ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކުރުމަށް އެކުލަވައިލި ސިޔާސަތަށް އަމަލުކުރަނީ

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކުރުމުގެ ގޮތުން އެކުލަވާލާފައިވާ ސިޔާސަތަށް އަމަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ނިންމަވައިފިއެވެ.

ރައީސް އޮފީހުން ބުނިގޮތުގައި، ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމަވާފައި ވަނީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި އިކޮނޮމިކް ޑިވެލޮޕްމަންޓުން ހުށަހެޅި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މަޖިލީހުން މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.

މި ސިޔާސަތުގައި ސަރުކާރުގެ މުއައްސަސާތަކުގެ ޕްރޮކިއުމަންޓް އަދި ޑިއުޓީ މައާފު އުސޫލަށް އިސްލާހު ގެނެސް، ސަރުކާރާއި، މިނިވަން މުއައްސަސާތަކާއި އަދި ސަރުކާރުގެ މެޖޯރިޓީ ހިއްސާވާ ކުންފުނިތަކުން، ކުރާ އިއުލާންތަކުގައި ބިޑް ކުރުމަށް ހުޅުވާލެވޭއިރު އެ އިއުލާން ކުރާ ޕްރޮޖެކްޓެއްގެ އަގު 2.5 މިލިއަން ރުފިޔާއަށް ވުރެ ދަށްނަމަ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އިސްކަންދޭނެ ޝަރުތުތަކެއް ހިމަނާފައިވެއެވެ.

މި ސިޔާސަތުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް ޓެކްސްގެ ދާއިރާއިން ތަފާތު އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ހިމަނާފައިވެއެވެ. އެގޮތުން ކުޑަ އަގެއްގައި ޕީއޯއެސް ފޯރުކޮށްދިނުމާއި ތަމްރީނުދިނުން ފަދަ ކަންކަން މި ސިޔާސަތުގައި ހިމެނެއެވެ.

މީގެ އިތުރުން ވިޔަފާރިތަކަށް ސަރުކާރުން ނުވަތަ ސަރުކާރުގެ ކުންފުނިތަކުން ދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ކުރާ އިންވޮއިސްތަކަށް އަވަހަށް ފައިސާދެއްކުމަށް ބާރުއެޅޭގޮތަށް ކަންކަން ބައްޓަންކުރުމާއި މީހުން ތަމްރީނުކުރުމާއި އަދި އެފަދަ ވިޔަފާރިތަކަށް ހިތްވަރުދިނުމުގެ ގޮތުން އެވޯޑްދިނުން ފަދަ ކަންކަން ތައާރަފް ކުރުން މި ސިޔާސަތުގައި ހިމެނޭ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދީފައިވެއެވެ.