ހުތުބާ

ކޮންމެ މުސްލިމަކީ އަބަދާއި އަބަދު އޭނާގެ ނަފުސު ވަޒަންކުރުން މަތީ ދެމިހުންނަން ޖެހޭ މީހެއް: ހުތުބާ

ކޮންމެ މުސްލިމަކީ އަބަދާއި އަބަދު އޭނާގެ ނަފުސު ވަޒަންކުރުން މަތީ ދެމިހުންނަން ޖެހޭ މީހެއް ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވަނީ ކޮންމެ މުސްލިމަކު ނިއުމަތްތަކާ މެދު ވިސްނައި އެ ނިއުމަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އަވަސްގަންނަން ޖެހޭ ކަމަށާއި ނިއުމަތްތަކަށް ޝުކުރުވެރިވުމަކީ އެއީ ކަމަށެވެ. އަދި ނިއުމަތްތަކަށް ޝުކުރުވެރި ނުވާނަމަ ﷲ އެ ނިއުމަތެއް ގެންދަވާފާނެ ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.

"ކޮންމެ މުސްލިމަކީ އަބަދާއި އަބަދު އޭނާގެ ނަފުސު ވަޒަންކުރުން މަތީ ދެމިހުންނަން ޖެހޭ މީހެކެވެ. ﷲގެ ހަޟްރަތުން އެނބުރި ރުޖޫއަ ވާނީ ކޮން އިރަކު ކަމެއް އެކަކަށް ވެސް ނޭނގޭނެއެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައިވަނީ ކޮންމެ މީހަކުވެސް މަރުވާނޭކަން ދަނެ، ތިމާގެ އަމިއްލަ ނަފުސަށް ރައްކާތެރިވެ މުހާސަބާކޮށް ތިމާގެ އީމާންކަމުގެ ވިންދު ހުރީ ކިހާ މިންވަރަކަށްތޯ ބެލުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އަދި ތިމާގެ ހިތުގައި މާތްﷲ އަށާއި، އެކަލާނގެ ރަސޫލާއަށްޓަކައި އުފެދިފައިވަނީ ކިހާ މަތިވެރި ލޯތްބަކާއި ކިޔަމަންތެރި ކަމެއްތޯ ބަލައި، މާތްﷲ އާއި އެކަލާނގެ ރަސޫލާގެ އަމުރުފުޅުތަކަށް އަމަލުކުރެވޭ މިންވަރު ބެލުމަކީ މީހާ ހެޔޮކަންތަކާ ވީ ފަރާތަށް ގެންދިއުމުގެ ބާރެއް ކަމަށެވެ.

ޒުވާން އުމުރު ހޭދަކުރި ގޮތާމެދު ސުވާލުކުރެވޭނެ ދުވަހެއް އަންނާނެ ކަމަށާއި އެ ދުވަހަކުން ދޭނެ ޖަވާބަކަށް ތައްޔާރުވާން ޖެހޭނެ ކަމަށް ވެސް މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވެއެވެ.