ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައާއި ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުނު މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ބަޔާން ނަގާފައިވާ ކަމަށް ގެއްލުވާލައިފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތައް ތަހުގީގުކުރާ ރިޔާސީ ކޮމިޝަނުން ބުނެފިއެވެ.
ގެއްލުވާލައިފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތައް ތަހުގީގުކުރާ ރިޔާސީ ކޮމިޝަނުން އެކަން ހާމަކޮށްފައިވަނީ އެ ކޮމިޝަންގެ ޓުވިޓާ އެކައުންޓުން ކުރި ޓުވީޓެއްގައެވެ.
އެ ކޮމިޝަނުން ބުނީ އަދީބު ހާޒިރުކޮށް އަދީބުގެ ބަޔާނުގެ ރެކޯޑިން ނަގާފައިވާ ކަމަށާއި އަދީބާ ސުވާލުކޮށްފައިވަނީ އަފްރާޝީމް އަވަހާރަކޮށްލުމާއި ރިލްވާން ގެއްލުނު މައްސަލައާ ގުޅިގެން އަދީބަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ކަމަށެވެ.
އަނިޔާވެރިގޮތަކަށް މީގެ ހަ އަހަރު ކުރިން ގަތުލުކޮށްލި އަފްރާޝީމާއި 2014 ވަނަ އަހަރު ގެއްލުވާލި ނޫސްވެރިޔާ ރިލްވާންގެ އިތުރުން މިދިޔަ އަހަރު މަރާލި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލަ ވެސް އެ ކޮމިޝަނުން އަންނަނީ ބަލަމުންނެވެ.