(8 ޖޫން ގެ އަދަދާ ގުޅޭ)
މަލިކުމީހުންވެސް ބެހިފައިވަނީ އިހުޒަމާނުގައި ދިވެހިރާއްޖޭގައިވެސް މީހުން ބެހިފައިވާ ބައިތަކަށެވެ. އެބައިތަކަކީ: ބޮޑުން (ރަށްބެލީން) ނެވިނިޔަމީން، ދަތުރުވެރީން (މެދުކެނބީން) މަސްވެރީން، ރާވެރީންނެވެ. މިފަންތިތަކަށް މަލިކުގައި މީހުން ބެހިފައިވަނީ:
ފިރިހެނުން އަންހެނުން މަސައްކަތް
1. މަނިކުފާނު މަނިކަ ބޮޑުން/ރަށްބެލީން
2. ތަކުރުފާނު ބީފާނުން ނެވި/ނިޔަމީން
3. ތަކުރު ބީބީ ދަތުރުވެރީން/މަސްވެރީން
4. ކަލޯ ކަނބުލޮ/މަންޖެ ރާވެރީން
މިގޮތަށެވެ. ރާވެރީންނަކީ އެންމެ ދަށް ފަންތިއެވެ. މިއީ ހަމަ ދިވެހިރާއްޖޭގެ ދިވެހިގޮތެވެ. "ރާވެރީންގެ ދަރިންނަށްވެސް ހަތަރެތީން އެކަތި އޮންނާނެ" ފަދަ މުސްކުޅިބަސްތައް ހެކިދެނީ ރާއްޖެއާއި މަލިކާ ދެމެދުގެ އެއްބައެއްވަންތަކަމެވެ.
މިފަންތިތަކުގެ މީހުންނާ މުޚާޠަބު ކުރުމުގައި މަލިކުމީހުން ހަރުދަނާކަމާއެކު ހިފަހައްޓާ އުޞޫލުތަކެއް އޮވެއެވެ. އެއީ:
މީހުންގެ ފަންތި ބޮޑުމީހެއްނަމަ ކުޑަކުއްޖެއްނަމަ
1. މަނިކުފާނު ބޭފާނުން މަނިކުފާނު
2. މަނިކަ ތާދަފާނުން މަނިކަ
3. ތަކުރުފާނުން ބޭބެ ކޮއިފޫ
4. ބީފާނުން ދާތިފާނުން ކޮއިފޫ
5. ތަކުރު ކާކަ ތަކުރު
6. ބިބީ ދާތަ ބިބީ
7. ކަލޯ ކާކަ އެމީހެއްގެ ނަމުން
8. މަންޖެ/ކަނބުލޮ ދާތަ އެމީހެއްގެ ނަމުން
މަލިކުގައި ދަރީންގެ ނަސަބު ގުޅެނީ މަންމަޔާ ބައްޕަޔާ ދެމީހުންކުރެ ނަސަބުގެ ގޮތުން މޮޅުމީހެއްގެ ފަރާތަށެވެ. މިސާލަކަށް މަނިކައަކު ތަކުރާފާނަކާ އިނދެގެން ދަރިޔަކު ލިބިއްޖެނަމަ އެކުއްޖަކީ ފިރިހެންކުއްޖެއްނަމަ މަނިކުފާނެކެވެ. އަންހެންކުއްޖެއްނަމަ މަނިކަ އެކެވެ. ތަކުރުފާނެއް ނުވަތަ ބީފާނެއް ނޫނެވެ.
މަލިކުގައި ކާވެނިކުރުމުގައި އެބަޔެއްގެ ނަސްލަށް ބަލާގޮތް އިހުގައި ވަރަށްބޮޑަށް އޮތެވެ. ރާއްޖޭގައިވެސް އިހުގައި އެކަންއޮތީ ހަމަ އެގޮތަށެވެ. ނަމަވެސް މިހާރު މަލިކުގައިވެސް އެކަން ވަރަށް ކުޑައެވެ. އެހެންކަމާއެކުވެސް މަނިކުފާނަކު ރާވެރިއެއްގެ ދަރިޔަކާ (ކަނބުލޮއަކާ ނުވަތަ މަންޖެއަކާ) ކާވެނީގެގޮތުން ގުޅިފައިވާ ތަނެއް މިހާރުވެސް ވަރަށް ނުފެނެއެވެ.
މަލިކުގައި ދެފަރާތުގެ ޢާއިލާގެ މެމްބަރުންނަށް ކިޔާ ނަންތައް ހަމަޖެހިފައި ހުންނަނީ ވަރަށް ރަނގަޅަށެވެ. ޢާއިލާގެ މެމްބަރުންނަށް ކިޔާ ނަންތަކުގައިވެސް މަނިކުފާނުމެންނާއި އެހެނިހެން ފަންތިތައް ތަފާތެވެ. ތިރީގައި މިވަނީ ޢާއިލާގެ މެމްބަރުންނަށް ކިޔާ ނަންތަކެވެ.
މަނިކުފާނު
ބައްޕަ ބައްޕަ
މަންމަ އަމޯ
ކާފަ ކާފޯފާނު
މާފަ ބޮޑުބައްޕަ
މުންނަ މާމޯ
މާމަ މަންމަ
ބޮޑުބޭބެ (ބަފައިފުށުގެ) ބާފާނު
ބާފާނުގެ އަންހެނުން ބާތާދަ
ބާފާނުގެ ފިރިހެންދަރި ބާބޭފާނު (ތިމާޔަށްވުރެ ދޮށިނަމަ)
ބާފާނުގެ އަންހެންދަރި ބާތާދަ (ތިމާޔަށްވުރެ ދޮށިނަމަ)
ބޮޑުދައިތަ (ބަފާފުށުގެ) އައްޕައްޗި
އައްޕައްޗީގެ ފިރިމީހާ އައްޕައްޗި ބޭފާނު
އައްޕައްޗީގެ ފިރިހެންދަރިފުޅު އައްޕައްޗި ބޭފާނު (ތިމާޔަށްވުރެ ދޮށިނަމަ)
އައްޕައްޗީގެ އަންހެންދަރިފުޅު އައްޕައްޗި (ތިމާޔަށްވުރެ ދޮށިނަމަ)
ބޮޑުބޭބެ (މައިފުށުގެ) މާންޕާނުން
މާންޕާނުންގެ އަންހެނުން މާމިފާނު
މާންޕާނުންގެ ފިރިހެންދަރިފުޅު މާންބޭފާނު (ތިމާޔަށްވުރެ ދޮށިނަމަ)
މާންޕާނުންގެ އަންހެންދަރިފުޅު މާންތާދަ (ތިމާޔަށްވުރެ ދޮށިނަމަ)
ބޮޑުދައިތަ (މައިފުށުގެ) ތާދަ/ބޮޑުތާދަ
ތާދަގެ ފިރިމީހާ މާންޕާނުން
ތާދަގެ ފިރިހެންދަރިފުޅު ބޭފާނު (ތިމާޔަށްވުރެ ދޮށިނަމަ)
ތާދަގެ އަންހެންދަރިފުޅު ތާދަ
ތަކުރުން
ބައްޕަ ބަފޯ
މަންމަ އަމޯ
ކާފަ ކާފޯ
މާފަ ބޮޑުބަފޯ
މުންނަ ތިއްތި
މާމަ ބޮޑަމޯ
ބޮޑުބޭބެ (ބަފައިފުށުގެ) ބާވަ
ބާވަގެ އަންހެނުން ބާވަދާތަ
ބާވަގެ ފިރިހެންދަރިފުޅު ބާވަކާކަ (ތިމާޔަށްވުރެ ދޮށިނަމަ)
ބާވަގެ އަންހެންދަރިފުޅު ބާވަދާތަ (ތިމާޔަށްވުރެ ދޮށިނަމަ)
ބޮޑުދައިތަ (ބަފައިފުށުގެ) އައްޕައްޗި
އައްޕައްޗީގެ ފިރިމީހާ އައްޕައިކާކަ
އައްޕައްޗީގެ ފިރިހެންދަރިފުޅު އައްޕައިކާކަ (ތިމާޔަށްވުރެ ދޮށިނަމަ)
އައްޕައްޗީގެ އަންހެންދަރިފުޅު އައްޕައްޗި (ތިމާޔަށްވުރެ ދޮށިނަމަ)
ބޮޑުބޭބެ (މައިފުށުގެ) މާމަން
މާމަންގެ އަންހެނުން މާމި
މާމަންގެ ފިރިހެންދަރިފުޅު މާންކާކަ (ތިމާޔަށްވުރެ ދޮށިނަމަ)
މާމަންގެ އަންހެންދަރިފުޅު މާންދާތަ (ތިމާޔަށްވުރެ ދޮށިނަމަ)
ބޮޑުދައިތަ (މައިފުށުގެ) މާމި
މާމިގެ ފިރިމީހާ މާމަން
މާމިގެ ފިރިހެންދަރިފުޅު މާންކާކަ (ތިމާޔަށްވުރެ ދޮށިނަމަ)
މާމިގެ އަންހެންދަރިފުޅު މާންދާތަ (ތިމާޔަށްވުރެ ދޮށިނަމަ)
ތިމާޔަށްވުރެ ހަގު ކޮންމެމީހަކަށް ޢާންމުގޮތެއްގައި ކިޔައިއުޅެނީ ކޮއިފޫއެވެ. ނަމަވެސް ބާވަގެ ދަރިފުޅަށް ބާވަކޮއިފޫ އޭ ކިޔުމަކީ އާދައެކެވެ. ބޮޑުބޭބެއިން އެމީހުންގެ އަޚުން އުޚުތުންގެ ދަރީންނަށް ޢާންމުކޮށް ކިޔައި އުޅެނީ ދަރިފުޅެވެ.
އާދެ، އިސްވެދިޔަ ބަޔާންތަކުން އެނގިވަޑައިގަންނަވާނެ ފަދައިން މަލިކުގައި ޢާއިލީގޮތުން އެންމެމަތީ ދަރަޖައިގެ ބަޔަކީ މަނިކުފާނުންނެވެ. މަނިކުފާނުގެ ޢާއިލާގެ ފެށުމެއް މިހާތަނަށް އައިއިރު ތާރީޚީގޮތުން ސާބިތުވާކަށެއް ނެތެވެ.
މަލިކުގައި އަމިއްލަބިމާއި ވަލުމުދައު އެންމެގިނައީ މަނިކުފާނުންގެ ޢާއިލާގައެވެ. އެމީހުންނަށް ލިބިފައިވާ އަމިއްލަ ބިންތަކަކީ ދިވެހިސަރުކާރު (މަލިކުބަހުރުވައިގައި މާލޭސަރުކާރު) ގެ ދަށުގައި މަލިކު އޮތްއިރު ދިވެހިސަރުކާރުން ދެއްވި ދެއްވުމެއްގެ މަތިން ލިބިފައިވާ ބިންތަކެއްކަމަށް މަލިކުމީހުން ބުނެއެވެ. ހޮޅީންގެދަށަށް މަލިކު ދިޔުމަށްފަހު، ހޮޅީންވެސް އަދި އޭގެފަހުން އިނގިރޭސީންވެސް އެބިންތަކުގެ މައްސަލައަކާ ބެހިފައެއް ނުވެއެވެ.
މަލިކުގައި މަނިކުފާނުންގެ ބައެއް ޢާއިލާތަކަށް ނިސްބަތްވާ ގަނޑުވަރުތަކެއްވެސް ހުރެއެވެ. އެއީ:
1. ދިވެހި ގަނޑުވަރު
2. ބޮޑުގަނޑުވަރު
3. ރަށްމެދު ގަނޑުވަރު
4. ބޮޑުވައު ގަނޑުވަރު
5. ޙަސަން ގަނޑުވަރު (ޙަސަންމަނިކުފާނު ގަނޑުވަރު)
6. ލޭންދުރަން ގަނޑުވަރު
7. ތުއްކަތުރާ ގަނޑުވަރު
8. ދިހަމައްތި ގަނޑުވަރު
9. އައުގަނޑުވަރު
10. ކެހިގަނޑުވަރު
11. އަތިރީ ގަނޑުވަރު
12. އަލޫޑި ގަނޑުވަރު
13. އޮޑިވަޅު ގަނޑުވަރު
14. ވައިމަތި ގަނޑުވަރު
މިގަނޑުވަރުތަކެވެ. މިގަނޑުވަރުތަކުގެ ފެށުން ރައްދުވަނީ ކިހާ ހިސާބަކަށް ކަމެއް އެނގޭކަށެއް ނެތެވެ. ނަމަވެސް އެގަނޑުވަރުތަކަކީ ދިވެހިސަރުކާރުން މަތީދަރަޖަތަކެއް ދެއްވައިފައިވާ ބޭފުޅުންތަކެއް އުޅުއްވި ގޭގެކަން އެނގެއެވެ. މަލިކުމީހުން ބުނަނީ އެގޮތަށެވެ.
(ނުނިމޭ)