ޚަބަރު

ގާނޫނުގައިވާ ގޮތުގެ މަތިން ފަނޑިޔާރުން ޖަވާބުދާރީކޮށް ފާރަވެރިވެގެން މެނުވީ އިންސާފު ގާއިމެއް ނުކުރެވޭނެ: އޭޖީ

މަރިޔަމް ޝަހުދާ

ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން ފަނޑިޔާރުން ޖަވާބުދާރީކޮށް ފާރަވެރިވެގެން މެނުވީ އިންސާފު ގާއިމެއް ކުރެވުން ކަމުގެ އިހުސާސެއް ނުކުރެވޭނެ ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެ އެވެ.

ރިފްއަތު މިހެން ވިދާޅުވެފައިވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީ އިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑުކުރި މައްސަލަ ސުޕްރީމް ކޯޓުން ބާތިލް ކުރުމާ ގުޅިގެން ޖޭއެސްސީ އިން އެކަން ބަލައިނުގަތުމުން ސުޕްރީމް ކޯޓުން މިއަދު އެ ކޯޓުގެ އަމުރާ ހިލާފަށް ކުރާ ކޮންމެ ކަމަކީ ބާތިލް ކަމެއްކަމަށް ވިދާޅުވި ވިދާޅުވުމަށް އިޝާރާތްކުރައްވައެވެ.

ރިފްއަތު މިކަމާ ގުޅޭ ގޮތުން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގާނޫނު އަސާސީގައި ދައުލަތުގެ ބާރުތަކުގެ އިންތައް ސާފުކޮށް ބަޔާން ކޮށްދީފައިވާ ކަމަށެވެ. އަދި ސުޕްރީމް ކޯޓު ހިނގަން ވާނީ އިންސާފުގެ މަގުން ކަމަށް ރިފްއަތު ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރުގައި އެކޯޓުގެ އަމުރާ ހިލާފަށް ކުރާ ކޮންމެ ކަމަކީ ބާތިލް ކަމެއްކަމަށް ކަނޑައަޅާފައިވާއިރު، ފަނޑިޔާރު ސަސްޕެންޑް ކުރުމަށް ޖޭއެސްސީން ނިންމި ނިންމުމަކީ ގާނޫނީބާރު އޮތް ނިންމުމެއްކަމަށް މަޖިލީހުން ކަނޑައަޅަން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވަނީ ފާސްކޮށްފައެވެ.