ބޮލީވުޑް

ޝުޝްމިތާ އެނބުރި ސްކްރީނަށް

މަގުބޫލު ބަތަލާ ޝުޝްމިތާ ސެން ވަނީ ގިނަ ދުވަސްތަކަކަށް އެކްޓިން އާ ދުރަށް ޖެހިލައިފައެވެ.

ޝުޝްމިތާ އަކީ މީސް މީޑިއާ ގައި ވަރަށް އެކްޓިވް ތަރިއެއް ކަމުން އޭނާގެ ގިނަ ކަންކަން އަބަދުވެސް އަންނަނީ ފޭނުންނަށް ހިއްސާކުރަމުންނެވެ.

ފިލްމުތަކާ ދުރަށް ދިޔަ ނަމަވެސް އޭނާ މީސް މީޑިއާގައި އެކްޓިވް ކަމުން އަބަދުވެސް އަންނަނީ ސުރުހީތަކުން ޖާގަހޯދަމުންނެވެ. އޭގެ ތެރޭގައި އޭނާގެ އަމިއްލަ ދިރިއުޅުމާއި ދަރީންގެ ވާހަކަތަކާއި ލޯބިވެރިޔާ ރޮހްމަން ޝޯލްގެ ވާހަކަތައް ހިމެނެ އެވެ. އަދި ކަސްރަތު ކުރާ ވީޑިއޯ ތަކާއި ފޮޓޯތައް ވެސް ޝުޝްމީތާ ގަވައިދުން ހިއްސާކުރެއެވެ.

ޝުޝްމިތާ ފިލްމީ ދުނިޔެއިން އަލުން ފެނޭތޯ އިންތިޒާރު ކުރަމުން އަންނަ ފަރާތްތަކަށް އޭނާ މިވަނީ އުފާވެރި ހަބަރެއް ހިއްސާކޮށްފައެވެ. އޭނާ ކޮށްފައިވާ އިންސްޓަގްރާމްގެ ޕޯސްޓެއްގައި ވަނީ ސްކްރީނަށް އެނބުރި އަންނަ ކަމުގެ އިޝާރާތެއް ކޮށްފަ އެވެ.

އިންސްޓަގްރާމް ޕޯސްޓުގައި ޝުޝްމިތާ ވަނީ އޭނާގެ ލޯގަނޑު ސެލްފީއެއް ހިއްސާކޮށްފައެވެ. އަދި އޭގެ ކެޕްޝަނަކަށް "މޭކަޕް، ހެޔާ، ލައިޓްސް އެންޑް ދަ މިރޯ މޭޑް ވިތް އެންޓިކް ގްލާސް، ރައުންޑް ޓޫ! ޕްރެޕް ފޯ މައި ރިޓާން ޓު ކްލާސް" ލިޔެފައިވެއެވެ.

މިސް ޔުނިވާސްގެ މަގާމުވެސް ހޯދާފައިވާ ޝުޝްމިތާ ފިލްމީ ދުނިޔެއިން ދުރަށް ޖެހިލާފައިވަނީ ދެވަނަ ދަރިފުޅު އަލިޝާ އެޑަޕްޓް ކުރުމާއެކުއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޝުޝްމިތާގެ މި ޕޯސްޓުން އެތައް އަހަރަކަށްފަހު އަލުން ފިލްމީ ދުނިޔެއިން އޭނާ ފެނިގެން ދާނެ ކަމުގެ އުންމީދު ވަނީ އާވެގެން ގޮސްފަ އެވެ. ނަމަވެސް އޭނާ ކުޅެނީ ކޮން ފިލްމެއް ކަމެއް އަދި ނޭނގެއެވެ. އެނގޭ ކަމަކީ އަނެއްކާވެސް އޭނާގެ "ޑެޒްލިން" ފިލްމެއް ފެނިގެންދާނެ ކަމުގެ އުންމީދު އޮތްކަމެވެ.