މިދިޔަ އަހަރުގެ އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުުން ނެރުނު އަމުރުގެ ބައެެއް ބާތިލް ކުރަން، ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ސޮއިކުރެއްވި، މިހާރުގެ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކާ ދެކޮޅަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ސުލޫކީ މައްސަލައެއް ހުށަހަޅައިފިއެވެ.
އިތުބާރު ހުރި ފަރާތަކުން "ވަން އޮންލައިން" އަށް މައުލޫމާތުދެމުން ބުނީ، އެ މައްސަލަ ޖޭއެސްސީގެ ކައުންޓަރުން ބަލައިގެންފައިވާ ކަމަށެވެ.
ނަމަވެސް މިކަމާބެހޭ މައުލޫމާތު ހޯދުމަށް ޖޭއެސްސީގެ މީޑިއާ އޮފިޝަލް ހަސަން ޒަހީނާ ގުޅައިގެން ފޯނެއް ނުނަންގަވައެވެ. އަދި މެސެޖް ކުރުމުން ޖަވާބެއްވެސް ނުދެއްވައެވެ.
އެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅާފައިވަނީ އަމިއްލަ ފަރާތަކުންނެެވެ.
އެެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން އަމުރު ނެރުނީ، އޭރު ޖަލުގައި ތިއްބެވި، ސިޔާސީ ފަރާތްތަކެއް ދޫކޮށްލުމަށެވެ. ނަމަވެސް އެ އަމުރާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށް އޭރުގެ އުއްތަމަ ފަނޑިޔާރު، އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރިއެވެ.
އެބޭފުޅުން ހައްޔަރު ކުރުމަށްފަހު، އެއަމުރު ނެރެން ސޮއިކުރެއްވި އަނެއް ތިން ފަނޑިޔާރުން ކަމަށްވާ މިހާރުގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފްގެ އިތުރުން ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ސޮއިކުރައްވައި ވަނީ އެ އަމުރުން ބައެއް ބާތިލްކުރަން އަމުރެއް ނެރުއްވައިފައެވެ.
އެކެއް ފެބްރުއަރީގެ އަމުރު ބާތިލް ކުރުމަށް ސުޕްރީމް ކޯޓުން އެ އަމުރު ނެރެފައިވަނީ، ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު ހުށަހެޅުއްވި މައްސަލައަކާ ގުޅިގެންނެވެ.
ޖޭއެސްސީއަށް ސުލޫކީ މައްސަލަ ހުށަހަޅާފައި ވަނީ، ފުރަތަމަ އަމަރުގައި ސޮއި ކުރެއްވުމަށްފަހު، ހަމަ އެ ފަނޑިޔާރުން އެ އަމުރު ބާތިލް ކުރަން ސޮއި ކުރައްވާފައިވާ މައްސަލައިގައެވެ.