ޚަބަރު

"މޯލްޑިވްސް ޕާޓްނަރޝިޕް ފޯރަމް"އަށް ދިވެހި ސަރުކާރުން އެންމެ ފަހުގެ ތައްޔާރީތައް ވާން ފަށައިފި

އަލީ އިހްސާން

"މޯލްޑިވްސް ޕާޓްނަރޝިޕް ފޯރަމް"އަށް ދިވެހި ސަރުކާރުން އެންމެ ފަހުގެ ތައްޔާރީތައް ވާން ފަށައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ، މި ޖޫން މަހުގެ 17 އަދި 18 ގައި ބޭއްވުމަށް ހަމަޖެހިފައިވާ "މޯލްޑިވްސް ޕާޓްނަރޝިޕް ފޯރަމް" އަށް ދިވެހި ސަރުކާރުން އެންމެ ފަހުގެ ތައްޔާރީތައް ވަމުންގެންދާ ކަމަށެވެ. މި ފޯރަމްއަށް ކަނޑައަޅާފައިވާ ޝިއާރަކީ "އިންވެސްޓިންގ އިން އަ ރިޒިލިއެންސް އެންޑް ސަސްޓައިނަބަލް މޯލްޑިވްސް" އެވެ.

ޕާޓްނަރޝިޕް ފޯރަމް އިފްތިތާހު ކޮށްދެއްވާނީ ޖޫން މަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއެވެ. މި ފޯރަމްގައި ރަހުމަތްތެރި ގައުމުތަކާއި ޖަމިއްޔާ ޖަމާއަތްތަކާއެކު "ޖަޒީރާ ރާއްޖެ"އެއްގެ ތަސައްވުރާ ބެހޭގޮތުންނާއި ސަރުކާރުގެ ތަރައްގީގެ އެޖެންޑާއާ ބެހޭގޮތުން މަޝްވަރާކޮށް، ހިޔާލު ބަދަލުކުރެވޭނެއެވެ. މި ފޯރަމްގައި، ދިވެހިރާއްޖެއަކީ ބައިނަލްއަގްވާމީ މުޖްމަތަމައަށް ހުޅުވާލެވިފައިވާ ގައުމެއްގެ ގޮތުގައި ބޭއްވުމަށް ދިވެހި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އެކި ގައުމުތަކާއި ބައިނަލްއަގްވާމީ މުޖްތަމައާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރެވި، ރާއްޖެއަށް ދިމާވެފައިވާ އެކި ގޮންޖެހުންތަކުން އަރައިގަތުމަށް އިގްތިޞާދީ އަދި އިޖްމާއީ އެކި ދާއިރާތަކުން ބައިނަލްއަގުވާމީ ބައިވެރިންގެ އެހީތެރިކަން ހޯދުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މި ފޯރަމްގައި ސަރުކާރުގެ ތަރައްގީގެ އެޖެންޑާ އާއި، ގައުމީ ތަރައްގީގެ ޕްލޭނާ ބެހޭގޮތުން ސަރުކާރުގެ ބައެއް ވަޒީރުން މައުލޫމާތު ދެއްވައި، ސަރުކާރުގެ ވައުދުތައް ފުއްދުމަށް ބައިނަލްއަގްވާމީ ބައިވެރިންނާއި ގުޅިގެން މަސައްކަތްކުރުމަށް މަގުފަހިވެގެންދާނެއެވެ.

މިއަހަރުގެ ޕާޓްނަރޝިޕް ފޯރަމްގައި ބައިނަލްއަގުވާމީ މުޖްތަމައުގެ އެހީތެރިކަން ސަރުކާރުން ބޭނުންވާ މައިގަނޑު ފަސް ދާއިރާއަކުން ޕެނަލް ޑިސްކަޝަންތައް ބާއްވައި، މައުލޫމާތު ދެވޭނެއެވެ. އެދާއިރާތަކަކީ؛

• މާލީ އަދި އިގްތިޞާދީ ދާއިރާ – ދިވެހިރާއްޖޭގެ މިވަގުތުގެ މާލީ އަދި އިގްތިޞާދީ ހާލަތުގެ މައުލޫމާތު މި ޕެނަލް ޑިސްކަޝަންގައި ދެވޭނެއެވެ.

• ނޫ އިގްތިސޯދު – ދެމެހެއްޓެނިވި އަދި އެންމެންގެ ބައިވެރިވުން ހިމެނިގެން އިގްތިސޯދީ ދާއިރާ ތަރައްގީކުރުން

• އިޖްތިމާއީ ދާއިރާ – ސިއްހީ އަދި ތައުލީމީ ދާއިރާ ތަރައްގީކުރުމާއި، ސަގާފީ އަދި ޒުވާނުންނާއި ގުޅޭ ކަންކަން

• އިދާރާތައް ހަރުދަނާކުރުން – ހިންގުމާއި އަދުއިންސާފުގެ ނިޒާމް ހަރުދަނާކުރުން

• ޕްރައިވެޓް ސެކްޓަރ އާއި ގުޅިގެން ތަރައްގީކުރުން – ގައުމީ ތަރައްގީގައި ޕްރައިވެޓް ސެކްޓަރ އަށް އަދާކުރެވިދާނެ ދައުރު

މޯލްޑިވްސް ޕާޓްނަރޝިޕް ފޯރަމަކީ ވޭތުވެ ދިޔަ 10 އަހަރުތެރޭގައި ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މަލްޓިލޭޓަރަލް ބައްދަލުވުމެވެ. މި ފޯރަމްގައި ބައިވެރިވުމަށް ގިނަ ގައުމުތަކަކުންނާއި ޖަމްއިއްޔާ ޖަމާއަތްތަކުން ރާއްޖެއަށް އައިސް، ސަރުކާރުގެ ތަރައްގީގެ އެޖެންޑާއަށް އެހީތެރިކަން ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ފޯރަމްގައި ބައެއް އެއްބަސްވުންތަކުގައި ސޮއިކުރެވިގެންދާ އިރު، ސަރުކާރުގެ އެކި އިދާރާތަކުން ހިންގާ އެކި މަޝްރޫއުތަކުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެފަރާތްތަކަށް ބޭނުންވާ މައުލޫމާތު މިހާރު ވަނީ ފޯރުކޮށްދެވިފައެވެ.

މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދުއާއި މިނިސްޓަރ އޮފް ފައިނޭންސް އިބްރާހިމް އަމީރު ކޯ-ހޮސްޓް ކުރައްވާ މި ފޯރަމްގައި ސަރުކާރުގެ ހުރިހާ މިނިސްޓްރީއަކާއި ބައެއް އިދާރާތަކުން ބައިވެރިވާނެއެވެ. ޕާޓްނަރޝިޕް ފޯރަމް ބޭއްވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.