އެންވަޔަރަންމަންޓް މިނިސްޓަރު

"ފެހި އިގްތިސާދީ ހަރަކާތްތަކަށް އެއްބާރުލުންދޭ ސިޔާސަތުތަކަކަށް ބަދަލުކުރަން ޖެހޭ"

އިގްތިސޯދީ ގޮތުން މިހާރު އަމަލުކުރަމުންދާ ސިޔާސަތުތަކީ ފެހި އިގްތިސާދީ ހަރަކާތްތަކަށް އެއްބާރުލުންދޭ އަދި ތިމާވެއްޓާއި ރައްޓެހި އިޖާދުތަކަށް ފުރުސަތުދޭ ސިޔާސަތުތަކަކަށް ބަދަލުކުރަން ޖެހޭ ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ހުސައިން ރަޝީދު މިހެން ވިދާޅުވީ ތައިލޭންޑްގައި މިހާރު ކުރިއަށްދާ ފުރަތަމަ "އޭޝިއާ ޕެސިފިކް ރީޖަނަލް ހައި ލެވެލް ފޯރަމް އޮން ގްރީން އިކޮނޮމީ" ގައި ބައިވެރިވެވަޑައިގެން، ދެއްވި ތަގުރީރުގައެވެ.

މިނިސްޓަރު ވިދާޅުވީ މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުން ނުފޯރާ އެއްވެސް ގައުމެއް ނެތްކަމަށާއި، އެކަމުގައި އެންމެ ބިރު ބޮޑީ ދިވެހި ރާއްޖެ ފަދަ ޖަޒީރާ ގައުމުތަކަށް ކަމަށެވެ.

އެހެންކަމުން މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ހުރިހާ ގައުމުތަކުން ވެސް މިހާރަށްވުރެ ބޮޑަށް މަސައްކަތް ކުރަންޖެހޭކަމަށް މިނިސްޓަރު ހުސައިން ވިދާޅުވިއެވެ.

އަދި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ސަރުކާރާއި އަމިއްލަ ފަރާތްތައް ގުޅިގެން ޒިންމާދާރު މަސައްކަތްތަކެއް ކުރުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެ ދާއިރާއިން އިންސާނީ ވަސީލަތްތަކާއި މުވައްސަސާތައް ތަރައްގީކުރަން ޖެހޭކަމަށެވެ.

މިއީ އދ. ގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާއި ގުޅުވައިގެން ފެހި އިގްތިސާދީ ތަސައްވުރަކަށް އަމާޒުހިފުމަށް ދުނިޔޭގެ ގައުމުތައް ގުޅިގެން ބާއްވާ ފޯރަމެކެވެ.

ފޯރަމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވަނީ ރާއްޖޭގެ އިގްތިސާދަކީ ދެމެހެއްޓެނިވި އަދި ތިމާވެއްޓާއި ރައްޓެހި އިގްތިސާދަކަށް ހެދުމަށް ގިނަ މަސައްކަތްތައް ކުރަމުން އަންނަކަން ފާހަގަކުރައްވައިފައެވެ.

އެގޮތުން އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއަށް ސަރުކާރުން ބޮޑު އިސްކަމެއްދޭކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ޕީކް ލޯޑުގެ 70 އިންސައްތައަކީ އިޔާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމަށް މަސައްކަތްކުރަމުންދާކަމަށެވެ.

އަދި ޓޫރިޒަމް ދާއިރާއިން ނަގާ ގްރީން ޓެކްސްގެ ފައިސާ ބޭނުންކުރަމުންދަނީ ތިމާވެށި ހިމާޔަތްކުރުމާއި ދެމެހެއްޓެނިވި ތަރައްގީގެ މަޝްރޫއުތަކަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.