ފުރާނަދަންދެން

ފުރާނަދަންދެން - 21

2

މާހިލް ދިޔަ ދިމާލަށް ބަލަހައްޓައިގެން އޭނާއަށް ހުރެވުނީ ވިސްނަންވީ އެއްޗެއް ނޭނގިފައެވެ. މާހިލަށް އިނގޭކަމަށް އެބުނަނީ ނާހިދްގެ ކޮންކަމެއް ހެއްޔެވެ؟ ނާހިދްގެ ސިއްރުވެރި ފަރާތެއް އޮތީ ހެއްޔެވެ؟ ނޫނެކެވެ. ނާހިދަކީ މާހިލް އެ ހީކުރާ ކަހަލަ މީހެއް ނޫނެވެ. ނާހިދަށް ވުރެ ބޮޑަށް އޭނާ އިތުބާރުކުރާ އެހެން އެއްވެސް ފަރާތެއް މިދުނިޔޭގައި ނެތެވެ. ދެފަރާތަށް ބޯ ހޫރާލުމަށްފަހު އަތުގައި އޮތް މާހިލްގެ ކާޑު އޭނާ ދަބަސް ތެރެއަށް ކޮށްޕާލިއެވެ.

"ނާހިދް" ނައިޝީ ސިހުނީ އޭނާގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ދާދި ކައިރީގައި ހުރި ނާހިދް ފެނިފައެވެ.

"ހާދަ ވަރަކަށް ތި ސިހުނީ. ބުނީމެއްނު ގެއާއި ދުރަށް ނުދައްޗޭ... ދެންވެސް ހިނގާދާން..." އެއްއަތުން ނައިޝީގެ އުނގަނޑުގައި އަތް އަޅުވާލަމުން ނާހިދް ބުނެލިއެވެ. ނައިޝީ ހަމަޖެހުމުގެ ނޭވައެއް ލިއެވެ. އެއްވެސް ކަމެއް ނާހިދަށް ފާހަގަނުވުމުން އޭނާ ހިތްހަމަޖެހުނެވެ.

"އާނ ހިނގާ.... ހިނގާފަތަ ތިއައީ އެހިސާބުން" ނާހިދާއި އެކުގައި ހިނގައިގަންނަމުން ނައިޝީ ބުނެލިއެވެ.

"ތަންކޮޅެއް އެކޮޅުގަ ސައިކު ބެހެއްޓީ. އެތަނުގައި ސައިކު ބަހައްޓާފައި ހިނގާފައި އައީ އިޝީ ހޯދަންވެގެން" ނާހިދް ބުނެލިއެވެ.

ނާހިދް ނައިޝީގެ މޫނަށް ތަފާތު ނަޒަރަކުން ބަލައިލިއެވެ. އޭނާއަށް ނައިޝީގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރު ފެނުނެވެ.

"ކޮބާ ގަތް އެއްޗެހި...؟" ނާހިދް އަހައިލިއެވެ.

"ނުގަނެވުނު... ވަކި ހިސާބަކުން އީވްއާއި ދިމާވެގެން އީވްގެ މޮޅެތި ވާހަތަކުގައި ޖެހުނީ. އެވާހަކަ ބުނަން ނާހިދަށް ގުޅަން އުޅެއުޅެ ނުގުޅުނު..." ނައިޝީ އޮޅުންފިލުވައިދިނެވެ.

"އެހެންތަ...؟ އީވް މިކޮޅަށް އައީތަ...؟ އަހަރެންގެ ވާހަކައެއް ނުދައްކާތަ...؟ ވާނެ އަދި ދެމީހުން އެއްކޮށް އީވްއާއި މީޓްކޮށްލަން ދޯ..." ނާހިދް ވާހަކަދެއްކިއެވެ. ނައިޝީ ބޯ ޖަހައިލިއެވެ.

"މީހަކު ދިމާކުރީތަ އިޝީ އާ... ކާކުކަން އިނގޭތަ އެއީ..." ނާހިދް ވާހަކަދެއްކީ ސައިކަލާއި ހަމައަށް ގޮސް މަޑުކޮށްލާފައެވެ. ނައިޝީއަށް ނާހިދްގެ މޫނަށް ބަލައިލެވުނީ ސިހުމަކާއި އެކުގައެވެ.

"ނު...ނޫން..... އާނ.... އެހެންވެ ނާހިދަށް ގުޅީ... ނަސީބަކުން އެމީހާ ފަހުން ހިނގައްޖެ..." ނައިޝީ އަވަސް އަވަހަށް ޖަވާބުދިނެވެ. ފަހުން ނާހިދް ސުވާލެއް ނުކުރިއެވެ. ނަމަވެސް ފަހަތުގައި ނައިޝީ އިނީ ހިތް ނުތަނަވަސް ވެފައެވެ. އޭނާ ނާހިދަށް ދޮގެއް ނަހަދައެވެ. އެހެން ނަމަވެސް މުޅިއަކުން ތެދަށްވެސް ވާހަކައެއް ނުދެއްކުނެވެ. އޭނާ ދެރަވިއެވެ. ފުރަތަމަ ފަހަރަށް އޭނާއަށް ނާހިދް ދުރުކޮށްލެވިއްޖެ ކަމުގެ އިހުސާސް ކުރެވިއްޖެއެވެ. ޝައްކުތަކެއް ނުކުރިޔަސް ހިތުގައި ވަހުމްތަކެއް އުފެދިއްޖެއެވެ.

ގަޑިން ބާރަޖެހުމާއެކު ގޭތެރޭގައި ނިއްވާލެވިފައިވި ބޮކިތައް ދިއްލިގެން ދިޔައެވެ. އެއާއެކު އިވެންފެށި އަޑުތަކުންނާއި ފެޅެންފެށި ހަންތަކުން މޯހަންދާސް ކައިރީގައި ހުރި އިނާޝާގެ ހުރިހާ ދަތްތަކެއް ފެންނަ ވަރަށް ހިނިތުންވެލިއެވެ. އިނާޝާގެ ކޮނޑުގައި ހިފާ ގާތްކޮށްލަމުން މޯހަންދާސް ވަރަށް ސިއްރުން އިނާޝާގެ ކަންފަތް ދަށުގައި އިނާޝާގެ ސާޅީސް ތިން ވަނަ އުފަން ދުވަހުގެ ތަހުނިޔާ ކިޔާލިއެވެ. މޯހަންދާސްގެ އެ އަމަލުން އިނާޝާގެ ހިނިތުންވުން އިތުރަށް ފުންވިއެވެ.

"ހެޕީ ބާތް ޑޭ މަންމާ....! އަބަދުވެސް މަންމަ ތިގޮތަށް ހިނިތުންވެފަ ހުންނައްޗެ. މަންމަގެ މިދެލޮލުން އެންމެ ކަރުނަތިއްކެއްވެސް ވެއްޓޭ މަންޒަރު ބަލާކަށް އަޅުގަނޑަށް ކެތެއްނުވާނެ. އަބަދުވެސް ހަނދާންކުރައްޗެ. އަޅުގަނޑުގެ އެންމެބޮޑު ހިތްވަރަކީ އަބަދުވެސް ތިއީކަން" އިނާޝާގެ މޫނުގެ ދެފަރާތުގައި ދެއަތުން ހިފާލައިގެން ހުރި ނާހިދް ދެއްކި ޖަޒުބާތުން ފުރިގެންވީ ބަސްކޮޅުން ހިތަށް ލިބުނު ހިތްހަމަޖެހުމުގައި އިނާޝާގެ ދެލޯ ކަރުނުން ފުރުނެވެ. ނާހިދް އިނާޝާގެ ނިތުގައި ލޯތްބާއެކު ބޮސްދިނެވެ. ކައިރީގައި ހުރި ނައިޝީވެސް އިނާޝާއަށް އުފަންދުވަހުގެ ތަހުނިޔާ ކިއިއެވެ.

"ހިނގާ ކޭކް ފަޅަން އަވަހަށް..." އިނާޝާގެ އަތުގައި ހިފާލަމުން ނައިޝީ ބުނެލިއެވެ.

އެރޭ ވެގެން ދިޔައީ އިނާޝާގެ ހަޔާތުގައި އައި ވަރަށް އުފާވެރި ރެއަކަށެވެ. އާއިލާގެ ތެރޭގައި ގޭތެރޭގައި ބޭއްވުނު ކުޑަކުޑަ ޕާޓީ ނިމިގެން ދިޔައީ އަނެއް ދުވަހުގެ ރޭ އާއިލާ އެއްކޮށް ކާން ދިޔުމަށް ގަޑިއެއް ކަނޑައެޅުމާއި އެކުގައެވެ.

ބޭރަށްދާން ތައްޔާރުވެގެން ނިކުތް ބުރުހާނުއްދީން ސަލްމާގެ ކޮޓަރީގައި ޓަކި ޖެހިއެވެ. ސަލްމާ ދޮރު ހުޅުވީ ވަރަށް ގިނައިރު ބުރުހާނުއްދީން ދޮރުގައި ތެޅި ފަހުންނެވެ.

"ދައްތަ... ނިދަނީތަ....؟ ސޮރީ އެހެންވިއްޔާ..." ބުރުހާނުއްދީން ވާހަކަދެއްކިއެވެ.

"ނޫން.. ފާހަނައިގަ އުޅުނީ.. ތަނަކަށް ދަނީތަ...؟" ސަލްމާ ވާހަކަދެއްކީ ބުރުހާނުއްދީން ހެދިލައިގެން ހުރި ވަރުންނެވެ. ބުރުހާނުއްދީން ބޭނުންކޮށްފައި ހުރި ސެންޓްގެ ވަސް މުޅި ސަރަހައްދު އެއްވަސް ކޮށްލައިފިއެވެ.

"ދައްތަ އަބަދުވެސް ބުނަމެއްނު ރަނގަޅު މީހަކާއި ކައިވެނިކުރާށޭ... މިއުޅެނީ އެކަމުގަ. ދައްތަ ކާލާ އިނގޭ.. މިރޭ ބޭރުން ކާނީ. ފަހަރެއްގައި މާހިލް ކައިފާނެ" ބުރުހާނުއްދީން ވާހަކަދެއްކިއެވެ. އޭނާގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ.

"އެންމެރަނގަޅު" ސަލްމާ ބުނެލިއެވެ. ބުރުހާނުއްދީން ނިކުމެގެން ދިޔަ މަންޒަރު ބަލަން ހުރިއިރު ސަލްމާގެ ތުންފަތް މަތީގައިވީ ކަންބޮޑުވުމުގެ އަސަރެވެ. އޭނާގެ ހުރި ހަމައެކަނި ކޮއްކޮއަށް ހެޔޮ ބަދަލެއް އައުމަށް އެދި އެވަގުތު ކޮޅުގައިވެސް އޭނާއަށް ދުޢާ ކޮށްލެވުނެވެ.

ރެސްޓޯރަންޓް ކުރިމައްޗަށް ހުއްޓާލި ކާރުން ފޭބީ އިނާޝާއާއި މޯހަންދާސް އެކީގައެވެ. މާކުރިން ނައިޝީއާއި ނާހިދް އައިސް ތިބީ ރެސްޓޯރަންޓް ކުރިމަތީގައެވެ. ނައިޝީއަށް އިނާޝާ ފެނުމާއެކު އަނގަމަތީގައި އަތް އަޅައިލިއެވެ. މީގެކުރިން ފެނިފައިނުވާހާ ރީތިކަން އިނާޝާގެ ވެއެވެ. މޯހަންދާސް އިނާޝާއަށް ދިން ހަދިޔާއަކީ އެވަގުތު އިނާޝާ ލައިގެން ހުރި ހެދުމެވެ. ވިލު ނޫކުލައިގެ ދިގު ހެދުން ހުރީ ފައިގެ ތަނބިކަށްޓަށް ވުރެ ކުޑަ ތަންކޮޅެއް މައްޗަށެވެ. ހެދުން ދަށުން ލާފައި ހުރި ފައިކުރި ހިމަ ހަރުވާޅުން ފެންނަން ހުރީ ކުޑަ ތަންކޮޅެކެވެ. ބުރުގާ އަޅާފައި ހުރި ތަފާތު ގޮތަކަށެވެ. އަރާފައި ހުރި ހައި ހީލްސްގެ ސަބަބުން އިނާޝާގެ އިސްކޮޅު ހުރީ މޯހަންދާސްއާއި އެއްވަރެއްގައެވެ. އޭނާ އެހާ ވަރަށް ރީތިވީ ހަމައެކަނި މޯހަންދާސް ބުނީ ބުނުމަކަށެވެ. އެތައް ޒަމާނަކަށްފަހު އެހާ ފުރިހަމައަށް އޭނާ ނަލަހެދުނު މިއީ ފުރަތަމަ ފަހަރެވެ. މޯހަންދާސްގެ އަތާއި އިނާޝަގެ ދެއަތްތިލަ ގުޅިލާ މެހިފައި ވާއިރު އަލަތު ކައިވެންޏެއް ކޮށްގެން އުޅޭ ޖޯޑެއް ފަދައެވެ.

"މާޝާ ﷲ.... އަދި ކިރިޔާ މިއެނގުނީ މަންމައަކީ ތިހާ ހިކި މީހެއްކަން. ކުރިން ނުލާ ޒާތެއްގެ ހެދުމެއް ފެނުނީމަ ވަރަށް ބޮޑަށް އަޅައިގަނެއްޖެ" އިނާޝާއާއި ކައިރިވެލަމުން ނައިޝީ ވާހަކަދެއްކިއެވެ. އިނާޝާގެ ތުންފަތްމަތިން ފެނިގެން ދިޔައީ ހިނިތުންވުމެކެވެ. އިނާޝާ ނައިޝީއަށް ޝުކުރުއަދާ ކުރިއެވެ.

"ހިނގާ އެތެރެއަށް. ޓޭބަލް އިންނާނީ ރިޒާވްކޮށްފަ..." ނާހިދް ބުނެލިއެވެ. ރެސްޓޯރަންޓަށް ވަދެގެން ދިޔައިރު ނައިޝީއާއި ނާހިދް ތިބީ ކުރީގައެވެ. އިނާޝާއާއި މޯހަންދާސް ހިނގާފައި ދިޔައީ ފަހަތުންނެވެ.

"ބައްޕައަށް ފެންނަނީ ދަރިފުޅު ކުޑަ ޗުއްޓީއެއް ހަދާލައިގެން އެންމެން އެއްކޮށް ކާފަ ކައިރިއަށް ގޮސްލަން" ގޮނޑީގައި ހަމަޖެހިލަމުން މޯހަންދާސް ވާހަކަދެއްކިއެވެ.

"އަޅުގަނޑަށް ޗުއްޓީ ލިބިދާނެ. އިޝީއަށް ލިބޭނެތަ...؟" ނާހިދް އަހާލިއެވެ.

"ވިލް ޓްރައި. އެކަމު ޔަޤީންކަމެއް ދެވޭނީ ސްޕަރވައިޒަރާއި ވާހަކަދައްކާފައި" ނައިޝީ ވާހަކަދެއްކީ ވެއިޓަރުން އައިސް އޯޑަރ ނަގައިގެން ދިޔުމުންނެވެ. ވާހަކަ އެހިސާބަށް ދިޔަތަނާ އިނާޝާ ފާހާނާއަށް ދާން ބޭނުންވާ ވާހަކަ ބުނެލިއެވެ.

"އިޝީ ދާންވީނުން މަންމައާއި އެއްކޮށް" ނާހިދް އެހެން ބުނީ އޭނާއަށް ރަނގަޅަށް އޭނާގެ މަންމަގެ ގޮތް އިނގޭތީއެވެ.

"އިޓްސް އޯކޭ.... މަންމަ އެކަނި ގޮސްލާފަ މިއަންނަނީ" އިނާޝާ ބުނެލިއެވެ.

މޯހަންދާސްގެ މޫނަށް ބަލައިލާފައި ނާހިދް ހީލިއެވެ. އޭނާ ބޭނުންވާ ބަދަލު އިނާޝާގެ ފަރާތުން އެ ފެންނަނީ އަދި ކިރިޔާއެވެ. ކަންތައްތަކާއި އަބަދު ސިހި ބިރުގަނެފައި ހުންނަ އިނާޝާ އޭނާއަށް ފެންނަތާ އެތައް ދުވަހެއް ވެއްޖެއެވެ. އެއްވެސް ފޫހިކަމެއްނެތި މިހުރިހާ ދުވަހު އޭނާ ބޭސްކުރި ކަންތައްތަކަށް އަލިމަގެއް ފެންނަން އެފެށީ އަދި ކިރިޔާއެވެ.

ލޯބިވެރިޔާގެ އިންތިޒާރުގައި މާގިނަ ވަގުތު އެއްތަނެއްގައި އިންނަން ޖެހުމުން ބުރުހާނުއްދީން އިނީ އިންތިހާއަށް ފޫހިވެފައެވެ. އެއްވެސް އަންހެނަކަށް އިންތިޒާރުކުރުމަކީ އޭނާ ކުރާހިތްވާ ކަމަކަށް ނުވާތީ ލަސްލަހުން ބޯން އިން ކަޅު ކޮފީތަށި ހުސްކޮށްލާފައި ތެދުވަން އުޅުނު ވަގުތު އޭނާގެ ކުރިމަތިންލާފައި ހުރަސްކޮށްފައި ދިޔަ އިނާޝާ ފެނި އޭނާ ތަލިން ކުޅު ހިކިގެން ދިޔައެވެ. އޭނާ ފަސްއެނބުރި ބަލައިލިއެވެ. އޭރު ފާހާނާއަށް ވަދެ އިނާޝާ ދޮރު ލައްޕައިލަނީއެވެ. ބުރުހާނުއްދީން ވިސްނާލިއެވެ. އޭނާގެ ކުރިމަތިން އިނާޝާ ދިޔައިރު އޭނާ ނުފެންނަނީ ހެއްޔެވެ؟ ނުވަތަ ފެންނަކަމަށް ނެހެދީ ހެއްޔެވެ؟ އޭނާ ދެފަރާތަށް ބޯ ހޫރާލާފައި ދާން ތެދުވީ އިނާޝާއަކީ އަބަދުވެސް އޭނާގެ ހިތުގެ ދުޝްމިނެއްކަން އަމިއްލަ ނަފްސަށް ހަނދާންކޮށްދެމުންނެވެ. ނަމަވެސް ކުރިއަށް އެންމެ ފިޔަވަޅެއްވެސް އޭނާއަށް ނޭޅުނެވެ. އޭނާ ޤަބޫލުކުރަން ބޭނުންނުވިޔަސް އަދި އެއްފަހަރު އެސޫރަ ގާތުން ދެކިލަން ހިތްއެދުނެވެ. އެހެނީ މިރޭ އޭނާއަށް އެފެނުނު އިނާޝާއާއި މީގެކުރިން އޭނާގެ ހަޔާތަށް އައި އިނާޝާއާއި ހާސްބައި ތަފާތެވެ.

އެކި ކުލަކުލައިގެ ބޮކިތަކުގެ ފަނޑު އަލީގައި ބުރުހާނުއްދީން ގޮނޑިން ތެދުވެގެން ފާހާނާއާއި ދިމާލަށް ހިނގައިގަތެވެ. މާގިނަ ވަގުތު އޭނާ އިންތިޒާރުކުރަން ނުޖެހުނެވެ. ބުރުގަލުގެ ޕިން ރަނގަޅުކުރަމުން ނިކުތް އިނާޝާގެ ގައިގައި ބުރުހާނުއްދީން ޖެހިގަތީ ގަސްދުގައެވެ.

"އައުޗް...." އިނާޝާއަށް އެހެން ބުނެވުނީ އަތަށް ތޫނު ޕިން ވަދެގެން ދިޔުމުން ވީ ތަދުންނެވެ.

"ސޮރީ... ސޮރީ... މަޢާފްކުރޭ...." ކުރިމަތީގައި ހުރި މީހާއަށް އިސް އުފުލާ އިނާޝާ ބަލައިލީ ކަންފަތަށް އިވުނު އަޑު ޤަބޫލުނުކުރެވިގެންނެވެ. ކުރިމަތީގައި ހެވިލާފައި ހުރި ބުރުހާނުއްދީން ފެނުމާއެކު އިނާޝާގެ މޫނުމަތީގައިވި އުޖާލާކަން ކެނޑި ބިރުވެރިކަމެއް މުޅި ހަށިގަނޑު ހިޞޯރުކޮށްލި ކަހަލައެވެ. އޭނާގެ ހަތަރެސްފައި ފިނިވެ ތުރުއަޅަން ފެށިއެވެ. ނަމަވެސް އޭނާ ހަމަޖެހެން މަސައްކަތްކުރިއެވެ. ބިރުގަނެ ކަންބޮޑުވެ ހާސްވާ ވަގުތުތަކުގައި ކަންތައް ކުރަންވީގޮތް ނާހިދް ވަނީ ވަރަށް ރަނގަޅަށް އޭނާއަށް ކިޔައިދީފައެވެ. އޭނާ ވަގުތުން ދެލޯ މަރާލުމަށްފަހު ހިންދިރުވާލިއެވެ. އަދި މުށްކެވިފައިވި ދެއަތްތިލަ ހުޅުވާލުމަށްފަހު ހެދުމުގެ ދެފަރާތުން ހިފައިލިއެވެ. މައްޗަށް ބަލައިލަމުން އޭނާ ހަށީ ފުރާ ނޭވައެއް ބޭރަށް ދޫކޮށްލިއެވެ. ކުރިމަތީގައި މީހަކު ހުރިކަމަށް ހަދާނުލައި އޭނާ ކުރިއަށް ހިނގައިގަތެވެ. ދެވަނަ ފަހަރަށް އޭނާގެ ހިތުގައި ބިރުވެރިކަން ވަށައިލީ ބުރުހާނުއްދީން އޭނާގެ އަތުގައި ހިފުމުންނެވެ. އެއްވެސް ވާހަކައެއް ބުރުހާނުއްދީނާއި ދައްކަން ބޭނުންނުވާތީ އޭނާ މަސައްކަތްކުރީ ގަދަކަމުން ބުރުހާނުއްދީންގެ އަތް ނެއްޓުމަށެވެ. ތަނަށް ވެރިވެފައިވި އަނދިރިކަމުގެ ތެރޭގައި އެވަގުތު ރެސްޓޯރަންޓުގައި ތިބި އެއްވެސް މީހަކަށް އެމަންޒަރު ނުފެނެއެވެ.

"އޫމް.... ހާދަ މީރު ވަހެކޭ... އާދެބަލަ ކައިރިއަށް...." އިނާޝާގެ އަތުގައި ހިފާ ކައިރިއަށް ދަމާލަމުން ބުރުހާނުއްދީން ބުނެލިއެވެ. އިނާޝާގެ މޫނުމަތިން ހިއްލަންފެށި ދާތައް ހިނދެއް ހިނދަކަށް ގިނަވެ އޭނާގެ ދެލޮލުގެ ތެރޭގައި ކަރުނަތައް ބޮނޑިވެގަތެވެ. އޭނާގެ އަތުގައި ބުރުހާނުއްދީން ހިފާފައި ހުރީ ވަރަށް ބާރަށެވެ.

"މިހާރު ވަރަށް ރީތި... އޭރުގަވެސް ތިހާ ނަލަވެގެން ހުންނަނަމަ އަހަރެންގެ ހިތާއި ހަމައަށް އާދެވުނީހެއްނު. އެކަމަކު މިހާރު އިތުރު ޗާންސެއް ދެވިދާނެ" ބުރުހާނުއްދީން ވާހަކަދެއްކިއެވެ. އިނާޝާ ދެލޮލުގައި އުފެދުނު ކަރުނަތައް ހިނދާލުމަށްފަހު ބުރުހާނުއްދީނާއި ވީ ފަރާތަށް އެނބުރުނެވެ.

"ހާދަ ލޯބިކޮށޭ ތިބަލަނީ... އަސްލުވެސް އަދި ކިރިޔާ އަންހެނަކަށް ތިވަނީ.... އަނެއްކާ ބޯއީފްރެންޑެއް ހުންނަނީތަ ދުރަށްދާން ތިއުޅެނީ... މިހެން ބުނާއިރުވެސް އިނގޭ ނުހުންނާނެކަން.." ހިތުގައި އުފެދުނު ބިރުވެރިކަން ފިލާގޮސް އުފެދުނު ނަފްރަތުގެ އަލިފާނުގެ އަސަރު މޫނުމައްޗަށް ވެރިވަމުން ދިޔަ އިނާޝާގެ މޫނާއި މޫނު ކައިރިކުރަމުން ބުރުހާނުއްދީން ވާހަކަދައްކަމުން ދިޔައެވެ.

"ތިލޯބި އަޑު އިއްވާލަބަލަ މަށަށް.... ހެޔޮނުވާނެ...." ބުރުހާނުއްދީން ބުނެލިއެވެ.

އިނާޝާ ކޮންޓްރޯލް ކުރަމުން ދިޔަ ރުޅިގަނޑު ވަކި ހިސާބަކުން ފަޅައިގެން ދިޔައެވެ. ބުރުހާނުއްދީނުގެ މޭގައި ދެއަތް އަޅާ ފަހަތަށް ބާރަށް ކޮށްޕާލިއެވެ. ނުވިސްނާ ހުރި ބުރުހާނުއްދީން ވަރަށް ފަސޭހައިން ފަހަތަށް އެއްލިގެން ދިޔައެވެ. ތަންވަޅު ބަލައި އިނާޝާ ކުރިއަށް ހިނގައިގަތެވެ.

"ކޮބާ އަހަރެންގެ ދަރިފުޅު...؟ އަހަރެން އޭނައާއި ބައްދަލުކުރަން ބޭނުން" ބުރުހާނުއްދީން ބުނެލި ޖުމްލައާއި އެކު އިނާޝާގެ ފިޔަވަޅު ބިންމަތީގައި ތަތްވި ކަހަލައެވެ. އޭނާއަށް މޭގައި އަތް އަޅައިލެވުނެވެ. އިވޭ ކަމަށް ނަހަދައި އެތަނުން ދާން ބޭނުންވިއެވެ. އޭނާ ކަންތައް ކުރީވެސް އެގޮތަށެވެ. ބުރުހާނުއްދީން ފަސްދީފައި އޭނާ ކުޑަތަންކޮޅެއް ކުރިޔަށް ދިޔަތަނާ ނައިޝީ އެރީ ކުރިމައްޗަށެވެ.

"މަންމަ ލަސްވެގެން އަދި މިދަނީ..." ނައިޝީ ބުނެލިއެވެ.

"ވަރަށް ލަސްވެއްޖެ ދޯ... ކާއެއްޗެހި އައީތަ...؟" ހަމަޖެހެން މަސައްކަތް ކުރަމުން އިނާޝާ އަހާލިއެވެ.

"އާނ. ހަމަ ދެންމެ އެ އައީ. ބައްޕައާއި ނާހިދް އެބައިން މަންމަ އަންނަންދެން ކާން ނުފަށާ" ނައިޝީ ބުނެލިއެވެ. އަވަހަށް ހިނގާށޭ ބުނެ ނައިޝީގެ އަތުގައި ހިފައިގެން އިނާޝާ ހިނގައިގަތެވެ. އޭނާ އެއްފަހަރު ފަސް އެނބުރި ބަލައިލިއެވެ. ނަމަވެސް އޭރު ބުރުހާނުއްދީން ފެންނާކަށް ނެތެވެ.

ބަސްމަދުވެފައި އިނދެ މަޑުމަޑުން ކަމުންދިޔަ އިނާޝާގެ މޫނަށް ބަލަން މޯހަންދާސް އިނެވެ. އިނާޝާ ބަލައިލުމާއެކު ދެލޮލުން ކޮށްލި އިޝާރާތަކާއެކު މޯހަންދާސް ކަމެއް ގޯސްވީތޯ އަހައިލިއެވެ. އިނާޝާ އިސްޖަހާލި ގޮތުންވެސް ކަމެއް ގޯސްވެއްޖެކަން މޯހަންދާސް ދެނެގަތެވެ. އިނާޝާގެ މިޒާޖަށް ބަދަލެއް އައިއްޔާ އޭނާއަށް ސިއްރެއް ނުވާނެއެވެ. ނަމަވެސް އެތަނުގައި އިނދެ އިނާޝާއާއި އެއްވެސް ސުވާލެއްކުރަން ބޭނުންނުވާތީ އެވާހަކަ މޯހަންދާސް ނުދެއްކިއެވެ. އޭނާ ހުރީ ގެއަށް ގޮސް އެވާހަކަ ދެއްކުމަށެވެ.

****************

ސިޑީގެ ފެށޭ ހިސާބުގެ ހަރުފަތްތަކުގެ މަތީގައި އިށީނދެގެން އިން ނަތާޝާގެ މޫނުމަތީގައި ވަނީ ހިތްހަމަނުޖެހުމުގެ އަސަރެވެ. ނަތާޝާ އިނީ ހަވީރީ ހެދުމެއްގައެވެ. އުނގުމަތީގައި ބޭރަށްދާއިރު އަޅުވާ ކުޑަ ހޭންޑްބޭގް ވެސް އޮތެވެ. ދެލޯ ކައިރިން ކޮންމެވެސް ވަރަކަށް ކަރުނައިގެ އަސަރު ފާޅުވާން ހުރިއިރު ސޯފާގައި މެގަޒިނެއް ހިފައިގެން އިން ނުޝައިބާއަށް އިރުކޮޅަކާއި ބަލައިލައެވެ. އިރުކޮޅަކާއި ނަތާޝާއަށް ބަލައިލައެވެ.

"މަންމަ ބުނެފީމެއްނު ދެން ގޮސް ތިހެދުން ބަދަލުކުރާށޭ..." ނުޝައިބާ ބުނެލިއެވެ.

"ނަތާ ހިތަށް އަރާ މަންމަ ކީއްވެގެންބާއޭ ނަތާއާއި ދޭތެރެ ތިގޮތަށް ތި ކަންތައްކުރަނީ... މަންމަ ކިތަންމެ ބޭނުންވިޔަސް ހުރެހުރެގެން ނަތާ ބޮޑުވާނީ. ކުޑައެއްނުވާނެ" ނަތާޝާ ބުނެލިއެވެ. ނަތާޝާ ވާހަކަދެއްކި ގޮތުން ނުޝައިބާ ކައިރިއަށް ހިނިއައެވެ. ނަމަވެސް އޭނާ އެކަން ނަތާޝާއަށް ނުދެއްކިއެވެ.

"މަންމައަށް ކިހިނެއް އިނގެނީ ނަތާޝާ ދާން ތިއުޅެނީ އެ އަޒްކާ ކައިރިއަށް ނޫންކަމެއް" ނުޝައިބާ އަހައިލިއެވެ.

"ފޯ ގޯޑް ސޭކް މަންމާ! އަޒްކީގެ ވާހަކަ ނުދައްކަބަލަ. ނަތާއަކަށް ނޭނގޭ އަޒްކީ ވީތަނެއް. ނަތާއަކަށް ނޭނގޭ އަޒްކީ ހޯދަން ނަތާ ދާންވީ ކޮންތާކަށް ކަމެއްވެސް" ނަތާޝާ އިންތަނުން ތެދުވެ ބުނެލިއެވެ. ކުރިއަށް ވުރެ ނަތާޝާގެ އަޑު ބާރެވެ.

"މަންމަ ބޭނުންވަނީ ނަތާ އަބަދު މިހެން ބަންދުވެފައި ގޭގައި އިންނާކަށްނު... ފައިން.... މިއަދުން ފެށިގެން ނިމުނީ. އެއްވެސް ކަމަކު ބޭރަށް ނުދާނަން. ކިޔެވުންވެސް ދޫކޮށްލީ. މަންމަ ނަތާއަށް އިތުބާރުކުރި ދުވަހަކުން ނޫނީ ކޮޓަރިން ބޭރަށްވެސް ނުނިކުންނާނަން..." ނަތާޝާ ސިޑިން އަރައިގެން ދިޔައެވެ. މިވީހާއިރު ނަތާޝާއާއި ނުޝައިބާ ދެއްކި ވާހަކަތައް އަޑުއަހަން ބޭރު ދޮރު ކައިރީގައި ހުރި ޔޫސުފް ވަނެވެ. އިރުކޮޅަކު ނުޝައިބާއަށް ބަލަން ހުރުމަށްފަހު ޔޫސުފް ސިޑިން އަރައިގެން ދިޔައެވެ.

ގޭތެރޭގައި ނުޝައިބާއާއި ނަތާޝާއާއި ދެމެދު ދެކެވުނު ވާހަކަތަކާއި ގުޅިގެން ޔޫސުފް ވާހަކަދެއްކީ ނިދަން އުޅުނު ވަގުތުގައެވެ.

"ދަރިން ތިގޮތަށް ބަންދުކޮށްގެން ގެންގުޅެން ވެއްޖިއްޔާ ކައިރި މުސްތަގުބަލެއްގައި ޝައިބާ ޖެހޭނީ ރޯން" ފާހާނާއިން ނިކުތް ޔޫސުފް ޑްރެސިންގް ޓޭބަލް ކައިރީގައި އިން ނުޝައިބާއާއި މުހާތަބްކޮށް ބުނެލިއެވެ.

"ވަރަށް އުފާވެއްޖެ... ޔޫސުފް ހިތްހަމަނުޖެހިފައި ހުރިކަން އިނގޭ. ތިގޮތަށް ވާހަކަދެއްކީމަ ދޯ ކަންތައްތައް ހައްލުވާނީ" އިންތަނުން ތެދުވެގެން ނަތާޝާއާއި ދިމާލަށް ހިނގައިގަންނަމުން ނުޝައިބާ ވާހަކަދެއްކިއެވެ.

"ތިދެމައިން ދެއްކި ވާހަކަތައް އަހަރެން އަޑުއެހިން. އަހަރެން އެތެރެއަށް ނުވަދެ މަޑުކުރީ އަހަރެންގެ ދަރިފުޅުގެ ކުރިމަތީގައި ޝައިބާގެ އަގު ހިފަހައްޓަންވެގެން. އެއްގޮތަކަށްވެސް ޝައިބާ ތިކުރި ކަންތަކަށް އަހަރެން ތަރުހީބުދޭތީއެއް ނޫން" ޔޫސުފް ބުނެލިއެވެ.

"ބަފަޔަކަށް ނުވިސްނިދާނެ. މައެއްގެ ހައިސިއްޔަތުން އަހަރެން ކަންތައްކުރީ ގޯސްކޮށެއްނޫން. ނަތާޝާއަށް މިނިވަންކަން ލިބުނީމަ އޭނަ އެކުވެރިޔަކަށް ޚިޔާރުކުރީ ކޮންކަހަލަ ކުއްޖެއް؟ ކައިވެނިން ބޭރުން ބަލިވެއިނީ. އެވެސް ފަޒާގެ ފިރިމީހާއަށް. އެކަމަށް ނަތާޝާ ސަޕޯޓްކުރީ" ނުޝައިބާ ވާހަކަދެއްކިއެވެ.

"ތިކަމުގައި ގޮތް ނިންމަންޖެހޭނީ ހަމައެކަނި ޝައިބާމެންނަށް އިވިފައި ނުވަތަ ހީވެފައި އޮންނަ ގޮތުގެ މައްޗަކަށް ނޫން. ނަތާޝާ ދައްކާ ވާހަކަވެސް އަޑުއަހާބަލަ" ޔޫސުފް ބުނެލިއެވެ.

"ކީކޭ ބުނަން ތިއުޅެނީ...؟" ނުޝައިބާ އަހައިލިއެވެ.

"މިބުނީ ނަތާޝާއަކީ ބޮޑުވަމުން އަންނަ އަންހެންކުއްޖެކޭ. ހަމައެކަނި ޝައިބާއަށްޓަކައި އޭނާ ނަރުސްކަން ކިޔަވަމުން އެދަނީ. އެކުއްޖާގެވެސް ތިބުނާ އަޒްކާ ނޫނަސް އެކުވެރިން ތިބޭނެ. ތަންތަނަށްދާން ބޭނުންވާނެ. އެކަމަކަށް ނުޝައިބާ ހުރަސްއަޅަނީ ކީއްވެ...؟" ޔޫސުފް ވާހަކަދެއްކިއެވެ.

"ތިބުނަނީ ނަތާ އުޅޭނެގޮތަކަށް އުޅެން ދޫކޮށްލާށޭތަ...؟ ބަލަ އެއީ އަންހެންކުއްޖެކޭ" ނުޝައިބާގެ އަޑުގައި ވަނީ ހިތްހަމަނުޖެހުމެވެ.

"އެހެންވެގެން މިބުނަނީ ނުޝައިބާގެ ތި ވިސްނުން ގޯހޭ. އަހަރެން އަހަރެންގެ ދަރިފުޅަށް ވަރަށް އިތުބާރުކުރަން. އަހަރެން ލަދުގަނެ ދެރަވާންޖެހޭ ވަރުގެ އެއްވެސް ކަމެއް މަގޭ ދަރިން ނުކުރާނެ.... ޝައިބާ ތިގޮތަށް ކަންތައްކުރީމަ ނަތާ ކިހާ ދެރަވާނެ. އޭނާއަށް ހީވާނީ އޭނާއަކީ ބޭކާރު މީހެކޭ... މަންމަ ލޯބިނުވެޔޭ... އިތުބާރުކުރެޔޭ.... މިއަދު އެބުނީ ކިޔެވުންވެސް ނިމުނީއޭ... އަހަންނަށް އިނގެނީ އޭނަ ނުކުރާނަމޭ ބުނި ކަމެއް އޭނަ ނުކުރާނެކަން..." ޔޫސުފް ވާހަކަދައްކަމުން ދިޔައިރު އެއްވެސް ބަހެއް ނުކިޔާ ނުޝައިބާ އަޑު އަހަން އިނެވެ. ޔޫސުފްގެ ވާހަކަތައް އޭނާއަށް ޤަބޫލުކުރެވެން ފަށައިފިއެވެ.

"ފިޔަތައް ކޮށާލާފައިވާ ދޫންޏެއްހެން ކޮޓަރީގައި ބަންދުކޮށްގެން ގެންގުޅެން ވެއްޖިއްޔާ އެކުއްޖާފުޅު ނަފްސާނީ ބަލީގެ ޝިކާރައަކަށް ވެދާނެ. އޭރުން އޮންނާނީ ޝައިބާއަށްވެސް މަށަށްވެސް އަތްނުފޯރާ ހިސާބަށް ގޮށްސަ. އެކަހަލަ މީހެއް މިހާރުވެސް ޝައިބާމެންގެ ކުރިމަތީގައި އެހެރަ އުޅެނީ. ޝައިބާ ބޭނުންތަ ދުވަހަކުވެސް އެގޮތަށް އަހަރެމެންގެ ދަރިއަކު އުޅޭތަން ދެކެން" ނުޝައިބާ އެއްޗެސް ނުބުނެ އިނުމުން މިފަހަރުވެސް ވާހަކަދެއްކީ ޔޫސުފެވެ.

"އަހަރެން ބޭނުމެއްނޫން އެހެންވާކަށް. ހާއްސަކޮށް ނަތާއަށް. ނަތާއަކީ އަހަރެންގެ އެންމެ ހަގު ދަރިފުޅު. އަހަރެންގެ ދެލޮލުގެ ފިނިކަން. އަހަރެން އެގޮތަށް ކަންތައްކުރީ ދެވަނަ ފަހަރަށްވެސް ނަތާ އަޒްކާއާއި ގުޅުމެއް އުފައްދައިފާނެތީ... އެކަމަކު ދެން ނެތިން ހިފަހައްޓާކަށް" ނުޝައިބާ ޔޫސުފްގެ މޭގައި ބޯއަޅައިލިއެވެ. ނުޝައިބާގެ ބޮލުގައި ޔޫސުފް ފިރުމަމުން ދިޔައިރު އޭނާގެ މޫނުމަތީގައިވި ހިތްހަމަނުޖެހުމުގެ ކުލަވަރު މަޑުމަޑުން ފަނޑު ހިނިތުންވުމަކަށް ބަދަލުވަމުން ދިޔައެވެ.

"ބައްޕާ..." ސިޑިން އަރައިގެންދިޔަ މޯހަންދާސް މަޑުޖެހުނީ ފަހަތުގައި ހުރި ނާހިދް ގޮވާލުމުންނެވެ. އޭރު އިނާޝާ ކޮޓަރިއަށް ވަދެ ދޮރު ލައްޕައިފިއެވެ.

"މަންމައަށް ކަމެއްވީތަ...؟ ވަރަށް ބަސްމަދުވެފައި. ދިޔައިރު މަންމަގެ މޫނުމަތިން އެފެނުނު އުފާވެރިކަން މިހާރު ނެތް" ނާހިދް އަހައިލިއެވެ. ކައިރީގައި ނައިޝީވެސް ހުއްޓެވެ.

"ބައްޕައަށް ހީވަނީ މާބޮޑަށް ނިދިއައިއްސަހެން. ރޭގައި އެހާ ލަހުން ނިދީ. މިއަދުވެސް ނިދާލިކީނޫން. ކަމެއް ގޯސްވަންޏާ ބައްޕަ ދަރިފުޅަށް އަންގާލާނަން. ދޭ ދެކުދިން ނިދަން" ނާހިދްގެ ކޮނޑުގައި އެއް އަތުން ހިފަހައްޓާލަމުން މޯހަންދާސް ބުނެލިއެވެ.

މޯހަންދާސް ކޮޓަރިއަށް ވަތްއިރު އިނާޝާ އެނދުގައި އިނެވެ. މޯހަންދާސްއަށް ބަލާލާފައި ފަނޑު ހިނިތުންވުމެއް ދިނުމަށްފަހު އޭނާ ގޮސް ހުއްޓުނީ ލޯގަނޑު ކުރިމަތީގައެވެ. ބުރުގަލުގައި ހުރި ޕިންތައް ނައްޓަން ފެށިއިރު އޭނާގެ ހިޔާލީ ލޯގަނޑަށް ބުރުހާނުއްދީނު ސިފަވަމުން ދިޔައެވެ. ކުއްލިއަކަށް އޭނާ ނޭވާހާސްވާން ފެށިއެވެ. ހަމަޖެހިލުމަށްޓަކައި ޑްރެސިންގޓޭބަލްގެ މަތީގައި ދެއަތްތިލަ ވިއްދާލުމަށްފަހު އިސްޖަހާލިއެވެ. އެހުރިހާ ހަރަކާތެއް ބަލަން ދުރުގައި މޯހަންދާސް ހުއްޓެވެ. އިނާޝާއަށް ކަމެއް ވެއްޖެކަން މިހާރު އޭނާއަށް ޔަޤީންވެއްޖެއެވެ. އެހެން ފަހަރުތަކާއި ޚިލާފަށް މިފަހަރު ވީކަމަކުން އަލިއްލައަށް އަރައިގަންނަން އޭނާ މަސައްކަތް ކުރަމުންދާ މަންޒަރު މޯހަންދާސްއަށް ފެންނަމުން ދިޔައެވެ. އެންމެފަހުން އޭނާ އިނާޝާއާއި ކައިރިވީ މިވަގުތު އޭނާގެ އެހީތެރިކަން އިނާޝާ ބޭނުންވާނެކަން އިހުސާސް ވުމުންނެވެ. ފަހަތުން އިނާޝާގެ ހަށިގަނޑުގައި ބައްދާލުމަށްފަހު ގެނެސް އެނދުގައި ބޭންދިއެވެ. އެއަށްފަހު ބުރުގަލުގައި ހުރި ޕިންތައް ނައްޓުވާ ގޮވައިގެން ފާހާނާއަށް ގޮސް މޫނު ދޮށްވިއެވެ. ނިދާ ހެދުން ބަދަލު ކުރުވުމަށްފަހު ގެނެސް އެނދުގައި ބޭންދިއެވެ. އެއަށްފަހު ނިދުމުގެ ކުރިން ދޭންޖެހޭ ބޭސްދިނުމަށް ބަލާލިއިރު ފެން ނެތިގެން އޭނާ ހުސްޖަގު ހިފައިގެން ހިނގައިގަތެވެ. އެވަގުތު ހުއްޓުނީ އިނާޝާ އޭނާގެ އަތުގައި ހިފުމުންނެވެ.

"މިއަންނަނީ ފެން ހިފައިގެން.. ބޭސްކައިގެނެއްނު ނިދާނީ. އެހެންނޫނީ މާދަމާ އިރުއެރީމަ ޑރ.ނާހިދުގެ ސުވާލުތައް އަމާޒުވާނެ" ސަމާސާ އެކުލެވޭ ރާގެއްގައި މޯހަންދާސް ވާހަކަދެއްކިއެވެ.

***************

ރޭގަނޑުގެ ކެއުމަށްފަހު ސަލްމާ ތަށިތައް ނަގާ ނިމުނުއިރުވެސް ބުރުހާނުއްދީން ގޮނޑީގައި އިނެވެ. މާހިލް ދިޔައިރުވެސް ބުރުހާނުއްދީން ނުގޮސް އިނުމުން ސަލްމާ ބަލައިލީ ތަފާތު ބެލުމަކުންނެވެ.

"ކަމެއްވީތަ...؟" ޒިންކު ކައިރީގައި ހުރެފައި ސަލްމާ އަހައިލިއެވެ.

"ދައްތަ ކައިރީގައި ވާހަކައެއް ދައްކާލަންކަމަށް" ބުރުހާނުއްދީން ބުނެލިއެވެ. ސަލްމާ އަތްމަތި އަވަސްކޮށް ދޮވުނު ތަށިތައް ހަރުގައި އެޅުވުމަށްފަހު ބުރުހާނުއްދީން ކުރިމަތީގައި އައިސް އިށީނެވެ.

"ކޮންވާހަކައެއް...؟ އިންނަން އުޅުނުކުއްޖާ ރުޅިވީތަ....؟"ސަލްމާ އަހާލިއެވެ.

"ސާބަސް ދައްތާ..." ބުރުހާނުއްދީން ބުނެލިއެވެ. ސަލްމާއަށް ހެވުނެވެ. މިއީ މިފަހަރު ސަލްމާ އެނބުރި އައިފަހުން ބުރުހާނުއްދީން ކުރިމަތީގައި ހިނިތުންވެލި ފުރަތަމަ ފަހަރެވެ.

"ވަރަށް އުފާވެއްޖެ ދައްތަ ތިގޮތަށް ހީލިތަން ފެނުނީމަ..." ބުރުހާނުއްދީން ޖަޒުބާތީވިއެވެ.

"ހުނ... ކިހިނެކޭވީ..." ރުންކުރު ރާގަކަށް ސަލްމާ އަހައިލިއެވެ.

"ކައިވެންޏެއް ކުރަން އެބަވިސްނަން" ބުރުހާނުއްދީން ބުނެލިއެވެ.

"އެހެންތަ...! އެބަދުނަސީބު އަންހެންކުއްޖަކީ ކާކު...؟" ސަލްމާ އަހައިލިއެވެ.

ސަލްމާ ޤަބޫލުކުރާ ގޮތުގައި އޭނާގެ ކޮއްކޮގެ ހަޔާތަށް އަނތްބެއްގެ ގޮތުގައި އަންނަ އަންހެން ކުއްޖާއަކީ ނަސީބެއްނެތް ކުއްޖެކެވެ. އޭނާގެ ކޮއްކޮގެ ފަރާތުން އަނތްބަކަށް ވަފާތެރި ލޯތްބެއް ދީފާނެ ކަމާއިމެދު އޭނާއަށް ޝައްކެވެ. އެއީ އޭނާއަށް ކުރިން ބުރުހާނުއްދީންގެ ދިރިއުޅުން ފެނިފައިވާތީއެވެ.

ބުރުހާނުއްދީން ސަލްމާއަށް ހަތަރުކަޅި ހަމަކޮށް ބަލައިލިއެވެ.

"ދައްތާ...! ތިހެރީ ރަނގަޅު ވާހަކައެއް ދެއްކީމަވެސް ދައްތަ ވިސްނާގޮތް" ބުރުހާނުއްދީން ބުނެލިއެވެ.

"ކީއްކުރާނީ... އަހަރެންގެ ކޮއްކޮއަށް އަހަރެންނަށް އިތުބާރު ނުކުރެވެނީ" ސަލްމާ ބުނެލިއެވެ.

"މިފަހަރު މިހެރީ ރަނގަޅު ހިތަކައިގެން އައިސް. އިންނަން މިއުޅެނީ އިނާޝާ އާ" ބުރުހާނުއްދީން ވާހަކަދެއްކިއެވެ.

(ނުނިމޭ)

އަޒޫ

22 ކޮބާ

އަޒޫ

ޕްލީސް ޕްލީސް ތަންކޮޅެއް އަވަހަށް އަޕްކޮށް ދީބަ