ޚަބަރު

ޖައްވަށް ދޫކުރާ ވިހަ ގޭހުގެ މިންވަރު ކުޑަކުރުމަށް އެކްޝަން ޕްލޭނެއް އިފްތިތާހުކޮށްފި

އަލީ އިހްސާން

ޖައްވަށް ދޫކުރާ ވިހަ ގޭހުގެ މިންވަރު ކުޑަކުރުމަށް އެކްޝަން ޕްލޭނެއް އިފްތިތާހުކޮށްފިއެވެ.

"ނޭޝަނަލް އެއަރ ޕްލިއުޓެންޓް އެކްޝަން ޕްލޭން"ގެ ނަމުގައި ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ މާއްދާތައް ރާއްޖޭގައި ހުރި މިންވަރާއި، މިކަން ކުޑަކުރުމަށް ކުރެވޭނެ މަސައްކަތްތަކާ ބެހޭ އެކްޝަން ޕްލޭން އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއިޝަތު ނަހުލާއެވެ.

މިއަދު ހަވީރު ސޯޝަލް ސެންޓަރުގައި ކުރިއަށް ގެންދިޔަ ހަފްލާގައި އިފްތިތާހު ކުރި މި އެކްޝަން ޕްލޭންއަކީ، ރާއްޖޭގެ ވައިގެ ތަޣައްޔަރުވެފައި ހުރި މިންވަރާއި، މިހާތަނަށް ވައި ތަޣައްޔަރުވުން ކުޑަކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއި މިކަން ހައްލުކުރުމަށް ސަރުކާރުން އެޅުއްވުމަށް ނިންމަވާފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުން އެކުލަވާލާފައިވާ ޕްލޭނެކެވެ. މިއީ ދިވެހިރާއްޖޭގައި އެކުލަވާލި މިފަދަ ފުރަތަމަ އެކްޝަން ޕްލޭނެވެ.

މި އެކްޝަން ޕްލޭން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންވަޔަރަމެންޓް މިނިސްޓަރ ޑރ.ހުސައިން ރަޝީދު ވިދާޅުވީ ރާއްޖެއަކީ އެހެން ގައުމުތަކާ އަޅާބަލާއިރު، ވައި ތަޣައްޔަރުވުމުގެ މައްސަލަ ކުޑަ ޤައުމެއް ކަމަށެވެ. އެހެން ނަމަވެސް އުޅަނދު އިތުރުވުން ފަދަ ކަންކަމުގެ ސަބަބުން ޖައްވަށް ބޭރުވާ ދުމުގެ މާއްދާ ރާއްޖޭގެ ޖައްވުގައި އިތުރުކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ދުން އަރުވާ ވެހިކަލުތަކާ ނުލައި އުޅޭނެ ގޮތެއް ހޯދަން ޖެހޭކަމަށާއި، އެކަަން ކުރެވޭނީ ޕަބްލިކު ޓްރާސްޕޯޓެއް ބަހުގައި ނުވަތަ މިނީ ބަހުގައި ގާއިމުކޮށްގެން ކަމަށެވެ. އަދި އެބަސްތައް ދުއްވުމަށް ބޭނުންކުރާނީ ކަރަންޓުން ޗާޖުކުރާ ބެޓްރި ކަމަށެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިިނސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ ވިދާޅުވީ، ތިމާވެއްޓާ ރައްޓެހި އުޅަނދުތަކަށް އަހުލުވެރިކުރުވުމާއި ކަނޑު ދަތުރުފަތުރުގެ ނިޒާމުވެސް ވީހާވެސް ތިމާވެއްޓާ ރައްޓެހިކުރާނެ ކަމަށެވެ. އަދި ނޭޝަނަލް ޑިވެލޮޕްމަންޓް ޕްލޭން އެކުލަވާލާއިރު، ފެރީގެ ނިޒާމް ބައްޓަންކުރާނީ ތިމާވެއްޓާ ރައްޓެހިކޮށް، ޖައްވަށް ބޭރުކުރާ ވިހަ މާއްދާތައް ވީހާވެސް މަދުވާނެ ގޮތަކަށް ކަމަށެވެ.