މަލިކު

ކައިރި ... ނަމަވެސް ދުރުގައިވާ މަލިކު 13

އަބްދުﷲ ފާރޫގް ހަސަން

މަލިކުމީހުންގެ ދީން

މަލިކުން ފެނިފައިވާ ޤަދީމީ އާޘާރުތަކަށް ބަލާއިރުވެސް މިހާރު މަލިކު އެބައެއްގެ ތެރޭގައި ހިމެނިފައިވާ ޔުނިއަން ޓެރިޓަރީ އޮފް ލަކްޝަދީބުގެ އެހެނިހެން ރަށްރަށާ މަލިކާ ވަރަށް ބޮޑު ތަފާތެއް އެބަހުއްޓެވެ.

މަލިކަކީ ކުރީޒަމާނުގައި ދިވެހިރާއްޖޭގެ އަތޮޅެއް ކަމަށް ވުމާއެކު ރާއްޖެއެކޭ އެއްގޮތަށް މަލިކުން ފެނިފައިވާ ޤަދީމީ އާޘާރުތަކުންވެސް ސާބިތުވަނީ ރާއްޖެއާއި މަލިކަކީ ހިންދީ ދީނުގެ އަސަރު ކޮންމެވެސް ވަރަކަށް ހުރިކަމުގައި ވިޔަސް މައިގަނޑުގޮތެއްގައި ބުދުދީނުގެ އަހުލުވެރީން ދިރިއުޅުނު ދެތަންކަމެވެ. އެހެން ޢިބާރާތަކުން ދަންނަވާނަމަ މަލިކާއި ދިވެހިރާއްޖެއަކީ އެއްދީނެއްގެ އަހުލުވެރީން ދިރިއުޅުނު ދެތަން ކަމެވެ. އެއާ ޚިލާފަށް ލަކްޝަދީބުގެ އެހެނިހެން ރަށްރަށުން ފެނިފައިވާ އާސާރުތަކުން އެނގެނީ އެތާނގައި ކުރީގައިއޮތީ ހިންދުއިޒަމްކަމެވެ. އެހެންކަމާއެކު، މަލިކުން ފެނިފައިވާ އާޘާރުތަކުންވެސް އަޅުގަނޑުމެންނާއި މަލިކު މީހުންނަކީ އެއް އަޞްލެއްގެ އެއް ނަސްލެއްގެ އެއް ދީނެއްގެ ބަޔެއްކަން ސާބިތުވެއެވެ. މިއީވެސް ކެރެލާ މީހުންނަށްވުރެ ކުރިން މަލިކަށް ދިޔައީ ދިވެހީންކަމުގެ ސާފު ދަލީލެކެވެ.

މަލިކުގައި އިހުޒަމާނުގައި ހުރި އެންމެ ބޮޑު ބުދުކޯލު ހުރީ އަލޫޑިއަވަށުގެ ތުއްދާތިފާނުގޭ އަތިރިއާވީފަރާތުގައެވެ. މަލިކުގެ އަރަކަތުމިސްކިތް ހުންނަނީ އިހުގެ ބޮޑު ބުދުކޯލު ހުރި ތާނގައެވެ. އަޅުގަނޑުމެންގެ ރާއްޖޭގައިވެސް ރާއްޖެ އިސްލާމްވުމަށްފަހު ކުރީގެ ބުދުކޯލުތައް ހުރި ތަންތާނގައި މިސްކިތްތައް ބިނާކޮށްފައި ވެއެވެ. މާލޭ ދަރުމަވަންތަ ރަސްގެފާނު މިސްކިތްފަދަ މިސްކިތްތަކެވެ. މަލިކު ފަލައްސޭރިއަވަށުގެ ބުދުކޯލު ހުރިތަނަކީ އިހުގައި ނައިބުދުކޯލު ހުރިތަނެވެ. އެތާނގައި މިހާރު ހުންނަ ގޭގެ ނަމަކީ ބުދުކޮޅުގެ އެވެ. އެގޭގެ މަގުމަތީގައި ހުންނަ ވަޅަކީ، އިހުގެ ބުދުކޯލުގެ ވަޅެވެ.

މަލިކުގެ ފުއްޓަރުފަރާތުގައި ހުންނަ ކުންނުތަކުގެ ތެރެއިން އެތަންތާނގެ ދަށުގައި ބޮޑެތިވަޅުތައް ހުރި ގިނަތަންތަނަކީ އިހުގައި ބުދުކޯލުތައް ހުރި ތަންތަނެވެ. އަލޫޑިމަގު އަރެއްޕާލިކުންނުގެ ދެކުނުފަރާތުގައި މިހާރު އޮންނަ މަގުމަތީގައި އިހުގައި ބުދުކޯލެއް ހުއްޓެވެ. އެތަނުން 1982 ގައި ބުއްދާގެ ބުދެއްގެ ބޯފެނުނު ކަމުގައި މައުލަވީ ޢަލީ އިސްމާޢީލް ޢުމަރީ ބުނުއްވައެވެ. ހަމައެފަދައިން މަލިކު ދޮންކުންނުގޭ މެދުގޯތި ތެރެއިންވެސް ބުދުކޯލެއްގެ ބިންގާ ފެންނާން އެބައޮތެވެ.

ކުރީޒަމާނެއްގައި މަލިކުގައި ބުދުދީން އޮތްކަމުގައިވިޔަސް މިހާރު މަލިކުގެ އަހުލުވެރީންގެ ދީނަކީ މާތްވެގެންވާ އިސްލާމްދީނެވެ. އެމީހުންގެ މަޒުހަބަކީ ޝާފިޢީ މަޒުހަބެވެ. ލަކްޝަދީބާމެދު އިންޑިޔާގެ ރަސްމީދާއިރާތަކާއި ލަކްޝަދީބު އެޑްމިނިސްޓްރޭޝަންގެ ފަރާތުން ލިޔާ ލިޔުންތަކާއި އެ ލިޔުންތަކުގެ މައްޗަށް ބުރަވެ ބޭރުގެ ބައެއް ލިޔުންތެރީން ލިޔެފައިވާ ލިޔުންތަކުގައި ބަޔާންކޮށްފައިވަނީ "މަލިކު އިސްލާމްވީ ދިވެހިރާއްޖެއާ އެއްދުވަސްވަރެއްގައި" ކަމުގައެވެ.

ޝައްކެއްނެތެވެ. މަލިކު އިސްލާމްވެފައިވަނީ ރާއްޖެއާ އެއްދުވަސްވަރެއްގައެވެ. އަދި ކީއްތޯއެވެ. އޭރު މަލިކަކީ ރާއްޖޭގެ އެއް އަތޮޅު ކަމުގައި ވުމާއެކު މަލިކު އިސްލާމްވީ ރާއްޖެއާ އެކުގައެވެ. އެހެންކަމުން ރަނގަޅުގޮތަކީ މަލިކު އިސްލާމްވީ ރާއްޖެއާ އެކުގައޭ ބުނުމެވެ. މަލިކާއި މުޅި ދިވެހިރާއްޖެ އެބޭކަލެއްގެ އަތްޕުޅުމައްޗަށް އިސްލާމްވީ ބޭކަލެއް ކަމުގައި ރަސްމީގޮތުން ޤަބޫލުކުރެވިފައިވަނީ އަބުލްބަރަކާތުލް ބަރުބަރިލް މަޣުރިބީއެވެ. ނަމަވެސް އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އެބޭކަލަކީ މައުލާނަލްޙާފިޡް އަބުއްރިކާބު ޔޫސުފް ޝަމްސުއްދީނުއްތަބްރޭޒީ އެވެ. އިބްނުބަޠޫޠާ ލިޔެފައިވާ ލިޔުމެއް ފިޔަވައި ރާއްޖޭގައި ފެންނަންހުރި ތާރީޚީ ހެކިތަކާއި ދޫދޫމަތިން ވާރުތަވެފައިވާ ވާހަކަތަކުން ލިބޭ ޤަރީނާތަކާއި 19.11.1374ހ. ވީ އާދީއްތަވިލޭރޭ ދާރުލްޢުލޫމުގައި ބޭއްވުނު ރާއްޖޭގެ ރައްޔިތުންގެ މަޖްލިސްގެ ޖަލްސާއަކުން ޔޫސުފް ޝަމްސުއްދީނުއްތަބްރޭޒީގެ އަހަރުމަތިފުޅު ކިޔެވުމަށް ފާސްކޮށްފައިވާ ފާސްކުރުމުން ގަދަހެކި ލިބެނީ މިގޮތަށެވެ. ރާއްޖެ އިސްލާމްވީއިރު ރާއްޖޭގެ ތަޚުތުގައި އިންނެވީ އައްސުލްޠާން މުޙައްމަދު ބުނު ޢަބްދުﷲ ސިރީބަވަނާދީއްތަ މަހާރަދުން އާދެ، ދަރުމަވަންތަ ރަސްގެފާނެވެ.

ދިވެހިރާއްޖެ (މަލިކާއެކު) އިސްލާމްވީ 2 ރަބީޢުލްއާޚިރު 548ހ. ގައެވެ. މިއީ އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ މަލިކުގެ އަޚުން އެއްގޮތެއްގައި ޙިއްޞާކުރަންޖެހޭ ތާރީޚުގެ ބައެކެވެ.

ރާއްޖޭގެ އެހެނިހެން އަތޮޅުތަކެކޭ އެއްފަދައިން މަލިކު އިސްލާމްވުމަށްފަހު މަލިކުގައިވެސް އޮތީ މާލިކީ މަޒުހަބެވެ. ދިވެހީން ޝާފިޢީ މަޒުހަބު އިޚުތިޔާރުކުރީ އައްޝައިޚު މުޙަންމަދު ޖަމާލުއްދީން (ވާދޫ ދަންނަކަލޭގެފާނު) ގެ ތަޢުލީމުގެ ސަބަބުންނެވެ.

މަލިކުގެ މައުލަވީ ޢަލީ އިސްމާޢީލް ޢުމަރީ ބުނުއްވާގޮތުގައި މަލިކުމީހުން ޝާފިޢީ މަޒުހަބު ޚިޔާރުކުރީ ކަންނަންނޫރުގެ ހޮޅި މުސްލިމުންގެ ސަބަބުންނެވެ. އޭނާ އެހެން ބުނުއްވަނީ ރާއްޖެ ޝާފިޢީ މަޒުހަބު އިޚުތިޔާރުކުރި ދުވަސްވަރު މަލިކުއޮތީ ވަގުތީގޮތުން ޢަލީރާޖާގެ ދަށުގައިކަމަށް ބައްލަވާފައެވެ. ނަމަވެސް އަޅުގަނޑު ދެކޭގޮތުގައި ހޮޅީންގެ ސަބަބުން މަލިކަށް އެއްވެސް ބާވަތެއްގެ ދީނީއަސަރެއް ފޯރައިފައެއް ނެތެވެ. އޭގެ ހެއްކަކީ މަލިކުމީހުން އެއްވެސް ޒަމާނެއްގައި ދީން ދަސްކުރުމަށްޓަކައި މަލިޔާޅަމްބަސް ބޭނުންކޮށްފައިނުވާ ކަމެވެ. އަނެއް ހެއްކަކީ ބޮޑުތަކުރުފާނުގެ ދައުރާއި ކަލާފާނުގެ ދައުރުގައިވެސް މަލިކުގެ މައްޗަށް ރާއްޖޭގެ ނުފޫޒު ނުހަނު ގަދަކަމާއި އޭގެފަހުންވެސް ދިވެހި ރަސްރަސްކަލުން މަލިކު މިނިވަން ކުރައްވައި ރާއްޖޭގެ އަތޮޅެއްގެ ގޮތުގައި ގެންގުޅުއްވާފައިވުމާއި، ފެށުނީއްސުރެ މިއަދާހަމަޔަށްވެސް މަލިކުމީހުން ދީން ދަސްކުރަމުން ގެންދަނީ ރާއްޖޭގައި ލިޔެވޭ ދީނީ ފޮތްފޮތުން، ދިވެހިބަހުން ކަމުގައި ވާކަމެވެ. އަޅުގަނޑުވެސް އެއްބަހެވެ. މަލިކުމީހުން ޝާފިޢީ މަޒުހަބު ޤަބޫލު ކުރުމުގައި ކަންނަންނޫރު މީހުންނަކީވެސް ޝާފިޢީން ކަމުގައި ވުމުން އިތުރު މައްސަލަތަކެއް ކުރިމަތިނުވެ ދިއުމަކީ ވުން އެކަށީގެންވާ ކަމެކެވެ.

ތެދުތެދަށް ދަންނަވާނަމަ އެއްވެސް އިރެއްގައި މަލިކުގެ ޢާންމުން ތިބެނީއަކީ އެމީހުންނަކީ މުސްލިމުންކުރެ ކޮން މަޒުހަބެއްގެ ބަޔެއްކަން އެނގޭފަދަ ދީނީ ހޭލުންތެރިކަމެއްގައެއް ނޫނެވެ. ވާދޫ ދަންނަކަލޭގެފާނު މާލެ ވަޑައިގެންނެވިއިރު މަލިކު ފިޔަވައި ދިވެހިރާއްޖޭގެ އެހެން އަތޮޅުތަކުގެ މީހުންނާއި މާލޭމީހުންވެސް ތިބީ އެފަދަ ޙާލެއްގައެވެ. އެހެންކަމުން އެކަލޭގެފާނުގެ ތަޢުލީމުން ދިވެހީންގެ (މަލިކުމީހުންވެސް ހިމެނޭގޮތުން) މަޒުހަބު ބަދަލުވެގެން ދިޔައީ އެއްވެސްކަހަލަ މަޒުހަބީ ހަމަނުޖެހުމަކާ ނުލައެވެ. މަލިކުގައި މިހާރު ކޮންމެވެސް މިންވަރަކަށް ގާދިޔާނީ ޚިލާޔުވެސް އެބައޮތެވެ.

މަލިކު އިސްލާމްވުމަށްފަހު މަލިކުގައި މިހާރުވަނީ ވަރަށްގިނަ މިސްކިތްތައް ޢިމާރާތް ކުރެވިފައެވެ. ނަމަވެސް އެންމެ މުހިންމު ދެމިސްކިތަކީ މާމިސްކިތާއި ބާޑަމިސްކިތެވެ. މަލިކުގައި ހުކުރުކުރަނީ އެދެމިސްކިތުގައެވެ. މިހާރު މަލިކުގައި 23 މިސްކިތް އެބަހުއްޓެވެ. އެމިސްކިތްތަކަކީ:

1. ކޮޅުމިސްކިތް ފަލައްސޭރިއަވަށުގައި
2. ކޮށީމަގު މިސްކިތް "
3. އީސަ މިސްކިތް ކުދެހިއަވަށުގައި
4. ބަންޑާރަ މިސްކިތް "
5. ގިރުވައި މިސްކިތް ފުންހިލޯޅު އަވަށުގައި
6. މާމިސްކިތް "
7. ކުޑަމިސްކިތް/އައުމިސްކިތް "
8. ބިއްދަށު މިސްކިތް އަލޫޑި އަވަށުގައި
9. އޯނދު މިސްކިތް "
10. އަރަކަތު މިސްކިތް "
11. މުށި މިސްކިތް އަލޫޑި އަވަށުގައި
12. ރާތިބު މިސްކިތް ސޭޑިވަޅު (ބޮޑުރަށްމެދުގައި)
13. ރަށްމެދު މިސްކިތް ރަށްމެދުއަވަށުގައި
14. ސަރުމައްޓި މިސްކިތް ރަށްމެދުއަވަށުގައި
15. އުޑިންނަ މިސްކިތް ސޭޑިވަޅު އަވަށުގައި
16. ކަންޑަމާތު މިސްކިތް ބޮޑުއަތިރިއަވަށުގައި
17. ދޮންބި މިސްކިތް "
18. ބަޑިފާލު މިސްކިތް އައުމަގު އަވަށުގައި
19. ގިބުލަ މިސްކިތް/ފުޅިބަލާ މިސްކިތް "
20. ބާޑަމިސްކިތް ބާޑައަވަށުގައި
21. އައްޑުކާ މިސްކިތް "
22. އޮޑިވަޅު މިސްކިތް "
23. ބަންޑާރަ މިސްކިތް/ބަދްރުމިސްކިތް ބަންޑާރަގަނޑުގައި

މިތޭވީސް މިސްކިތެވެ. މިމިސްކިތްތަކުގެ ތެރެއިން ސޭޑިވަޅު ރާތިބު މިސްކިތަކީ (ލިސްޓުގެ 12 ވަނައަށް) އަޅުގަނޑުމެންގެ ޤައުމީ ބަޠަލު އައްސުލްޠާނުލްޣާޒީ މުޙަންމަދު ތަކުރުފާނުލްއަޢުޡަމަށް މަލިކު ރައްޔިތުން އަޅައިދިން މިސްކިތެކެވެ. އެރަދުން ހުންނެވުމަށް މަލިކު ރައްޔިތުން އަޅައިދިން ގެ (ދިވެހި ގަނޑުވަރު) އާ އިންވެގެންނެވެ. ސޭޑިވަޅު ރާތިބު މިސްކިތަކީ ވަރަށް ކުޑަ މިސްކިތެކެވެ. މިސްކިތާ ގުޅިގެން ހިސާބަކަށް ހުސްބިންވެސް އެބައޮތެވެ. އެހެންކަމުން މަލިކުގެ އަޚުންނާއި އުޚުތުން އަޅުގަނޑުމެންގެ ޤައުމީ ބަޠަލަށް ބެހެއްޓި އިޙުތިރާމާއި، އެހީތެރިކަމާއި، ކަމޭހިތުމަށް ޝުކުރުވެރިވުމުގެ ގޮތުން ދިވެހިރައްޔިތުން އެމިސްކިތް ރަނގަޅު ފެންވަރަކަށް ހަދައިދެވޭތޯ ބެލުން ރަނގަޅެއް ނުވާނެބާއޭ އަޅުގަނޑު ހިތަށް އެރިއެވެ. މިއީ އެމިސްކިތް ފެނި އެމިސްކިތުގައި ނަމާދު ކުރެވުމުގެ ނަސީބު ލިބުމުން އަޅުގަނޑުގެ ހިތުގައި އުފެދުނު ޝުޢޫރެކެވެ.

(ނުނިމޭ)