ކޮލަމް

އިސްލާމީ މުޖްތަމައެއް އުފައްދަވައި އާރާސްތު ކުރެއްވުން - 1

އަބްދުﷲ ފާރޫގް ހަސަން

މަދީނާގެ އައު މާހޫލު

ހިޖްރައިގެ މަޤްސަދަކީ ތާރީޚުގެ މިސުރާބު ހެޔޮކަމުގެ ގަހާއަށް އަނބުރައިލެއްވުމެވެ. އިންސާނިއްޔަތުގެ ތާރީޚުގައި އަލިކަމާއި ހިތްގައިމުކަމުގެ މުޅީން ތަފަތު ދައުރެއްފެއްޓެވުމެވެ. މަދީނާއަކީ އިސްލާމްދީނާއި މުސްލިމުންގެ މުސްތަޤިއްލު މަރުކަޒަކަށް ހައްދަވައި މަދީނާގައި ނަމޫނާ މުޖުތަމައެއް އުފެއްދެވުމެވެ. ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަގެ ވިސްނުންފުޅުގައި އެނަމޫނާ މުޖުތަމަޢުގެ ގިއުގަނޑު ކުރީއްސުރެ ރާއްވަވައިފައިވާނެކަމީ ޝައްކެއް ހުރިކަމެއް ނޫނެވެ. އެހެނީ އިތުރުސާހިބާގެ މުހިންމަތުގެ އަސާސީ އެއްމަޤްސަދަކީވެސް އެއީއެެވެ. އިތުރުސާހިބާގެ އަލިވިސްނުންފުޅުވަނީ ވަޙީގެ ނޫރުން އުޖާލާވެފައެވެ. ތޫނުވެފައެވެ. މުސްތަޤްބަލާމެދު ދުރަށްވިސްނައިވަޑައިގެންނެވުމުގެ ޤާބިލުކަން ވަނީ އެމާތްސާހިބާއަށް ހިބަކުރެއްވެވިފައެވެ. އެމާތް ސާހިބާގެ ހިތްޕުޅުވަނީ އަބަދުވެސް ހޭފުޅުލައްވަވައެވެ. އެހެންކަމުން އެމާތް ސާހިބާއަށް ލިބިވަޑައިގެންފައިވަނީ ސަލާމަތް ބުއްދިފުޅެކެވެ. އެންމެ ފުރިހަމަ މާނައިގައި އުފެއްދުންތެރި ސިކުނޑިފުޅެކެވެ. އެމާތްސާހިބާ ޠަބީޢީގޮތުންވެސް ލޯބިކުރައްވަނީ ރަނގަޅުކުރެއްވުމަށެވެ. ބިނާކުރެއްވުމަށެވެ.
އިތުރުސާހިބާ މަދީނާއަށް ފައިންޕުޅު ބީއްސެވުމުން އެމާތް ސާހިބާއަށް ފެނިވަޑައިގެންނެވީ މުޅީންތަފާތު އައު މާހޫލެއްގައި ހުންނެވެނިކޮށެވެ. އެއީ ސިޔާސީ ގޮތުން ބައްލަވާއިރުވެސް އިޖްތިމާޢީގޮތުންނާއި އިޤްތިސާދީ ގޮތުން ވިސްނައިވަޑައިގަންނަވާ އިރު ވެސް ޘަޤާފީގޮތުން ނަޒަރު ހިންގައިލައްވާ އިރުވެސް މައްކާއާ މުޅީންތަފާތު ވެއްޓެކެވެ. މައްކާގައި ވެރިކަމާއި އާރާއިބާރު ވެސްއޮތީ ޤުރައިޝުންގެ އަތްމަތީގައެވެ. މައްކާގެ މީހުންނަކީ އެންމެންވެސް ކަހަލަގޮތަކަށް މުޝްރިކުންނެވެ. ބުދުދީނުގެ އަހުލުވެރީންނެވެ. ނަމަވެސް މަދީނާގައި އެތައްދީންތަކެއްގެ އެތައް ތަހުޒީބުތަކެއްގެ މީހުން އުޅެމުންގެންދިޔައެވެ. ބުދުދީނުގެ މީހުންގެ އިތުރުން ޔަހޫދީންނާއި ނަސާރާއިންވެސް ތިއްބެވެ. މަދީނާގެ އުފެއްދުންތެރިކަމާއި، އިޤްތިސާދީ ވަސީލަތްތަކަށް ވެރިވެގެންތިބީ ޔަހޫދީންނެވެ. އިޤްތިސާދީގޮތުންނާއި ، ޘަޤާފީގޮތުންނާއި ސިޔާސީ ގޮތުންނާއި އަސްކަރީގޮތުންވެސް ޔަހޫދީން ތިބީ ވަރަށް ބަދަހިކޮށެވެ. ބާރުވެރިކޮށެވެ. އެބައިމީހުންގެ އަމިއްލަ ގަދަފަދަ ކިއްލާތައް ހުއްޓެވެ. އެމީހުންގެ މިލްކުގައި އާރޯ ބަގީޗާތަކާއި މުއްސަނދި ދަނޑުބިންތައް ހުއްޓެވެ. މަސައްކަތްތެރިކަމާއި ހުނަރުވެރިކަމުގައިވެސް ނަގާކިޔަން އެންމެ ކުރީގައި ތިބީ ޔަހޫދީންނެވެ. ޔަހޫދީންނަކީ ރިބާ ކާބައެކެވެ. މަދީނާގެ އެހެންއެންމެންތިބީ ޔަހޫދީން ފަތުރައިފައިވާ ރިބާގެ ދަލުގައި ރަނގަޅަށް މެހެވިފައެވެ.އިޤްތިސާދީގޮތުންނާއި ޘަޤާފީގޮތުން ޔަހޫދީންގެ މުށުތެރޭގައެވެ.

ޔަހޫދީން ދައުވާކުރަނީ ތިމައުރެންނަކީ ތައުހީދުގެ އަހްލުވެރީން ކަމުގައެވެ. ނަމަވެސް އެބައިމީހުންގެ ތައުހީދަކީ ޚާލިސްތައުހީދެއްނޫނެވެ. އެބައިމީހުންގެ ފިކުރީ ހަޔާތުގައިވެސް އަމަލީދިރިއުޅުމުގައިވެސް އެއަޤީދާއޮތީ ހަމައެކަނި ނަމެއްގައެވެ. ޔަހޫދިއްޔަތަކީ ނަސްލީ ދީނެކެވެ. ތަބްލީޣީ ދީނެއްނޫނެވެ. ކޮންމެ ޒަމާނެއްގައިވެސް ޔަހޫދީން ތިބެނީ ވަރަށް ބޮޑަށް ބަދުނާމުވެފައެވެ. އަގުވެއްޓިފައެވެ. އެބައިމީހުންގެ ހިތްހަރުކަމާއި ، މުނާފިގުކަމާހުރެއެވެ. ވަފާތެރި ކަމެއް ނެތުމާއި ، ޚުލުޤުނުބައިކަމުގެ ސަބަބުންނެވެ. ނަތީޖާއެއްގެ ގޮތުން އެމީހުންގެ ދީނާމެދު އެހެންމީހުންގެ ހިތްތަކުގައި ކުޑަވެސް ޝައުގުވެރިކަމެއް ނުހުރެއެވެ. އެހެންކަމުން ޔަހޫދީންނަކަށް ޔަޘްރިބުގެ އަހުލުވެރީންގެ ތެރެޔަކު އެބައިމީހުންގެ ދީނެއް ނުފެތުރުނެވެ.

މުސްލިމުންގެ ތައުހީދުގެ އަޤީދާއިން ޔަހޫދީންނަށް އަސަރުތަކެއް ފޯރިއެވެ. ނަމަވެސް އެބައިމީހުންގެ ދީންފިޔަވައި އެހެން ބައެއްގެ ދީން ޤަބޫލުކުރާކަށެއް އެބައިމީހުން ނުރުހެއެވެ. އެބައިމީހުންގެ ނަސްލީ ބޮޑާކަމާއި ދީނީތަޢައްސުބު އެކަމަކަށް ހުއްދައެއް ނުދެއެވެ. އެބައިމީހުން މަސީޙީ ދީން ޤބޫލު ނުކުރީވެސް އެދީނަކީ އެބައިމީހުންގެ ކާބަފައިން ފެށުނީއްސުރެ ދޮގުކުރަމުން އައި ދީނަކަށްވާތީއެވެ.

އިސްލާމްދީނުގެ ނަބިއްޔާ ދުނިޔެއަށް ވަޑައިގެންނެވި އިރުވެސް ޔަހޫދީން ތިބީ އެމާތް ނަބިއްޔާއަށް ނުނިޔަތްލައިގެންނެވެ. ހަސަދަ އާއި ނީހައިން ހިތްތައް ފުރައިލައިގެންނެވެ. އިސްމާޢީލީ ދަރިކޮޅުން ފޮނުއްވާ ނަބިއްޔަކުކަމުގައިވާތީއެވެ. އިސްލާމީ ތަހްރީކަކީ އިންޤިލާބީ ތަހްރީކެކެވެ. އެހެންކަމުން އެދީނުގެ ދާއިރާގައި ފިރުއައުނިއްޔަތަށާއި ހާމާނިއްޔަތަށާއި ޤާރޫނިއްޔަތަކަށް ފުކެއްގެމިންވަރުގެވެސް ޖާގައެއްނެތެވެ.
އަނެއްކޮޅުން އެހުރިހާ ނުބައި ނުލަފާކަމެއް ވަނީ ޔަހޫދީ މުޖްތަމައުގެ ބަޔަކަށްވެފައެވެ. އެމުޖްތަމައާވަކިނުކުރެވޭނެ ލާޒިމީ ހިއްސާއަކަށްވެފައެވެ. ނަމަވެސް ހަޤީޤަތުގައި ކަންހުރިގޮތަށްބަލާއިރު މޫސާއަލައިހިއްސަލާމް ފޮނުއްވީ ހުއްދަނޫން މަންފާތައް ހޯދަމުންގެންދިޔަ ފޭރޭމީހުންގެ ބާރުތައް ނައްތައިލެވުމަށެވެ. ފިރުއައުނުގެ ވެރިކަމުގެ ދަށުންނާއި އޭނާގެ އަޅުވެތިކަމުން އިސްރާއިލީ ދަރިކޮޅު މިންޖުކުރެއްވުމަށްޓަކައެވެ. ސާފުތާހިރު އަދި ހެޔޮލަފާ މުޖްތަމައެއް އާރާސްތުކުރެއްވުމަށްޓަކައެވެ. ކަންމިހެންހުރި ކަމުގައިވިޔަސް ޔަހޫދީންތިބީ އިސްލާމްދީނާމެދު ޖެހިލުންވެފައެވެ. އިސްލާމްދީނުގެ އެއްވެސް އުނިކަމެއް އަދި ކުޑަވެސް އައިބެއްނެތް އަޤީދާއާއި އެދީނުގެ ސާފުތެދުވެރިތައުލީމު ދެކެ ބިރުހީވެފައެވެ. އެބައިމީހުން ގެންގުޅޭ ރައުސުމާލީ ފިކުރާހުރެއެވެ. ވެވުނު ކޮންމެ ގޮތަކުން މުއްސަނދި ވެގަތުމުގެ ޒިހުނިއްޔަތުގެ ސަބަބުންނެވެ. އިސްލާމީ އަޤީދާއާއި އިސްލާމީ ނަޒަރިއްޔާތަކާމެދު އެބައިމީހުންބެލީ ތިމާމެންގެ ޤައުމީ ޝަޚުސިއްޔަތާއި ދީނަށް ހުރި ބިރެއްކަމުގައެެވެ. މަދީނާގެ ޔަހޫދީންނަކީވެސް އިންތިހާދަރަޖައިގެ ތަޢައްޞުބުގެ ވެރި ބައެކެވެ. އެހައިމެ ބޯހަރުބައެކެވެ. ގޮތްދޫނުކުރާބައެކެވެ. ތިމާމެންގެ މޮޅުކަމައި، މަތިވެރިކަމުގެ އިޙްސާސުގައި ހައްދުފަހަނަޅައިފައިތިބި ބައެކެވެ. މިކަންކަމަކީ އެބައިމީހުންގެ ނަސްލީސިފަތަކެވެ. އެހެންކަމުން އެމީހުންވީ އިސްލާމްދީނާއި މުސްލިމުންގެ އެންމެ ނީހަވެރި ދުޝްމިނުންކަމުގައެވެ. އެންމެ ނުރައްކާތެރި ޢަދުއްވުންކަމުގައެވެ.

ހަމައެފަދައިން ބުދަށް އަޅުކަންކުރާ ޤަބީލާތަކުގައިވެސް މުސްލިމުންނާ މެދު ހަސަދަވެރި އެތައްބަޔަކު ތިއްބެވެ. ޝިރުކާއި ވެރިކަމުގެ ދަހިވެތިކަމުގެ ސަބަބުންނެވެ. ނަސާރާއިންނަކީ އެއްކައުވަންތަކަމުގެ އަޤީދާ ޤަބޫލުކުރާކަމަށް ދައުވާކުރާބަޔަކު ކަމުގައި ވިޔަސް އެބައިމީހުންނަކީ ޔަހޫދީންނަށްވުރެ ސަހަލު ބައެއްނޫނެވެ. ސަލާމްލެއްވި އީސާގެފާނަކީ މާތްކަލާނގެ ދަރިކަލެއްކަމުގައްޔާއި އިލާހުވަންތަކަމުގެ ބައިވެރިއެއްކަމުގައި ވާހަކަ ދައްކާބައެކެވެ. އިސްލާމް ދީން ވަނީ އެބައިމީހުންގެ ބާޠިލް ދައުވާއާ ދެކޮޅުހަދައިފައެވެ. އެބައިމީހުން އަމިއްލަޔަށް އުފައްދައިފައިވާ ދަރިވަންތަކަމާއި، ތިންކައުވަންތަކަމާއި، ކައްފާރާއާއި މިބާވަތުގެ ބިލާހު އަޤީދާތަކުގެ މުލުގައި ފުރޯއިންޖަހައިފައެވެ. ނަތީޖާ އަކީ ނަސާރާއިންވެސް އިސްލާމްދީނުގެ ތަހްރީކާ އަދާވާތްތެރިވެގަތުމެވެ. ކާފަރުންނާއި އަހްލުކިތާބީންގެ އިތުރަށްވެސް އިސްލާމީ ތަޙްރީކާ މެދު ނުނިޔަތްލައިގެންތިބި ޖަމާއަތެއް މަދީނާގައި އޮތެވެ. އެޖަމާއަތަކީ ރަހްމަތްތެރީން ކަމުގައި ހެދިގެންތިބި ދުޝްމިނުންތަކެކެވެ. މުސްލިމުންގެ ލިބާހުގެ އަތުކުރީގައި ފޮރުވިގެންތިބި ހަރުފަތަކެކެވެ. އިސްލާމީ އިސްތިލާހުގައި އެބައިމީހުންނަށްކިޔަނީ މުނާފިޤުންނެވެ. އެބައިމީހުން ކުޅެމުންގެންދިޔައީ ނުހަނު ދެފުށްދެގޮތް ރޯލެކެވެ. މިޒަމާނުގެ ތަޢުބީރުން ދަންނަވާނަމަ ދަނޑިވަޅަށް އަޅުކަންކުރާމީހުންގެ ނަމުން އެމީހުންނަށް ނަންދެވިދާނެއެވެ.އެޖަމާއަތުގެ ލީޑަރަކީ އަބްދުﷲ ބިން އުބައްޔުބިން ސަލޫލެވެ. މަދީނާގެ ބޮޑުންކުރެ ހިތްވަރުގަދަ ، ބާރުހުރި ، ޗާލާކު އަމީރެކެވެ. ޔަޘްރިބުގެ ޤަބީލާތަކުގެ ތެރެއިން އައުސުވަންހަ އާއި ޚަޒްރަޖުވަންހައިގައި އޭނާގެ މަޤްބޫލުކަން ވަރަށް ބޮޑެވެ. އޭނާގެ ސިޔާސީ ތޫނު ވިސްނުމާއި، ޙިކުމަތު އަމަލީއާއި ޅެންވެރިކަމުގެ ކުޅަދާނަކަމާހުރެއެވެ.

އަބްދުﷲ ބިން އުބައްޔު ދެކެމުން އައީ ކޮންމެވެސް ދުވަހަކުން މަދީނާގެ ރަސްކަލަކަށް ވުމުގެ ހުވަފެނެވެ.އައުސު ވަންހަ އާއި ޚަޒްރަޖު ވަންހައިގެ ހިމާޔަތުގައެވެ. އޭނާގެ މަޤްސަދުގައި އޭނާއަށް ވަނީ ކާމިޔާބީއާ ވަރަށް ގާތަށް ވާސިލުވެވިފައެވެ. އިސްލާމީ ތަހްރީކު ޔަޘްރިބުގައި ފައިތިލަ ސާބިތުކޮށްލީ އެހައިތަނުންނެވެ. މަދީނާގެ މީހުން ބައިބަޔަށް އިސްލާމްދީނަށް ވަންނަތަން ފެނުމުން އޭނާވެސް އޭނާގެ ޖަމާއަތާއެކު ބޭރުފުށުން އިސްލާމްވެއްޖެއެވެ. މަދީނާގެ ސިޔާސީ މަސްރަހުގެ ވައިބަދަލުވަމުންދާގޮތަށް ވިސްނައިފައެވެ. ދަނޑިވަޅުގެ ބޭނުންކުރުމުގެ ގޮތުންނެވެ. ސިޔާސީ މަސްލަހަތު ނިޔާކުރާގޮތާ ވަޑިފަތިނުވުމަށްޓަކައެވެ. ނަމަވެސް އޭނާގެ ހިތުގައި އޮތީ ނިފާގުކަމެވެ. ދެކޮޅުވެރިކަމެވެ. ނީހަ އާއި ހަސަދައެވެ. އެހެންކަމުން އިސްލާމްދީނުގެ ދުޝްމިނުންނާ ބައްދަލުވެވޭހިނދު އޭނާ ފާޅުކުރަނީ އިސްލާމްދީނާމެދު އޭނާގެ ހިތުގައި އޮންނަ ފޫހިކަމާއި ނަފުރަތެވެ. އޭނާ އަވަސްވެގަންނަނީ މުސްލިމުންނަށާއި އިސްލަމްދީނަށް ގެއްލުން ދިނުމުގެ ރޭވުންތަކައިގެންނެވެ. އޭނާ ހޯދަނީ މުސްލިމުންގެ އާރާއި ބާރު ކަފާސްކޮށް އޭނާގެ ވެރިކަން ޤާއިމުކުރާނެގޮތްތަކެވެ. އެކަމަކު އަރަހުށި މާތްﷲ ގެ ރޭއްވެވުން އޭނާގެ ތަދުބީރުތަކަށްވުރެ މާމޮޅެވެ.

އާދެ، މިހުރިހައި ގޮތްގޮތުން ބަލާއިރު ކައުސާހިބާ ސައްލަﷲ އަލައިހިވަސައްލަމަގެ ކުރިފުޅުމަތީގައި އޮތީ ދުއްޕާން ނަކަތްތަކެކެވެ. ނުސިޔާނު ސިޔާސީ މަސްރަހެކެވެ. ނުހަނު ވައި އެނބުރޭ މޫސުމެކެވެ. އެމާތްސާހިބާގެ މުހިންމަތަކީ އެހާލަތާ ކުރިލައްވައި އިސްލާމްދީނުގެ އިންޤިލާބީ ތަހްރީކު ފުރިހަމަޔަށް ކާމިޔާބު ކުރެއްވުމެވެ. އެކަމަށްޓަކައި ހެޔޮލަފާ މުޖްތަމައެއް ޤާއިމްކުރެއްވުމެވެ. އިސްލާމީ އުސޫލުތަކާ އެއްގޮތަށް އެމުޖްތަމައު އަރާސްތުކުރެއްވުމެވެ. ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަަމަ ހުންނެވީ އަރަބީންގެ ސިޔާސީ ތޫނު ވިސްނުމާމެދު ފުރިހަމަޔަށް ހޭފުޅުލައްވައެވެ. ޔަޘްރިބުގެ އިސްވެދެންނެވި ބާރުތަކުން އެބައިމިހުންގެތެރޭގައި އިންޤިލާބީ ތަހްރީކެއް މޫލައި ވަރުގަދަވެ އެތަހްރީކުގެ ސަރުކަރެއް އުފެދޭ ކަށެއް ނުރުހޭނެކަން އެމާތްސާހިބާއަށް ރަނގަޅަަށް އެނގިވަޑައިގަންނަވައެވެ.
(ނުނިމޭ)