މަލިކު

ކައިރި ... ނަމަވެސް ދުރުގައިވާ މަލިކު 12

އަބްދުﷲ ފާރޫގް ހަސަން

ކަލާފާނުގެ ރަސްކަމުގައި މީލާދީން 1602 ވަނައަހަރު ޖުލައިމަހުގެ ދެވަނަދުވަހު ރާއްޖެ ދުރުވި ފަރަންސޭސިވިލާތުގެ މަޝްހޫރު ދަތުރުވެރިއެއް ކަމުގައިވާ ޕިރާޑް އެނބުރި ރަށަށް ދުރުވި ދަތުރުގައި އޭނާ މަލިކަށް ދުރުވިއެވެ. އޭރު މަލިކުގެ ވެރިކަމުގައި އިންނެވީ އަންހެންބޭފުޅެއް ކަމަށާއި، ކަލާފާނުގެ ތިމާގެ ބޭފުޅެއް ކަމަށާއި ޕިރާޑު ރާއްޖޭގެ ކޮއިލުގެ ތެރެއިން އެކަމަނާ ދެކެލެއްވިކަމަށް ބަޔާންކުރައްވައިފައި ވެއެވެ.

އާދެ، ކޮންމެއަކަސް ޕިރާޑުގެ މިދެންނެވި ބަޔާނާއި، މަލިކުމީހުންގެ ބަޔާންތަކުން އެނގޭގޮތުގައި ރާއްޖޭގެ ޝާހީ ބޭފުޅުން އެކިދުވަސްވަރު މަލިކުގައި ވަޒަންވެރިވެވަޑައިގެން މަލިކުގައި ވެރިކަން ކުރައްވައިފައި ވެއެވެ. މިގޮތުން ކަކާގޭ އަލްއަމީރުލްޙާއްޖު ޢަލީ ރަންނަބަނޑޭރިކިލެގެފާނުގެ އަލްއަމީރުލްޙާއްޖު ޢަބްދުﷲ ފާށަނާކިލެގެފާނުވެސް މަލިކުގައި ވަޒަންވެރިވެވަޑައިގެން މީހަކާ ކާވެނިބައްލަވައިގެން ބޭފުޅުން ލިބިވަޑައިގެންފައިވެއެވެ. އޭނާ މަލިކުގެ ވެރިކަންވެސް ކުރެއްވިއެވެ. އަލްއަމީރު ޢަބްދުﷲ ފާށަނާކިލެގެފާނު އަވަހާރަވެފައިވަނީ ހިޖުރައިން 1350 ވަނަ އަހަރުގެ ރަބީޢުލްއައްވަލްމަހުގައެވެ. އަޅުގަނޑު މަލިކަށް ދިޔައިރު (1990 ސެޕްޓެމްބަރު) ވެސް ފާށަނާކިލެގެފާނަށް މާފަ ވިދާޅުވާ ބޭފުޅުން މަލިކުގައި ތިއްބެވެ.

މިދެންނެވި ހެކިތަކަށް ވިސްނާއިރު މަލިކުގެ މަނިކުފާނު ޢާއިލާތަކަކީ ރާއްޖޭގެ ޝާހީ ޢާއިލާތަކުގެ ގޮފިތަކެއްކަމާމެދަކު އެއްވެސް ޝައްކެއްނެތެވެ.

މަލިކުގެ ޢާއިލީ ނިޒާމަކީ ވަރަށް ހަރުދަނާ ނިޒާމެކެވެ. ފިރިހެނަކު މީހަކާ އިނދެފިނަމަ އޭނާ އުޅެންޖެހެނީ އަންހެނުންގެ ގޭގައި ކަމަށް ވުމާއެކުވެސް އޭނާ މުޅިޢުމުރަށްވެސް ދެއިރު ނުވަތަ އެއްއިރު (ޚާއްޞަކޮށް ރޭގަނޑު) ކާނީ އަމިއްލަ ގެއިންނެވެ. މިގޮތުން ޢާއިލާގެ އެންމެންނަށް ކޮންމެދުވަހަކު އެއްތަނަކުން ބައްދަލުވުމުގެ ފުރުޞަތު ލިބެއެވެ.

ކޮންމެމީހަކަށްވެސް ލިބޭ އާމްދަނީއަކީ ހަމައެކަނި އޭނާއާއި އޭނާގެ އަނބިދަރީންނަށް ޚަރަދުކުރެވޭ އެއްޗެއް ނޫނެވެ. ފިރިހެނުންނަށް ލިބޭ އާމްދަނީގެ ތިންބައިކުޅަ ދެބައި (ގާތްގަނޑަކަށް) ޙަވާލުކުރަނީ އޭނާގެ މަންމައާއެވެ. އަނެއްބައި އަންހެނުންނާއެވެ. އަންހެނުންގެ އަތަށް ލިބޭ ފައިސާ ދޭނީ އަންހެނުންގެ މަންމަގެ އަތަށެވެ. ގެ ހިންގާނީ މައިންނެވެ. މިގޮތުން ކޮންމެ ޢާއިލާއަކަށްވެސް އެތައް ބަޔެއްގެ އެހީ ލިބެއެވެ. އެހެންކަމުން އެމީހުން ދިރިއުޅުމުގެ ޚަރަދުތައް މާބަރު ކަމަކަށް އިޙުސާސެއް ނުކުރެވެއެވެ.

ކޮންމެކުއްޖެއްގެވެސް ޢުމުރުން ދިހަދުވަސްވީއްސުރެ އޭނާއަށް އެއްއަހަރު ފުރެންދެން ކޮންމެދުވަހަކު ދުވާލު އޮންނަނީ އޭނާގެ މުންނަ، އާދެ ބައްޕަފަރާތުގެ މާމަގޭގައެވެ. ޚާއްޞަކޮށް ކިރުތުނބުން ވީއްލާ ޢުމުރަށް އެޅުމުން އެކުއްޖާ ހުންނަނީ މުންނަ ގާތުގައެވެ. މިގޮތުން ބައެއްކުދީން އެގޭގައި މުޅިން ދިރިއުޅޭގޮތްވެސް ދިމާވެއެވެ. އެކުދީންގެ މާމޯ ނުވަތަ ތިއްތި (މުންނަ) ނުވަތަ އައްޕައްޗި (ބައްޕަފަރާތުގެ ބޮޑުދައިތަ) އެކުދީން ބަލަހައްޓައެވެ. ކޮންމެމީހަކުވެސް ތިމާގެއަޚުން ނުވަތަ އުޚުތުންގެ ދަރީންގެ ކަންތައް ތިމާގެ އަމިއްލަ ދަރީންނެކޭ އެއްގޮތަށް ބަހަލައްޓައެވެ.

މާތްވެގެންވާ އިސްލާމްދީނުގައި ޢާއިލީ ގުޅުންތަކަށް ރައްކާތެރިވުމަށާއި އެގުޅުންތައް ދެމެހެއްޓުމަށް އަންގަވާފައިވާ އެންގެވުމަށް މިޒަމާނުގައި އެންމެރަނގަޅަށް ޢަމަލުކުރެވޭ އިސްލާމީ މުޖުތަމަޢަކީ މަލިކު ނޫންބާވައޭ އަޅުގަނޑުގެ ހިތަށް އަރައެވެ. ޝައްކެއްނެތެވެ. މިއީ އަޅުގަނޑުމެން އަޅުގަނޑުމެންގެ މަލިކުއަޚުންގެ ގާތުން ލިބިގަންނަން ޖެހިފައިވާ ފިލާވަޅެކެވެ.

(ނުނިމޭ)