ދ. މާއެނބޫދުއަށް މިއަދު އުދަ އަރައި ރަށު ތެރޭގައި ފެންބޮޑުވުމުގެ ސަބަބުން 13 ގެއަކަށް ގެއްލުންވެއްޖެއެވެ.
''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން މާއެނބޫދޫ ކައުންސިލުގެ ރައީސް އަހުމަދު ފިކުރީ މިރޭ ވިދާޅުވީ މިއަދު 1:45 ހާއިރު ދިޔަވަރު އެންމެ ބޮޑުވި ގަޑީގައި އައި ބާރުކޮޅިގަނޑަކާއެކު ރަށުތެރެއަށް އުދައަރާފައިވާ ކަމަށެވެ.
އެގޮތުން ރަށުގެ 400 ފޫޓު އެއްގަމަށް ރާޅު އަރާފައިވާކަމަށް ވިދާޅުވިއެވެ. އަދި އުދައިގެ ސަބަބުން 13 ގެއަކަށް ގެއްލުންވެ، އެއް ގޭގައި އައިސް އަލަމާރިއަށް ގެއްލުންވެފައިވާ ކަމަށް ފިކުރީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އުދައިގެ ސަބަބުން ރަށުތެރޭގައި ފެންބޮޑުވެ މޭވާ އަޅާ ގަސްތަކަށް ގެއްލުންވެފައިވާ ކަމަށެވެ. އަދި އުދައިގެ ސަބަބުން ލިބުނު ގެއްލުންތައް ކައުންސިލުން މިހާރު ބަލަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިރޭވެސް ދިޔަވަރު ބޮޑުވާ ގަޑީގައި އުދަ އަރާފާނެ ކަމަށް ރައްޔިތުން ސަމާލުވުމަށް އިލްތިމާސްކޮށްފައިވާނެ ކަމަށެވެ.
އެމްއެންޑީއެފުން ބުނީ މާއެނބޫދޫއަށް މިއަދު އުދައަރައި ރަށުތެރޭގައި ފެންބޮޑުވުމާއި ގުޅިގެން އެމްއެންޑީއެފުގެ ސެންޓްރަލް އޭރިއާގެ ކުޑަހުވަދޫ ފަޔަރު ސްޓޭޝަނުގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.