މަގުމަތީގެ އެކްސިޑެންޓް

ބުރިޖު ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް، މިފަހަރުވެސް މަގުދެބައިތައް ފުނޑުފުނޑު

1

ބުރިޖު ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، މަގުދެބައިތައް އަނެއްކާވެސް ފުނޑުފުނޑު ވެއްޖެ އެވެ.

މި އެކްސިޑެންޓު ހިނގާފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ.

މި އެކްސިޑެންޓު ހިނގާފައިވަނީ ހުޅުމާލެއިން މާލެއަށް ދަތުރުކުރި ޕިކަޕެއް ކަހާލައި، މަގުގެ އަނެއް ފަރާތަށް އެރި ވަގުތު، މާލެއިން ހުޅުމާލެއަށް ދަތުރުކުރި ބަހެއްގައި ޖެހިގެންނެވެ. އެކްސިޑެންޓުގައި ޕިކަޕް ޖެހުމުގެ ސަބަބުން އެ ސަރަހައްދުގެ މަގުދެބައިތައް ވަނީ އެއްކޮށް ފުނޑުފުނޑުވެފަ އެވެ.

މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ވީކަމެއް އަދި ޔަގީނެއް ނުވެ އެވެ. ހުޅުމާލޭ ހޮސްޕިޓަލް ހިންގާ އާސަންދައިގެ މީޑިއާ އޮފިޝަލަށް ގުޅުމުންނާއި މެސެޖު ކުރުމުން ޖަވާބެއް ނުދެއްވާތީ އެކަން ވަނީ ކަށަވަރުވާގޮތް ނުވެފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަށް ގުޅުމުން ވިދާޅުވީ އެކްސިޑެންޓުގެ މައުލޫމާތު ސާފުކޮށްލެއްވުމަށް ފަހު ފަހުން ގުޅުއްވާނެ ކަމަށެވެ. އެހެން ނަމަވެސް މި ޚަބަރު ޝާއިރުކުރުމާ ހަމަޔަށް ގުޅުއްވާފައެއް ނުވެ އެވެ. އެހެން ނަމަވެސް ހެނދުނު 07:00 އެހާ އިރު "ވަން އޮންލައިން"ގެ ނޫސްވެރީން އެކްސިޑެންޓު ހިނގި ސަރަހައްދަށް ދިޔަ އިރު، އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ފުލުހުން ކުރަމުން ދެއެވެ.