މިނިސްޓްރީ އޮފް ނޭޝިނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ

ނުވަ ރަށެއްގައި ފެނާއި ނަރުދަމާ އަޅަން ތިން ފަރާތަކާ ހަވާލުކޮށްފި

ޝަހީދާ އަބްދުﷲ ސައީދު

ނުވަ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމަށް އިންޑިއާގެ ކުންފުންޏަކާއެކު ތިން ފަރާތަކާ ހަވާލުކޮށްފިއެވެ.

މިއެއްބަސްވުމުގައި ހިމެނެނީ ށ. ފޯކައިދޫއާއި ށ. މަރޮއްޓާއި ށ. ކޮމަންޑޫއާއި ށ. ކަނޑިތީމާއި ރ. ވާދޫއާއި ރ. ރަސްގެތީމާއި ބ. ހިތާދޫއާއި ތ. ވަންދޫގެ އިތުރުން އެ އަތޮޅު ކަނޑޫދޫއެވެ. މި އެއްބަސްވުމުގައިވާ ގޮތުން ދެ އަހަރު ދުވަހުގެ ތެރޭގައި މި ނުވަ ރަށުގެ މަސައްކަތް ނިންމަން ޖެހެއެވެ.

އޭގެ ތެރެއިން ފޯކައިދޫ، ކަނޑިތީމު، ރަސްގެތީމު، ހިތާދޫ، ވަންދޫގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ އިންޑިއާގެ ޗެންނާއީއަށް ނިސްބަތްވާ މޯހަން މުތާ އެކްސްޕޯޓްސް ޕްރައިވެޓް ލިމިޓެޑާއެވެ.

އަދި މި ޕްރޮޖެކްޓްގައި ހިމެނޭ ވާދޫ، ކޮމަންޑޫ، ކަނޑޫދޫގެ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމަށް ހަވާލުކޮށްފައިވަނީ އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ. އަދި މަރޮށީގައި ފެނާއި ނަރުދަމާ ގާއިމްކުރަން ހަވާލުކުރީ ސްޓެޓިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ.

އޭގެ ތެރެއިން ފެނާއި ނަރުދަމާ އަޅަން ހަމަޖެހިފައިވަނީ ހިތާދޫ، ރަސްގެތީމު، ވަންދޫ، ވާދޫ، ކޮމަންޑޫ، އަދި މަރޮށީގައެވެ.

ފެނުގެ ނިޒާމް ކަނޑިތީމުގައި އަޅަން ހަމަޖެހިފައިވާ އިރު، ނަރުދަމާ އަޅަން ހަމަޖެހިފައިވަނީ ފޯކައިދޫގައެވެ.

މި އެއްބަސްވުމުގެ ދަށުން ހިތާދޫ ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުމަށް ހަވާލުކޮށްފައިވަނީ 35.3 މިލިއަން ރުފިޔާއަށެވެ. ރަސްގެތީމުގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުމަށް ހަވާލުކޮށްފައިވަނީ 24.2 މިލިއަން ރުފިޔާއަށެވެ.

އަދި ފޯކައިދޫގައި ނަރުދަމާ ނިޒާމް ގާއިމް ކުރުމަށް ހަވާލުކޮށްފައިވަނީ 16.9 މިލިއަން ރުފިޔާއަށެވެ. އަދި ކަނޑިތީމުގައި ފެނުގެ ނިޒާމް ގާއިމް ކުރުމަށް ހަވާލުކޮށްފައިވަނީ 17.9 މިލިއަން ރުފިޔާއަށެވެ.

ވަންދޫގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުމަށް ހަވާލުކޮށްފައިވަނީ 20.8 މިލިއަން ރުފިޔާއަށެވެ. އަދި ވާދޫގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުމަށް ހަވާލުކޮށްފައިވަނީ 19.3 މިލިއަން ރުފިޔާއަށެވެ.

ކޮމަންޑޫގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުމަށް ހަވާލުކޮށްފައިވަނީ 23.5 މިލިއަން ރުފިޔާއަށެވެ. އަދި މަރޮށީގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުމަށް ހަވާލުކޮށްފައިވަނީ 35.3 މިލިއަން ރުފިޔާއަށެވެ. ކަނޑޫދޫގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުމަށް ހަވާލުކޮށްފައިވަނީ 19.2 މިލިއަން ރުފިޔާއަށެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓްސް ޕްރައިވެޓްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޕްރޮޖެކްޓް މެނޭޖަރު ކޭ.އާރު. ސާޖީއެވެ.