ނަރެންދްރާ މޯދީ

ކްރިކެޓް ޗާޓުން ރާއްޖެ ވަރަށް އަވަހަށް ފެންނާނެ ކަމަށް އުއްމީދުކުރަން: ސަޗިން ޓެންޑުލްކަރް

ދުނިޔޭގެ ކްރިކެޓްގެ ޗާޓުން ރާއްޖެ ވަރަށް އަވަހަށް ފެނިގެންދާނެ ކަމަށް އުއްމީދުކުރާ ކަމަށް އިންޑިއާގެ ކްރިކެޓް ތަރި ސަޗިން ޓެންޑުލްކަރް ބުނެފި އެވެ.

ސަޗިން މިހެން ބުނީ ދާދި ފަހުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ކްރިކެޓް ބެޓެއް ހަދިޔާ ކުރެއްވުމަށް ފަހު، ކުރެއްވި ޓުވީޓު ރީޓުވީޓުކުރަމުން ކޮށްފައިވާ އެ ކޮމެންޓެއްގަ އެވެ.

މި ދުވަސްވަރަކީ ކްރިކެޓް ވޯލްޑްކަޕް ވެސް ކުރިޔަށްދާ ދުވަސްވަރުކަމުން، ސަޗިން ގެ ކޮމެންޓުގައި ވަނީ އެކަން ވެސް ފާހަގަކޮށް، މި ދުވަސްވަރާ ދިމާކޮށް ކްރިކެޓް އިޝްތިހާރުކޮށްދެއްވީތީ ބޮޑު ވަޒީރު މޯދީ އަށް ޝުކުރު އަދާކޮށްފަ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް، ބޮޑު ވަޒީރު މޯދީ ހަދިޔާ ކުރެއްވި ރަމްޒީ ބެޓަކީ މިހާރު ކުރިޔަށްދާ ކްރިކެޓް ވޯލްޑްކަޕްގައި ވާދަކުރާ އިންޑިއާ ޓީމުގެ ކުޅުންތެރީން ސޮއިކޮށްފައިވާ ބެޓެކެވެ. އެ ބެޓް ރައީސް ސޯލިހަށް ހަދިޔާ ކުރެއްވުމަށް ފަހު މޯދީ ކުރެއްވި ޓުވީޓުގައި ވިދާޅުވީ އެމަނިކުފާނުގެ އެކުވެރިޔާ، ރައީސް ސޯލިހަކީ ކްރިކެޓަށް ވަރަށް ބޮޑަށް ލޯބިފުޅުކުރައްވާ ބޭފުޅެއް ކަމަށާއި އެހެންވެ އިންޑިއާގެ ގައުމީ ޓީމު ސޮއިކޮށްފައިވާ ބެޓެއް ހަދިޔާކުރެއްވީ ކަމަށެވެ.

"މިއީ ކްރިކެޓުގެ މި ދުވަސްވަރު މޯދީ ދެއްކެވި ކްރިކެޓް ޑިޕލޮމެސީގެ ފުރިހަމަ ނަމޫނާއެއް. އެކަމަށް ޓަކައި މޯދީޖީ އަށް ޝުކުރު އަދާކުރަން. ކްރިކެޓްގެ ޗާޓުން ރާއްޖެ ވަރަށް އަވަހަށް ފެންނާނެ ކަމަށް އުއްމީދު ކުރަން." ބައިނަލް އަގުވާމީ ކްރިކެޓުގައި އެންމެ ގިނަ ލަނޑު ހެދި އަދި 2011 ވަނަ އަހަރު އިންޑިއާ އެކު، ކްރިކެޓް ވޯލްޑްކަޕް ކާމިޔާބު ކުރި ޓީމުގައި ހިމެނުނު ސަޗިން ބުންޏެވެ.