ވޮލީބޯޅަ އެސޯސިއޭޝަން

ވޮލީ އެސޯސިއޭޝަނުގެ ރައީސް ޒިންމާތަކުން ދުރުކޮށް، ހިންގުން ވަގުތީ ކޮމެޓީއަކާ ހަވާލުކޮށްފި

5

ވޮލީ ބޯޅަ އެސޯސިއޭޝަނުގެ ރައީސް، މުހައްމަދު ލަތީފު މަގާމުގެ ޒިންމާތަކުން ދުރުކޮށް، އެސޯސިއޭޝަން ހިންގުން ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ނޯމަލައިޒޭޝަން ކޮމެޓީއަކާ ހަވާލުކޮށްފި އެވެ.

ފަސް މެންބަރުންގެ މައްޗަށް އެކުލަވާލާފައިވާ މި ކޮމިޓީގެ ރައީސް އަކީ އަބުދުﷲ އާމިރުއެވެ. ނާއިބުރައީސް އަކީ އަހުމަދު އިސްމާއީލްއެވެ. ކޮމިޓީގެ މެންބަރުގެ ގޮތުގައި ހަމަޖެހިފައިވަނީ، ހުސެއިން މުހައްމަދާއި އަހުމަދު އިބްރާހިމްގެ އިތުރުން މަރިޔަމް ޖުމާނާއެވެ.

މިކަން އަންގައި، މުހައްމަދު ލަތީފަށް ސްޕޯޓްސް ކޮމިޝަނަރު ހީނާ އަހުމަދު ސަލީމް ފޮނުއްވާފައި ސިޓީގައި ބުނެފައިވަނީ، ވޮލީބޯޅަ އެސޯސިއޭޝަނާ ބެހޭގޮތުން ގިނަ ޝަކުވާތަކެއް ހުށަހެޅިފައިވާކަމަށެވެ.

އެހެންކަމުން އެ ބަދަލު ގެންނެވީ އެ މައްސަލަތައް ބެލުމަށްފަހު، އެ އެސޯސިއޭޝަނުގެ ހިންގުން ހަރުދަނާ ކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުން މުހިއްމު ކަމަށް ފެންނާތީކަމަށެވެ.

އެސޯސިއޭޝަންގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން، ވޮލީބޯޅަ އެސޯސިއޭޝަންގެ އެންމެހާ ކަންކަން ދުވަހުން ދުވަހަށް ބެލެހެއްޓުމަށާއި އެސޯސިއޭޝަންގެ ހިންގާ ގަވާއިދު އިސްލާހު ކުރުމަށްފަހު ހިންގާ ކޮމިޓީގެ އިންތިހާބާބެހޭ އެންމެހާ މަސައްކަތް ކުރުމަށް ކޮމިޝަނަރު ވަނީ އެ ކޮމިޓީއާ ހަވާލު ކޮށްފައެވެ.

އަދި އެކަންތައް ކުރުމަށް ނޯމަލައިޒޭޝަން ކޮމިޓީއެކުލަވާލާފައިވަނީ 3 މަސްދުވަހުގެެ މުއްދަތަށެވެ.

މި ގެނައި ބަދަލާއެކު އެސޯސިއޭޝަންގެ އޮފީހާއި އެންމެހައި ލިޔެކިއުުންތަކާއި އެހެނިހެން ސާމާނާއި ވަސީލަތްތައް ކޮމިޓީއާ ހަވާލު ކުރުމަށްވެސް މުހައްމަދު ލަތީފަށް ވަނީ އަންގަވައިފައެވެ.

މި ކަމާ ގުޅޭ ގޮތުން "ވަން އޮންލައިން" އަށް ދެއްވި އިންޓަވިއުއެއްގައި އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ލަތީފު ވިދާޅުވީ، ސަރުކާރުން ކަންތައް ކުރެއްވި ގޮތުން ހިތާމަކުރައްވާ ކަމަށާއި ހުންނެވީ އެސޯސިއޭޝަންގެ ކަންކަން ރަނގަޅު ކުރުމަށް ސަރުކާރުން ބޭނުންވި އެއްބާރުލުން ދެއްވަން ކަމަށެވެ.

އެސޯސިއޭޝަނުގެ ކަންކަން އިސްލާހުކުރުމަށް ޓަކައި، އިސްލާހީ އެޖެންޑާއެއް އެކުލަވާލައި އޭގެ ދެލިކޮޕީ ސްޕޯޓްސް ކޮމިޝަނަރަށް ފޮނުއްވައި، އެ މަސައްކަތް ނިންމުމަށް 30 ދުވަހުގެ މުއްދަތެއް ދެއްވުމަށް އެދިވަޑައިގެންފައި ވާނޭ ކަމަށް ލަތީފު ވިދާޅުވި އެވެ.

"މިދިޔަ މޭ މަހުގެ 21 ވަނަ ދުވަހު ކޮމިޝަނަރު ފޮނުއްވި ސިޓީއެއް. އެ ސިޓީގައި އޮތީ އެސޯސިއޭޝަނުގެ ކަންކަން ރަނގަޅުކޮށް ހަރުދަނާ ކުރުމަށް ތިން މެންބަރުންގެ ކޮމެޓީއެއް އެކުލަވައިލެެއްވި ވާހަކަ އާއި އެ ކޮމެޓީއަށް އެއްބާރުލުން ދިނުމަށް. އަޅުގަނޑު މި އައީ އެ ކޮމެޓީއަށް ފުރިހަމައަށް އެއްބާރުލުން ދެމުން." އެސޯސިއޭޝަނުގެ ދަތުރެއްގައި ރާއްޖޭން ބޭރުގައި މި ވަގުތު ހުންނެވި ލަތީފް ފޯނުން "ވަން"އަށް ދެއްވި އިންޓަވިއުގައި ވިދާޅުވި އެވެ.

ލަތީފު ވިދާޅުވީ، މި މަހުގެ އަށް ވަނަ ދުވަހު ސްޕޯޓްސް ކޮމިޝަަރަށް އިތުރު ސިޓީއެއް ފޮނުއްވި ކަމަށާއި، މިހާރު ކުރަމުން އަންނަ އިސްލާހީ އެޖެންޑާގެ މަސައްކަތް 30 ޖުލައި ގެ ނިޔަލަށް ނިންމާލައި، ކޮމިޝަނަރު ބޭނުންވާ ފަދަ އިންތިޚާބަކަށް، ކޮމިޝަނަރު ބޭނުންވާ އިންތިޚާބީ ކޮމެޓީއަކާ އެކު ވަޑައިގަންނަވަން ތައްޔާރަށް ހުންނެވި ކަމަށް އެ ސިޓީގައި ބަޔާންކުރައްވާފައި ވާނެ ކަމަށެވެ. އަދި އެ އިންތިޚާބުގައި ލަތީފު ވާދަ ވެސް ނުކުރައްވާނެ ވާހަކަ އަންގަވާފައި ވާނެ ކަމަށް ވިދާޅުވި އެވެ.

"އެހެންވީމަ އަވަސް އަރުވާލައިގެން މިކަން މި ކުރައްވާ ސަބަބެއް ނުވިސްނޭ. އަޅުގަނޑު މިހުރީ ސަރުކާރުން ބޭނުންވާ ގޮތަށް ހުރިހާ ސަޕޯޓެއް ދޭން ތައްޔާރަށް. އިއްޔެ މި ސިޓީ ލިބުމުން އެސޯސިއޭޝަނުން އެދުނު އަޅުގަނޑު މާލެ ދަންދެން މަޑުކޮށްލަން ވެސް. އެހެން ނަމަވެސް ކޮމިޝަނަރު އެކުލަވައިލެއްވި ކޮމެޓީން ވަނީ ވޮލީ ބޯޅަ އެސޯސިއޭޝަނަށް ވަދެ އެތަނާ ހަވާލުވެފައި." ލަތީފު ވިދާޅުވި އެވެ.

ލަތީފު ވިދާޅުވީ މި އަމަލަކީ ވޮލީ ބޯޅަ އެސޯސިއޭޝަނުގެ ގަވައިދާއި އޮލިމްޕިކް ޗާޓާ އާ ވެސް ޚިލާފު އަމަލެއް ކަމަށާއި އޭގެ ސަބަބުން ބޭރުގެ ފަރާތްތަކުން ދެކޭނެ ގޮތަކާ މެދު ވެސް ކަންބޮޑުވާ ކަމަށެވެ. މިހާރު އޮންނަ ގޮތުން ނަމަ އަލަށް އެކުލަވައިލާ އެގްޒެކެޓިވް ކޮމެޓީގައި މިހާރުގެ ރައީސް ސޮއިވެސް ކުރަން ޖެހޭނެ ކަމަށް ލަތީފު ވިދާޅުވި އެވެ.

ވޮލީ ބޯޅަ އެސޯސިއޭޝަނުގެ ގިނަ މައްސަލަތަކެއް ހުށަހެޅި އެ މައްސަލަތައް ބަލަމުން އަންނަ ކަމުގެ އަޑުތަކެއް މީގެ ހަފުތާއެއްހާ ދުވަސް ކުރީން ވަނީ ފެތުރިފަ އެވެ. އެހެން ނަމަވެސް އެއީ ކޮން ކަހަލަ މައްސަލަތަކެއް ކަމެއް އެއްވެސް ފަރާތަކުން ސާފުވާގޮތެއް ވަނީ ނުވެފަ އެވެ. ބައެއް މީޑިއާތަކުން ރިޕޮޓުކޮށްފައިވާ ގޮތުގައި، އޭގެ ތެރޭގައި އެސޯސިއޭޝަނުގެ ހިންގުން ހިންގާ ގަވައިދާ ޚިލާފަށް ކުރިޔަށް ދިޔުމާއި ފައިސާއާ ގުޅުން ހުރި ބައެއް މައްސަލަތައް ވެސް ހިމެނެ އެވެ.