ވައްކަމާއި ފޭރުން

ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައިގެން ވައްކަން ކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

1

ޅ. ނައިފަރު ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައިގެން ވައްކަން ކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 6:15 ހާއިރު ނައިފަރު ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައިގެން ވައްކަން ކޮށްފައިވާ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލަ ހުށަހެޅުމާ ގުޅިގެން ތުހުމަތުކުރެވޭ ފަރާތް ހޯދުމަށްޓަކައި ކުރެވުނު މަސައްކަތުން މިއަދު ހެނދުނު 11:40 ހާއިރު ކޯޓު އަމުރެއްގެ ދަށުން 29 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށާއި އެ ފިހާރައިން ވަގަށް ނަގާފައިވާ 1100 ރުފިޔާ އާއި 750 ޑޮލަރުގެ ތެރެއިން 556 ޑޮލަރާއި 20 ޔޫރޯ އާއި 845 ރުފިޔާ ހޯދާފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ ވަގަށް ނެގި ބައެއް ފައިސާގެ އިތުރުން ވައްކަން ކުރުމަށް ބޭނުންކުރި ތަކެތި ވެސް ހޯދާފައިވާ ކަމަށާއި އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަ ކަމަށެވެ.