އިބްރާހީމް ހޫދު

އެއްވެސް އާ ސަރުކާރަކަށް ފުރަތަމަ ހަމަހު ނުގެންދެވޭހާ ބާރު ސްޕީޑުގައި މިސަރުކާރުން ވަނީ ކަންކަން ގެންގޮސްފައި: ހޫދު

އަލަށް އުފެދުނު އެއްވެސް ސަރުކާރަކަށް ފުރަތަމަ ހަަ މަސް ދުވަހު ތެރޭގައި ތަރައްގީ އާއި އަދި އެ ނޫން ވެސް ކަންކަން ކުރިޔަށް ގެންދެވިފައި ނުވާހާ ބާރު ސްޕީޑުގައި މި ސަރުކާރުން ކަންކަން ކުރިޔަށް ގެންގޮސްފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުގައި މިއަދު މެންދުރު ކުރިޔަށް ގެންދިޔަ ނޫސްވެރީންގެ ބައްދަލުވުމެއްގައި، ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު އިބްރާހީމް ހޫދު ވިދާޅުވީ، މި އަހަރު ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރާން 187 ރަށެއްގެ މަޝްރޫއުތައް ބެޖެޓުގައި ހިމަނާފައިވާ ކަމަށެވެ. އޭގެ ތެރެއިން 117 ރަށެއްގެ މަސައްކަތްތައް މިހާރު ވަނީ ފެށުމުގެ މަރުހަލާގައި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި 41 ރަށެއްގައި މަޝްރޫއުތައް ފެށިގެން ކުރިޔަށް އެބަދާ ކަމަށް ވެސް ހޫދު ވިދާޅުވި އެވެ.

"އަލަށް ސަރުކާރާ ހަވާލުވާ އެއްވެސް ބަޔަކަށް ފުރަތަމަ ހަމަސް ދުވަހުގެ ތެރޭ ބާރުބާރަށް ކަންތައްތައް ފަށައިގަނެގެން ކުރިޔަށް ގެންދެވޭ ތަނެއް ނުފެނޭ. އެ ގޮތަށް އަލަށް ހަވާލުވާ ސަރުކާރުތަކާ އަޅައި ބަލާ އިރު މިހާރު ވެސް މި ސަރުކާރުން ކުރި މަސައްކަތުގެ ޕަސެންޓޭޖް މާ ރަނގަޅު." ހޫދު ވިދާޅުވި އެވެ.

ހޫދު ވިދާޅުވީ އެއްވެސް ހަމައެއް ލަމައެއް، އުސޫލެއް ނެތި ކަންކަން ފަށައިގަނެގެން ކުރިޔަށް ގެންދިޔުމަކީ ވެސް މި ސަރުކާރުން ބޭނުންވާ ގޮތް ނޫން ކަމަށާއި ރައީސް ސޯލިހު ބޭނުންފުޅުވަނީ ހަމަޔާއި އުސޫލުގެ ތެރެއިން ހުރިހާ ކަމެއްވެސް ގެންދާން ކަމަށެވެ. އެހެން ވީމަ ކުޑަ ތަންކޮޅެއް ބަޔެއް ކަންކަން ލަސް ވިޔަސް، އޭގެން ރައްޔިތުންނަށް ލިބޭނޭ މަންފާ ބޮޑުވާނެކަން ހޫދު ފާހަގަކުރެއްވި އެވެ.