ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލާ ސުލޫކީ މައްސަލަތަކާއި ގުޅިގެން ލިބެންޖެހޭ އެއްބާރުލުން ފުރިހަމަޔަށް ދިނުމަށް ދިވެހި ފަނޑިޔާރުންގެ ޖަމިއްޔާއިން އިލްތިމާސްކޮށްފި އެވެ.
ދިވެހި ފަނޑިޔާރުންގެ ޖަމިއްޔާއިން މިއަދު އާންމު ކުރި ނޫސްބަޔާނެއްގައި ބުނީ ފަނޑިޔާރުންނަކީ ގާނޫނުގެ ކުރިމަތީގާއި އާންމު ރައްޔިތުންނެކޭ އެއްފަދައިން ހަމަހަމަ ބަޔެއް ކަމަށެވެ. ފަނޑިޔާރުންނާއި މެދު ހުށަހެޅޭ މައްސަލަތައް ގާނޫނާ އެއްގޮތަށް އަވަސްމިނެއްގައި ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަންޖެހޭ ކަމަށް ވެސް ފަނޑިޔާރުންގެ ޖަމިއްޔާއިން ބުނެފައި ވެއެވެ.
ގާނޫނީ ގޮތުން ފަނޑިޔާރަކާއި ގުޅޭގޮތުން ހުށަހަޅާ ޝަކުވާއެއް ނުވަތަ މައްސަލައެއް ބަލައި ފިޔަވަޅު އެޅުމުގެ ބާރު އޮންނަނީ ޖޭއެސްސީއަށް ކަމަށް ވާއިރު އެ ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ތަފާތުކުރުމެއްނެތި އެކަށީގެންވާ އަވަސްމިނެއްގައި ބަލައި ގޮތް ކަނޑައެޅުމަކީ އަދުލު އިންސާފަށް ކުރާ އިތުބާރު ބޮޑުވެގެންދާނެ ކަމެއްގެ ގޮތުގައި ފަނޑިޔާރުންގެ ޖަމިއްޔާއިން ދެކޭކަމަށް އެ ޖަމިއްޔާގެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި ޖޭއެސްސީން ބަލާ ސުލޫކީ މައްސަލަތަކާއި ގުޅިގެން ދައުލަތުގެ އެހެނިހެން އިދާރާތަކުން ލިބެންޖެހޭ އެއްބާރުލުން ފުރިހަމަޔަށް ދީ، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުތަކަށް ތަބާވުމަށް ހުރިހާ ފަނޑިޔާރުންނަށް އެ ޖަމިއްޔާއިން ވަނީ އިލްތިމާސްކޮށްފައެވެ.