ޚަބަރު

އެއްދަންފަޅިއަށް ކިޔަވައިދިނުމުގެ ޕައިލެޓް ޕްރޮގްރާމް 22 ސްކޫލެއްގައި ފަށައިފި

އެއް ދަންފަޅިއަށް ކިޔަވައިދިނުމުގެ ޕައިލެޓް ޕްރޮގްރާމް 22 ސްކޫލެއްގައި ފަށައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީއިން މައުލޫމާތު ދިން ގޮތުގައި އެއްދަންފަޅިއަށް ކިޔަވައި ދިނުމުގެ ޕައިލެޓް ޕްރޮގްރާމް ފަށާޢފައިވަނީ އިއްޔެ އެވެ. އެޑިއުކޭޝަން މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ވާގޮތުން މި ޕްރޮގްރާމްގައި ހިމެނޭ ހުރިހާ ސްކޫލްތަކެއްގެ ސެޝަން ފެށޭނީ ހެނދުނު ހައެއްޖަހާއިރުއެވެ. އަދި ސްކޫލަށް އައިސް ކުޅިވަރާއި ކަސްރަތު ކުރުމުގައި ގަޑިއިރެއް އުޅުމަށްފަހު ދަރިވަރުން 7 ޖަހާއިރު ގެއަށް ދިއުމަށްފަހު ސްކޫލަށް އަލުން 8 ޖަހާއިރު އައުމަށް ވަނީ ކަނޑައަޅަފައެވެ. އަދި ސްކޫލްގެ ކިޔެވުން ފެށޭނީ 8 ޖަހާއިރު އައުމަށްފަހު ހެނދުނުގެ ނާސްތާ ކޮށްގެން ކަމަށް މިނިސްޓްރީއިން މައުލޫމާތު ދެއެވެ.

މިނިސްޓްރީއިން ބުނި ގޮތުގައި އެއް ދަންފަޅިއަށް ކިޔަވައިދިނުމަކީ ކްލާސްރޫމުން ބޭރުގައި އެހެނިހެން ހަރަކާތްތަކުގައި ދަރިވަރުން ބައިވެރިވުމަށް ލިބޭ ފުރުސަތެކެވެ. އަދި މިކަމުގެ ސަބަބުން ދޭދޭ މުވައްޒަފުންނާއި، މުދައްރިސުންނާއި ދަރިވަރުންގެ މެދުގައި ގުޅުން ބަދަހިވާނެ ކަމަށް މިނިސްޓްރީއިން ބުނެއެވެ. މިނިސްޓްރީއިން ބުނީ ދަރިވަރުންނަކީ ހަމައެކަނި ފޮތުގައި ވާ ފިލާވަޅުތައް ދަސްކުރާ ކުދިބަޔަކަށް ވުމުގެ ބަދަލުގައި އެކުދިންނަކީ ދިރިއުޅުމަށް ތައްޔާރުވެފައިވާ، ހުނަރުވެރި ކުދިންތަކަކަށް ހެދުމަކީ ސަރުކާރުގެ ތައުލީމީ ސިޔާސަތުގައި ހިމެނޭ ކަމެކެވެ. އަދި މި ސިޔާސަތު ތަންފީޒުކުރުމަށް އެއްދަންފަޅިއަށް ކިޔަވަން ބަދަލު ކުރުމުން ސްކޫލް ސެޝަން ގަޑީ ދަރިވަރުންނަށް އުނގަންނައިދޭން ބޭނުންވާ އިލްމާއި ހުނަރު އުނގަންނައި ދެވޭނެ ކަމަށް މިނިސްޓްރީއިން ބުނެއެވެ.

އިއްޔެ މިނިސްޓްރީއިން ވަނީ ރާއްޖޭގެ ހުރިހާ ސަރުކާރު ސްކޫލްތަކެއްގައި ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމް ފަށާފައެވެ. މި ޕްރޮގްރާމް އިއްޔެ ފަށާފައިވަނީ ފުރަތަމަ ޓާމުގައި ހެނދުނުގެ ނާސްތާ ދަރިވަރުންނަށް ފޯރުކޮށްދިނުމުގެ ޕައިލެޓް ޕްރޮގްރާމަކަށް ފަހުއެވެ.