އެކިއެކި މިނިސްޓްރީތަކުގެ ތެރޭގައި އޮންނަ ވާދަވެރިކަމުގެ ސަބަބުން ބައެއް މަސައްކަތްތައް ހުއްޓޭ ކަމަށް ރައީސުލްޖުމްހޫއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ތިމާވެއްޓާ ބެހޭ ވަޒީރުންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ސަރުކާރުން މަސައްކަތްކުރަނީ މިގައުމު އަންނަން އޮތް ޖީލުތަކަށް ގެންގޮސްދިނުމަށް ކަމަށާއި އެކަން ކުރެވޭނީ މިހާރު ކުރަމުން އަންނަ މަސައްކަތްތައް ކުރެވިގެން ކަމަށެވެ.
"އެކިއެކި މިނިސްޓްރީތަކުގެ ތެރޭގައި އޮންނަ ވާދަވެރިކަމާއި ދޫނުކުރުމުގެ ސަބަބުން ބައެއް ކަންކަން ހުއްޓޭ. އަދި އެންވަޔަރަމަންޓް މިނިސްޓްރީގައި ވެސް ބާރުތައް ހިފެހެއްޓުން ވެސް އެބައޮތް،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައީ ސިޔާސަތުތަކާއެކީ ކަމަށާއި އޭގެ ތެރެއިން އެންމެ މުހިންމު އެއް ސިޔާސަތަކީ ތިމާވެއްޓާ ބެހޭ ސިޔާސަތު ކަމަށެވެ. އެގޮތުން ސަރުކާރު އެކުލަވާލި އިރު، ހަމައެކަނި އެންވަޔަރަމަންޓް މިނިސްޓްރީ ކިޔާފައި މިނިސްޓްރީއެއް ހަދަން ގަސްދުކުރީ ވެސް ހަމަ އެ ސަބަބަށްޓަކައި ކަމަށެވެ.
މިއަދު ބޭއްވި އެ ބައްދަލުވުމުގައި މިދިޔަ ސަރުކާރުތަކުގައި ތިމާވެއްޓާ ބެހޭ ވަޒީރުކަން ކުރައްވާފައި ތިއްބެވި ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.