރީ ބަޔާއި ގާނޫނީ ބައި ކަމަށް ވާ އިރު، އެ މަޖިލިސް ހިންގުމުގެ ކަންކަމުގައި މަޖިލީހުގެ ރައީސަށް ގާނޫނީ ލަފާ ދެއްވުމުގެ ޒިންމާ އާއި މަސްއޫލިއްޔަތު އަދާކުރެއްވުމަށް ވެސް މިއަދު ހުންނެވީ ކަނބަލެކެވެ. އެއީ އަލްއުސްތާޒާ ފާތިމަތު ފިލްޒާ އެވެ. ފިލްޒާ އަކީ މަޖިލީހުގެ ކައުންސެލް ޖެނެރަލް އެވެ. ފިލްޒާ ވެސް މަޖިލީހުގައި އެ ޒިންމާ އަދާކުރައްވާތާ ގިނަ އަހަރުތަކެއް ވަނީ ވެފަ އެވެ. ފިލްޒާ ވަނީ ފާއިތުވި އަހަރު ތަކުގައި މަޖިލީސް ހިންގުމާ ގުޅޭ ވަރަށް މުހިންމު އަދި ސީރިއަސް މައްސަލަތަކުގައި އޭނާގެ ގާނޫނީ ލަފާ އާންމުކުރައްވައިފަ އެވެ.

މަޖިލީހުގެ އިދާރީ އޮނިގަނޑަށް ބަލާ އިރު، އެސިސްޓެންޓް ސެކެރެޓަރީ ޖެނެރަލް (ޓޭބަލް އޮފީސް) ގެ މަގާމުގައި ވެސް ހުންނެވީ ކަނބަލެކެވެ. އެއީ އަލް އުސްތާޒާ ހަނާން ހުސެއިން އެވެ.

ހަމަ މިއާއެކު މަޖިލީހުގެ ފޮރިން ރިލޭޝަންސްގެ ޑައިރެކްޓަރު ކަމުގައި ވެސް ހުންނެވީ ކަނބަލެކެވެ. އެއީ ޒުއްޔިނާ ބަދުރީ އެވެ. ބިއުރޯގެ އެސިސްޓެންޓް ޑިރެކްޓަރު ކަމުގައި ހުންނެވީ އާސިޔަތު ނިސްފާ އެވެ.

މަޖިލީހުގެ މި ފާހަގަކުރި މަގާމުތަކުގެ އިތުރުން އެ މަޖިލީހުގެ މުޅި އިދާރީ ހިންގުމުގައި ވެސް އެންމެ އިސް ދައުރެއް އަދާކުރަނީ ކަނބަލުންނެވެ. ކޮމެޓީތަކުގެ ކަންކަން ބެލެހެއްޓުމާއި އިދާރީ ގޮތުން ކުރާން ޖެހޭ އެނޫން އެންމެހައި ކަންކަމުގައި ވެސް އިސް ސަފުގައި ގިނައިން ތިބީ ކަނބަލުންނެވެ.

މަޖިލީހުގެ އޮނިގަނޑު މިހާރު އެތުރިފައި އޮތް ގޮތަށް ބަލާ އިރު، އެ މަޖިލީހުގެ މުޅި ހިންގުން އިދާރީ ގޮތުން ބިނާވެފައި އޮތީ، އަމީން އާންމާއި ކައުންސެލް ޖެނެރަލް އާއި އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލްގެ މައްޗަށެވެ. މި ތިން މަގާމުވެސް ފުރުއްވަމުން ގެންދަވަނީ، އުސްތާޒާއިންގެ ޝަރަފު އޮތް، ތިން ކަނބަލުންނެވެ. ފިރިހެން ބޭފުޅުންގެ ވެސް ދައުރެއް ނެތެކޭ ނޫނެވެ.

މަޖިލީހުގެ މީޑިއާ ޑައިރެކްޓަރު ހަސަން ޒިޔާއު ވަނީ މީސްމީޑިއާގައި މި އާންމުވި ފޮޓޯއާ ގުޅިގެން ޓުވީޓެއް ކުރައްވައިފަ އެވެ. ޒިޔާއުގެ ޓުވީޓުގައި ވިދާޅުވީ ރަނގަޅު ވާހަކަ އެކެވެ. މި ކަނބަލުންގެ ޚިދުމަތުގެ ވާހަކަ އަކީ ދެއްކުން މުހިންމު ވާހަކައެކެވެ. މިއީ ނަމޫނާ މަންޒަރެކެވެ. ބާރަށް ދައްކަން ޖެހޭ ވާހަކަ އެކެވެ.

ނިމިގެން ދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހަށް ވުރެ މި ފަހަރުގެ ރައްޔިތުންގެ މަޖިލީހުގައި އަންހެން މެންބަރުން މަދުވުމަކީ ގިނަ ބަޔަކު އުނިކަމެއްގެ ގޮތުގައި ފާހަގަކުރި ކަމެކެވެ. ކުރިޔަށް އޮތް މަޖިލިސް ތަކަށް އަންހެން މެންބަރުން އިތުރުވުމަކިީ ގައުމުގެ ކަންކަމުގައި ދެޖިންސު މިހާރަށްވުރެ ފުރިހަމަޔަށް ތަމްސީލުކުރުމަށް ލިބޭ އިތުރު ފުރުސަތަކަށް ވާނޭ ކަމަށް ބުނާ މީހުން މަދެއް ނޫނެވެ.

މަޖިލީހުގެ އިދާރީ ހިންގުމުގައި ކަނބަލުން އެ އަދާކުރައްވާ މުހިންމު މަސްއޫލިއްޔަތާއި ޒިންމާއިން، އެކަނބަލުން މަޖިލީހުގެ ކަންކަމަށް ތަސައްރަފު ފުދިފައި ތިއްބެވި މިންވަރު ކިތަންމެހާވެސް ރަނގަޅަށް ސާފުވެ އެވެ. ތާރީޚީ ރައްޔިތުންގެ މަޖިލީހަކާ އެކު، އެ ކަނބަލުންވެސް އެ ތިއްބެވީ ތާރީޚުގެ ތެރެޔަށް ވަދެވަޑައިގެންނެވެ.