ޗެރިޓީ ޝީލްޑް

ފޯކައިދޫ ބަލިކޮށް، ޓީސީން ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްފި

ދެވަނަ ލެގުގައި ފޯކައިދޫ ފުޓްބޯޅަ ކްލަބު ބަލިކޮށް، ޓީސީ ސްޕޯޓްސް ކްލަބުން ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު ދެވަނަ ލެގުގެ މެޗުގައި ފޯކައިދޫގެ މައްޗަށް ޓީސީން ކުރި ހޯދީ 3-1ގެ ނަތީޖާއަކުންނެވެ. އޭގެ ކުރިން ފޯކައިދޫގައި ކުޅުނު ފުރަތަމަ ލެގު މެޗު ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. އެހެންކަމުން ޓީސީން ޗެރިޓީ ޝީލްޑް ކާމިޔާބުކުރީ 4-2ގެ އެގްރިގޭޓުން ކުރި ހޯދައިގެންނެވެ.

މެޗުގައި ވަރުގަދަ ކުޅުމެއް ދައްކަމުންދިޔަ ޓީސީން މެޗުގެ ލީޑު ހޯދީ 26 ވަނަ މިނެޓުގައެވެ. ބިމާލް ގާތީ މަގަރު ފޮނުވާލި ހަމަލާއެއް ފޯކައިދޫގެ ކީޕަރު ސާގިބު ހަނީފު ދިފާއުކުރުމާއެކު ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން ޓީސީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް އައިސަމްއެވެ.

މެޗުގެ 40 ވަނަ މިނެޓުގައި ފޯކައިދުއަށް ނަތީޖާ ހަމަހަމަކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ހިލޭ ޖެހުމަކުން ފޯކައިދޫގެ ބިދޭސީ ކުޅުންތެރިޔާ ޚަލީލް ގަމާލް ފޮނުވާލި އެ ހަމަލާ، ޓީސީގެ ތަޖުރިބާކާރު ގޯލްކީޕަރު އިމްރާން މުހައްމަދު ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ޓީސީ ކުރީގައި އޮވެގެންނެވެ.

މެޗުގެ 55 ވަނަ މިނެޓުގައި ފޯކައިދުއަށް ނަތީޖާ ހަމަހަމަކޮށްލުމަށް ޕެނަލްޓީއެއް ލިބިގެންދިޔައެވެ. އެޓީމަށް އެ ޕެނަލްޓީ ލިބިގެންދިޔައީ ޓީސީގެ ޕެނަލްޓީ އޭރިއާ ތެރެއިން އަކްރަމް އަބްދުލްޤަނީ (އަކޫ)ގެ އަތުގައި ބޯޅަ ޖެހުމުންނެވެ. އަންސަރު އިބްރާހީމް (އަންކޮ) ފޮނުވާލި ފޯކައިދޫގެ ޕެނަލްޓީ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. ރީބައުންސް ބޯޅަ އަންކޮއަށް ލިބުނު ނަމަވެސް، އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލެވިފައެއް ނުވެއެވެ.

ފޯކައިދުއަށް ޕެނަލްޓީ ނާކާމިޔާބުވިތާ ހަތަރު މިނެޓު ތެރޭ އެޓީމުން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ފޯކައިދުއަށް ލިބުނު ހިލޭ ޖެހުމަކުން އެޓީމަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އަލީ ޝާމިސް (ތޮއްޕެ) އެވެ. އޭނާ ފޮނުވާލި ހިލޭ ޖެހުން ޓީސީގެ ގޯލުގެ ތެރެއަށް ވަދެފައިވަނީ ހުރަސް ދަނޑީގައި ޖެހިފައެވެ.

ހަމަލާތަކަކަށްފަހު ޓީސީން އަލުން ލީޑު ހޯދީ މެޗުގެ 71 ވަނަ މިނެޓުގައެވެ. އިސްމާއީލް އީސާ (މެސީ) ދިން ބޯޅައަކުން އެޓީމަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ނޭޕާލް ފޯވަޑް ބިމާލް މަގަރެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ވަރަށް ހުސްކޮށް ހުރެ ފޯކައިދޫގެ ކީޕަރު ހަނީފް ސާގިބު ކައިރިން ނައްޓާލުމަށްފަހު ފޮނުވާލި ހަމަލާއަކުންނެވެ.

މެޗުގައި ޓީސީން ޖެހި ތިންވަނަ ލަނޑު ފެނިގެންދިޔައީ މެޗު ނިމެން ދިހަ މިނެޓަށް ވެފައި ވަނިކޮށެވެ. މުސްތަފާ މަހުމޫދު ދިން ބޯޅައަކުން ޓީސީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ދެވަނަ ލަނޑުވެސް ކާމިޔާބުކޮށްދިން ބިމާލްއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ފޯކައިދޫގެ ޕެނަލްޓީ އޭރިއާ ތެރެއިން ވަރަށް ހަމަޖެހިލާފައި ފޮނުވާލި ހަމަލާއަކުންނެވެ.

މިއަހަރުގެ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑަށްފަހު ދެން ފެށިގެންދާނީ ދިވެހި ޕްރިމިއާ ލީގެވެ. ލީގު ފެށިގެންދާނީ އަންނަ ހުކުރު ދުވަހު ނިލަންދޫ ސްޕޯޓްސް ކްލަބާއި އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބު ކުޅޭ މެޗުންނެވެ.