ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީ

އެހެން ފަނޑިޔާރެއްގެ މައްސަލައެއް ހުށަހަޅައިފައެއް ނެތް: ޖޭއެސްސީ

އިބްރާހިމް ޒަކީ

ޖުޑިޝަލް ސާވިސް ކޮމިޝަނުން ސަސްޕެންޑް ކުރަން ނިންމި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ)ގެ މައްސަލަ ފިޔަވައި އެ ކޯޓުގެ އެހެން ފަނޑިޔާރެއްގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފައި ނުވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

ޖޭއެސްސީގެ މީޑިއާ އޮފިޝަލް ހަސަން ޒަހީމް މިއަދު ވިދާޅުވީ، ސުޕްރީމް ކޯޓުގެ އިތުރު އެއްވެސް ފަނޑިޔާރަކާ ގުޅޭ މައްސަލައެއް އަދި ޖޭއެސްސީއަށް ހުށަހަޅައިފައި ނުވާ ކަމަށެވެ.

ޒަހީނު އެހެން ވިދާޅުވެފައިވާއިރު، މިދިޔަ އަހަރުގެ ފެބްރުއަރީ އެކެއްގައި ސުޕްރީމް ކޯޓުުން ނެރުނު އަމުރު، ބާތިލް ކުރަން، ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ސޮއިކުރެއްވި، މިހާރުގެ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކާ ދެކޮޅަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ސުލޫކީ މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ރޭ ވަނީ ހަބަރު ފެތުރިފައެވެ.

އެެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން އަމުރު ނެރުނީ، އޭރު ޖަލުގައި ތިއްބެވި، ސިޔާސީ ފަރާތްތަކެއް ދޫކޮށްލުމަށެވެ. ނަމަވެސް އެ އަމުރާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށް އޭރުގެ އުއްތަމަ ފަނޑިޔާރު، އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރިއެވެ.

އެބޭފުޅުން ހައްޔަރު ކުރުމަށްފަހު، އެއަމުރު ނެރެން ސޮއިކުރެއްވި އަނެއް ތިން ފަނޑިޔާރުން ކަމަށްވާ މިހާރުގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފްގެ އިތުރުން ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ސޮއިކުރައްވައި ވަނީ އެ އަމުރުން ބައެއް ބާތިލްކުރަން އަމުރެއް ނެރުއްވައިފައެވެ.

އެކެއް ފެބްރުއަރީގެ އަމުރު ބާތިލް ކުރުމަށް ސުޕްރީމް ކޯޓުން އެ އަމުރު ނެރެފައިވަނީ، ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު ހުށަހެޅުއްވި މައްސަލައަކާ ގުޅިގެންނެވެ.