މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް

އިސް ރަށްވެހިންގެ ޕްރޮގްރާމެއް ފަށަން ސަރުކާރުން ނިންމައިފި

1

އިސްރަށްވެހިންގެ ޖަމުއިއްޔާއާއި މޯލްޑިވްސް ސްކައުޓް އެންޑް ގައިޑް ފެލޯޝިޕް އާއި ގުޅިގެން ޔޫތު މިނިސްޓްރީން އިސްރަށްވެހިންގެ ޕްރޮގްރާމެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.

ޔޫތު މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވީ އިސްރަށްވެހިންގެ ޕްރޮގްރާމެއް ކުރިއަށްގެންދަން ނިންމި މައިގަނޑު ސަބަބަކީ އިސްރަށްވެހިންގެ ތެރޭގައި މިހާރުވެސް އެންމެ އެކަށީގެންވާ މިންވަރަށް އަޅައިނުލެވޭ މީހުން ތިބުމުން ކަމަށެވެ.

އެހެންކަމުން ކޮމިއުނިޓީ އެންޕަވަމަންޓްގެ ދަށުން ޕްރޮގްރާމްތަކެއް ހިންގަން ރާވާފައިވާކަމަށް މަހުލޫފު ވިދާޅުވިއެވެ.

މަހުލޫފު ވިދާޅުވީ އިސްރަށްވެހިންނަށް ހިންގާ ހަރަކާތްތަކުގައި ބައިވެރިވެ އެބޭފުޅުންނާއި ކައިރިން ގުޅުން ބަދަހިކޮށް އުފާވެރި ހިތްގައިމު ވަގުތުތަކެއް ހޭދަކުރުމަކީ ޕްރޮގްރާމުގެ މުހިންމު މަގުސަދެއް ކަމަށެވެ.

މިބައްދަލުވުމުގައި އިސްރަށްވެހިންގެ ޖަމުއިއްޔާގެ ފަރާތުން ވާހަކަދައްކަވަމުން ބަދުރުއްނަސީރު ވިދާޅުވީ އިސްރަށްވެހިންގެ ޖަމުއިއްޔާ އުފެއްދި ފަހުން ގާތްގަނޑަކަށް ފަސް އަހަރުވެއްޖެ ކަމަށާއި އަދި މިސަރުކާރުން އެޖަމުއިއްޔާއަށް ގާނޫނީ ހައިސިއްޔަތު ލިބުމުގެ ފުރަތަމަ ފިޔަވަޅު މިހާރު އަޅާފައިވާކަމަށެވެ. އެގޮތުން ގާނޫނު ޑްރާފްޓްކޮށްފައިވާކަން ފާހަގަކުރައްވައި ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ.

އަދި މިއަދުގެ ޖީލަށް ރާއްޖެ ފޯރުކޮށްދީފައި މިވަނީ އިސްރަށްވެހިން އަމާނާތްތެރިކަމާއެކު ކޮށްދިން ބުރަ މަސައްކަތުގެ ސަބަބުން ކަމަށާއި އެކަމަށްޓަކައިވެސް އިސްރަށްވެހިންނަށް އެހީތެރިވާންޖެހޭ ކަމަށް ބަދުރު ވިދާޅުވިއެވެ.

މީގެއިތުރުން މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޯލްޑިވްސް ސްކައުޓް އެންޑް ގައިޑް ފެލޯޝިޕްގެ ސެކްރެޓަރީ ޑރ. މަރިޔަމް ޝަކީލާ ވިދާޅުވީ އިސްރަށްވެހިންނަށް ހިންގާ ހާއްސަ ޕްރޮގްރާމް ''އިސްރަށްވެހިންގެ ހަވީރު''' އޮންނާނީ މިމަހުގެ 15 ވަނަ ދުވަހުގެ ހަވީރު، ވިލިމާލޭގައި ހުރި އިޖުތިމާއީ މަރުކަޒުގައި ކަމަށެވެ.

އަދި އެދުވަހު ތަފާތު ހަރަކާތްތައް ހިންގުމަށް ހަމަޖެހިފައިވާކަމަށާއި އެދުވަހު އީދު ހަދިޔާ ބަދަލުކުރުންވެސް ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ. ޝަކީލާ ވިދާޅުވީ މިހަރަކާތް މީގެކުރިންވެސް ހިންގަމުންދާކަމަށެވެ. އެގޮތުން ކޮންމެ މަހަކުވެސް މޯލްޑިވްސް ސްކައުޓް އެންޑް ގައިޑް ފެލޯޝިޕްގެ ފަރާތުން ތަފާތު ހަރަކާތްތަކެއް ވަނީ ހިނގާފަ ކަމަށް ޝަކީލާ ވިދާޅުވިއެވެ.

މި ޕްރޮގްރާމްގައި 65 އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭނެ އެވެ.