ބްރޯޑްކާސްޓިން ކޮމިޝަން

ހިންނަވަރުގައި ރީބްރޯޑްކާސްޓް ކުރަނީ ގާނޫނާ އެއްގޮތަށް: ބްރޯޑްކޮމް

1

ޅ. ހިންނަވަރުގައި ސެޓްލިންކް ޕްރައިވެޓް ލިމިޓެޑުން ރީބްރޯޑްކާސްޓް ކުރަމުންދަނީ ގާނޫނާ އެއްގޮތަށް ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބުނެފިއެވެ.

ބްރޯޑްކޮމް އިން މިހެން ބުނެފައިވަނީ، ހިންނަވަރުގައި ލައިސަންސް ނެތި އެއާރ ޓެލް، ފްރީ ޑިޝް ޓީވީ، ވީޑިއޯކޯން އަދި ޑައެލޮގްގެ ޗެނަލްތައް ސެޓްލިންކް ޕްރައިވެޓް ލިމިޓެޑުން ބްރޯޑްކާސްޓުކުރަމުންދަނީ ރީބްރޯޑްކާސްޓް ކުރަމުންދާ ޗެނަލްތައް ރިސީވްކުރަމުން ގެންދަނީ ޑިޝްއެންޓަނާ މެދުވެރިކޮށްކަމާއި 68 ޗެނަލެއް ދައްކަމުންދާކަމަށް ބުނެ ހުށަހަޅައިފައިވާ މައްސަލައެއް ބެލުމަށްފަހު ނެރުނު ރިޕޯޓުގައެވެ.

ބްރޯޑްކޮމްގެ ރިޕޯޓްގައިވާ ގޮތުން އެމައްސަލައިގައި މައްސަލަ ރައްދުވާ ސެޓްލިންކް ޕްރައިވެޓް ލިމިޓެޑަށް ޖަވާބުދާރިވުމަށް ދިން ފުރުސަތުގައި އެކުންފުނިން ހިންނަވަރުގައި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ނުދޭ ކަމަށާއި، ނަމަވެސް އެ ކުންފުނީގެ ނެޓްވޯރކް ބޭނުންކޮށްގެން މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑްގެ ކޭބަލް ޓީވީގެ ޚިދުމަތް ދޭކަން އެނގިފައިވާ ކަމަށެވެ.

ހިންނަވަރުގައި ދެމުންދާ ކޭބަލް ޓީވީގައި ހިމަނާފައިވާ ޗެނަލްތަކަކީ، މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑްގެ ''ހިޓްސް ޕެކޭޖު'' ގެ ޗެނަލްތައް ކަމަށްވާތީ އާއި، އެ ޗެނަލްތައް ދެއްކުމަށް ސެޓްލިންކް ޕްރައިވެޓް ލިމިޓެޑާއި މީޑިއާނެޓާއެކު ކޮށްފައިވާ އެގްރިމަންޓްގެ ކޮޕީއެއް ކޮމިޝަނަށް ހުށަހަޅައިފައިވާ ކަމަށެވެ.

އަދި އެކުންފުނިން ދެމުންދަނީ އިންޓަރނެޓްގެ ޚިދުމަތްކަމާއި، މީޑިއާނެޓާ ގުޅިގެން ކޭބަލް ޓީވީގެ ހިދުމަތް ދިނުމުގެ މަސައްކަތް ކުރަމުންދާކަން އެނގިފައިވާ ކަމަށެވެ. އަދި އެކުންފުނިން އެއާރ ޓެލް، ފްރީ ޑިޝް ޓީވީ، ވީޑިއޯކޯން އަދި ޑައެލޮގް ބޭނުންކޮށްގެން ޚިދުމަތް ދެމުންނުދާކަމަށް ހިންނަވަރު ކައުންސިލްގެ އިދާރާއިންނާއި ހިންނަވަރު ޕޮލިސް ސްޓޭޝަނުން މައުލޫމާތުދީފައިވާ ކަމަށް ވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

ސެޓްލިންކް ޕްރައިވެޓް ލިމިޓެޑުން ހިންނަވަރުގައި ދޭ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތަކީ މީޑިއާ ނެޓާ ގުޅިގެން ދޭ ޚިދުމަތެއްކަމަށް މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑުން މައުލޫމާތުދީފައިވާ ކަމަށް ބުނެފައިވެއެވެ.

އަދި އެކުންފުނިން ހިންނަވަރުގައި ދެމުންދާ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތަކީ އެކުންފުނީގެ ނެޓްވޯރކްގައި މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑްގެ “ހިޓްސް ޕެކޭޖް” ގެ ޚިދުމަތް ފޯރުވައިދިނުން ކަން ކޮމިޝަނުގެ ތަހުގީގަށް އެނގެން އޮތުމުން ސެޓްލިންކް ކުންފުނިން ގާނޫނާއި ގަވާއިދާ ޚިލާފުވެފައިވާ ކަމަށް ބެލޭނެ ޖާގައެއް ނެތްކަމަށް އެމައްސަލަ ބެލި ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ނިންމާފައިވާ ކަމަށް ރިޕޯޓްގައިވެއެވެ.