ސްޓޫޑެންޓް އޮފް އެންވަޔަރަމަންޓްއަށް ޕްރޮޕޯސަލް ހުށައެޅި ފަރާތްކަށް ހަނދާނީ ލިޔުން ދީފިއެވެ.
ރޭ އިމާދުއްދީން ސްކޫލުގައި ބޭއްވި މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެޑިޔުކޭޝަން މިނިސްޓަރު އައިޝަތު އަލީއެވެ. އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ އެއީ ދަރިވަރުންގެ މެދުގައި ތިމާވެއްޓާ މެދު ހޭލުންތެރިކަން އިތުރުކޮށް ތިމާވެށީގެ މައްސަލަތަކާމެދު ވިސްނައި އެމައްސަލަތައް ހައްލުކުރުމުގައި ދަރިވަރުންގެ ފެންވަރުން ކަންތައްތަކެއް ކުރުމަށް ހިތްވަރުދިނުމުގެ ގޮތުން އެންވަޔަރަމަންޓް މިނިސްޓްރީއާއި އެޑިޔުކޭޝަން މިނިސްޓްރީ ގުޅިގެން ބޭއްވި ދެވަނަ "ދަރިވަރުންގެ ގައުމީ މަހާސިންތާ" ކަމަށެވެ.
"ދަރިވަރުންގެ ގައުމީ މަހާސިންތާ" އެންމެ ފުރަތަމަ ބާއްވާފައިވަނީ، 2015 ވަނަ އަހަރުގެ އޮގަސްޓްމަހުގެ 20 ވަނަ ދުވަހުން 21 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ މަހާސިންތާގައި 41 ސްކޫލަކުން ޖުމްލަ 325 ދަރިވަރުން ބައިވެރިވެފައިވެއެވެ. މި މަހާސިންތާ ނިންމާލާފައިވަނީ "އަހަރެމެންގެ ތިމާވެށީގެ ކުރިމަގު ބައްޓަން ކުރުން" ގެ ނަމުގައި ކަރުދާހެއް ބައިވެރިންގެ މެދުގައި އިއްތިފާގުން ބަލައިގަނެގެންނެވެ. މިކަރުދާހުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލައިފައިވާ ދާއިރާތަކަކީ، ރަށްރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި ގުދުރަތީ ދިރުންތައް ހިމާޔަތްކޮށް ރައްކާތެރިކުރުން އަދި ކުނި މެނޭޖުކުރުމެވެ. މިމަހާސިންތާއަކީ ކޮންމެ ދެއަހަރަކުން އެއްއަހަރު ބާއްވާ މަހާސިންތާއެކެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ، ދަރިވަރުން ނިސްބަތްވާ ރަށުގައި ކުރިމަތިވެފައިވާ ތިމާވެށީގެ މައްސަލައެއް ހައްލުކުރުމަށް، ދަރިވަރުންގެ ފެންވަރުގައި ހިންގިދާނެ ޕްރޮޖެކްޓެއްގެ ޕްރޮޕޯސަލްއެއް އެކުލަވާލައި ހުށަހެޅުމުގެ ދައުވަތު ސްކޫލްތަކަށް ހުޅުވާލީ 2018 ވަނަ އަހަރު ކަމަށެވެ.
އެގޮތުން ދަރިވަރުން ހުށަހެޅި ޕްރޮޕޯސަލްތަށް ފުރިހަމަ ކުރުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން ފަންނީ ލަފާ ދީފައިވާ ކަމަށާއި، އެ މަހާސިންތާގެ މައިގަނޑު މައުލޫއެއްގެ ގޮތުގައި ކަނޑައެޅިފައިވަނީ ދަރިވަރުންގެ ވިސްނުން ދެމެހެއްޓެނެވި ކުރިމަގަކަށް ބާރުވެރިކުރުން ކަމަށެވެ.
53 ސްކޫލަކުން ޕްރޮޕޯސަލް ހުށަހަޅާފައިވާއިރު މި ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ހޯދި 10 ސުކޫލަށް މި ޕްރޮޖެކްޓްތަކުގެ އަމަލީ މަސައްކަތަށް ބޭނުންވާ މާލީ އެއްބާރުލުން ދިނުމަށް ރޭގެ ރަސްމިއްޔާތުގައި އެ ސްކޫލުތަކާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާ ދެމެދު ވަނީ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ) އެއްގައި ސޮއިކޮށްފައެވެ. މި އެމްއޯޔޫގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ހުސެއިން ރަޝީދު ހަސަނެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އައިޝަތު އަލީއެވެ.
މި މަހާސިންތާގެ ސަބަބުން ސްކޫލްތަކުގެ ތިމާވެށި ކްލަބްތކުގެ ހަރަކާތްތެރިކަން އިތުރުކުރުމަކީ މިނިސްޓްރީގެ މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ހާމަކުރެއެވެ.