ރައީސް އޮފީސް

ދެ ގައުމަކަށް ދިވެހިރާއްޖޭން ކަނޑައަޅުއްވާ ސަފީރުކަމަށް ރައީސުލްޖުމްހޫރިއްޔާ ދެ ބޭފުޅަކު އައްޔަން ކުރައްވައިފި

ދެ ގައުމަކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ސަފީރުކަމަށް ރައީސުލްޖުމްހޫރިއްޔާ ދެ ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.

އެގޮތުން ޗައިނާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް އައްޔަން ކުރެއްވީ މާފަންނު ބީނާފުށި އާއިޝަތު އަޒީމާ އެވެ. އަދި އަލްމަމްލަކަތުލް އަރަބިއްޔަތުއްސުއޫދިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް އައްޔަން ކުރެއްވީ ގަލޮޅު އުތުރުގެއާގެ މުހައްމަދު ހަލީލްއެވެ.

މި ދެ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ދެއްވީ، މިކަމަށްޓަކައި މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

ޢާއިޝަތު އަޒީމާއަކީ ލަންޑަންގައި ހުންނަ ދިވެހި އެމްބަސީގެ ޑެޕިއުޓީ އެމްބެސެޑަރު ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމާއި ޖޮއިންޓް ސެކްރެޓަރީގެ މަގާމު އަދާ ކުރައްވާފައިވާ ބޭފުޅެކެވެ. އާއިޝަތު އަޒީމާ ވަނީ 1988 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ އެކި ވުޒާރާތަކުގެ އެކި ފަންތީގެ މަގާމުތައް ފުރުއްވައި، ރާއްޖެއާއި ބޭރުގެ ތަމްރީނު ޕްރޮގްރާމުތައް ފުރިހަމަ ކުރައްވައިފައެވެ.

މުހައްމަދު ހަލީލަކީ ސިންގަޕޫރަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރުގެ މަގާމާއި އެކްޓިން ހައިކޮމިޝަނަރުގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ. މުހައްމަދު ހަލީލް ވަނީ 1983 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ އެކިފަންތީގެ މަގާމުތައް ފުރުއްވާފައެވެ. މީގެއިތުރުން މުހައްމަދު ހަލީލު ވަނީ އިންޑިޔާގެ ޖަވާހަރްލާލް ނެހުރޫ ޔުނިވަރސިޓީއިން އެންވަޔަރަމަންޓަލް ލޯ އެންޑް ޕޮލިސީގެ ދާއިރާއިން ޑިޕްލޮމާ ހާސިލު ކުރައްވާފައެވެ.