ރައީސް އޮފީސް

''ޓްރޭޑް ފެސިލިޓޭޝަން'' އެއްބަސްވުމުގައި ސޮއިކުރުމާ ބެހޭގޮތުން މަޖިލީހުގެ ލަފައަކަށް ރައީސް އެދިވަޑައިގެންފި

''ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަންގެ ޓްރޭޑް ފެސިލިޓޭޝަން" އެއްބަސްވުމުގައި ދިވެހިރާއްޖެއިން ސޮއި ކުރުމާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ލަފައަކަށް ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.

ޓްރޭޑް ފެސިލިޓޭޝަން އެއްބަސްވުމަކީ ޖުމްލަ ގޮތެއްގައި، ގައުމެއްގައި ވިޔަފާރި ކުރުމުގައި ވިޔަފާރިވެރިންނަށް ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ގާނޫނުތަކާއި ގަވައިދުތަކާއި ޕްރޮސީޖާތައް ބަޔާންކުރުމަށް އަދި އެގޮތަށް މެންބަރު ގައުމުތަކުން އަމަލު ކުރުމަށް މަގުފަހި ކުރުމަށް އެކުލަވާލެވިފައިވާ އެއްބަސްވުމެކެވެ.

ރައީސް އޮފީހުން މިއަދު ބުނީ ރައީސުލްޖުމްހޫރިއްޔާ މިގޮތަށް މި ނިންމެވީ މިއަދު އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި އެކަމާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހު ކަމަށެވެ.

ރައީސް އޮފީހުން ބުނިގޮތުގައި މި އެއްބަސްވުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ މުދާ ކްލިއާ ކުރުމާއި، ރިލީސް ކުރުމާއި، މުދާ ޓްރާންސިޓް ކުރަންޖެހޭ ހާލަތްތަކުގައި، ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމާއި، ގައުމުތަކުގެ ކަސްޓަމްސްއާއި އެހެނިހެން މުއައްސަސާތަކާ ގުޅިގެން، ޓްރޭޑް ފެސިލިޓޭޓްކުރުމަށް މަސައްކަތް ކުރުމެވެ.

އަދި މިއެއްބަސްވުމުގެ ދަށުން އިމްޕޯޓް އެކްސްޕޯޓް މަރުހަލާގައި ބޯޑަރުގައި ދިމާވާ ހުރަސްތައް ނައްތާލުމަށްޓަކައި ކަސްޓަމްސް ކޮމްޕްލަޔަންސް ހަރުދަނާ ކުރުމެވެ.

މި މަގުސަދުތައް ހާސިލު ކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމުން، ވިޔަފާރީގެ މުއާމަލާތްތަކުގެ ހަރަދުތަކާއި އާންމުން ހިދުމަތް ހޯދުމަށް ހޭދަވާ ވަގުތު ނިސްބަތުން ކުޑަކުރެވި، ވިޔަފާރި ކުރުމުގައި ފަހި މާހައުލެއް ގާއިމު ކުރެވޭނެ ކަމަށް ބެލެވޭ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

އަދި މި އެއްބަސްވުމުގެ ދަށުން، މުދާ ކްލިއާ ކުރުން އަވަސްވުމާއި، ބޯޑަރު އެޖެންސީތަކުގެ ގުޅުން ބަދަހިވުމާއި، ވިޔަފާރިވެރިންނަށް މިކަމުން ލިބިގެންދާ ލުއިފަސޭހަތަކާއި ވިޔަފާރި ކުރުމުގެ ހަރަދުތައް ކުޑަވުމުގެ ނަތީޖާއަކަށް ވެގެންދާނީ، އެ ގައުމަކުން އަގުހެޔޮކޮށް މުދާ ގަންނަން ލިބުމާއި އެ ގައުމަކުން މުދާ އެކްސްޕޯޓް ކުރުން ފަސޭހަވެގެން ދިއުމާއި، އެކްސްޕޯޓް ކުރެވޭ މުދާ އިތުރުވެ އެ ގައުމުގެ އުފެއްދުންތެރިކަމަށް ހެޔޮ ބަދަލުތަކެއް އައުން ކަމަށް ބުނެފައިވެއެވެ.

މި އެއްބަސްވުމުގައި ދިވެހިރާއްޖެއިން ސޮއިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވުމާ ގުޅިގެން، ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން މި އެއްބަސްވުމުގައި ބައިވެރިވުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ގާނޫނީ އިޖްރާއަތްތައް ފުރިހަމަކުރުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށް ގެންދާނެ ކަމަށްވެސް ބުންޏެވެ.