ފުރާނަދަންދެން

ފުރާނަދަންދެން - 20

2

ނަތާޝާ ސިކުނޑި ތެރޭގައި ވާހަކަތަކެއް ދެކެވެމުން ދިޔައެވެ. ފަރީޝާ އަތުގައި އޮތް ފޯޓޯއާއި މެދު ފުރަތަމަ ފަހަރަށް އޭނާ ވިސްނާލިއެވެ. އެ ފޮޓޯ ކޮންމެސް އެހެން ތަނަކުންވެސް އޭނާއަށް ފެނިއްޖެއެވެ. ކޮންތާކުން ހެއްޔެވެ؟ އަޒްކާ އަތުން ހެއްޔެވެ؟ އޭނާގެ ހަނދާނަކަށް ނައެވެ؟ އަމީދައްތަ އެފޮޓޯ ހިފައިގެން އޭނަ ކައިރިއަށް އެ އައީ ކީއްވެގެން ހެއްޔެވެ؟ އަނެއްކާ އަޒްކީއާއި އަމީދައްތަ ގުޅުމެއް އޮތީ ހެއްޔެވެ؟ އަޒްކީއަކީ އަމީދައްތަގެ ދަރިފުޅު ހެއްޔެވެ؟ ނޫނެކެވެ. އަޒްކީއަކީ އަޒްކީއެވެ. އަމީދައްތަ ހޯދަނީ އަރޫއެކެވެ. އެފޮޓޯ ކަހަލަ އެހެން ފޮޓޯއެއް ފެނުނުކަމަށްވާނީ ކުލާސް ކުއްޖެއްގެ އަތުންނެވެ. ނަތާޝާ ހިންހަމަޖައްސާލިއެވެ.

ނިދިފައި އޮތް ބުރުހާނުއްދީނަށް ހޭލެވުނީ ފިނި އަތަކުން އޭނާގެ އަތުގައި މީހަކު އަތް ޖައްސާލުމުންނެވެ. އޭނާ ބަލައިލިއިރު ކައިރީގައި ހުރީ ސަލްމާއެވެ.

"ބޭސް ކާންވީނުން" ސަލްމާ ބުނެލިއެވެ.

ބުރުހާނުއްދީން ތެދުވެ އެނދުގެ ހެޑް ބޯޑުގައި ލެގިލިއެވެ. އޭނާ ބޭސްގުޅަ ދިރުވާލުމަށްފަހު ހުސްތަށި ސަލްމާ އަތަށް ދިއްކޮށްލިއެވެ.

"އިނގިއްޖެތަ އެއީ ކޮން ކުއްޖެއްކަން" ބުރުހާނުއްދީން އަހާލިއެވެ.

"ދައްތައަށް ނޭނގޭ. އެކަމަކު ހީވޭ ވަރަށް ރަނގަޅު ކުއްޖެއްހެން. އެކުއްޖާ ލޭވެސް ދިނީ" ސަލްމާ ވާހަކަދެއްކިއެވެ.

"ވަރަށް ބޭނުން އެއީ ކާކުތޯ ބަލަން. އެކުއްޖާގެ އާއިލާއަށް މިގެއަށް ކެއުމަކަށް ދަޢުވަތުދޭން ބޭނުން. ދައްތަ އަދިވެސް ބަލައިދީބަލަ" ބުރުހާނުއްދީން ވާހަކަދެއްކިއެވެ.

"މާހިލްގެ ހަބަރެއްވިތަ ފަހުން؟" ސަލްމާ އަހާލިއެވެ.

"އާނ. ވަރަށް ދެރަވެފަ ހުރީ. މިހާރު ހުރީ އެކުވެރިންތަކަކާއެކު ރިސޯޓެއްގަ. ބުނި ވަރަށް އަވަހަށް އަންނާނަމޭ" ބުރުހާނުއްދީން ވާހަކަދެއްކިއެވެ.

ސަލްމާ ދެއަތަކަށް ބޯހުރާލިއެވެ. މާހިލްގެ އުޅުން ރަނގަޅު ނޫންކަން ކޮއްކޮއަށް ނުވިސްނެނީ ކީއްވެގެން ހެއްޔެވެ؟

"ދައްތަ މިދަނީ މެންދުރަށް ކެއުން ތައްޔާރުކުރަން. ކޮއްކޮ ނިދާލާ. ކާން ހަދާފައި ގޮވާލާނަން" ސަލްމާ ވާހަކަދެއްކިއެވެ.

*****************

ރޭގަނޑުގެ ދަންބައިގެ ވަގުތެކެވެ. މާހިލް މަޑުކޮށްލައިގެން ހުރީ މަގުމަތީގައި ގެއާއި ކުޑަ ތަންކޮޅެއް ދުރުގައި ހަދާފައި ހުރި ޖޯލި ފައްޗެއްގައެވެ. ތަނަށް ވެރިވެފައިވަނީ އަނދިރިކަމެވެ. ޖޯލިފައްޗާއި ކުޑަ ތަންކޮޅެއް ދުރުގައި ދިއްލާފައި ހުރި ހޮޅިދަނޑީގެ އަލި އެހިސާބަށް ފޯރަނީ ކިރިޔާއެވެ. މާހިލް ޖޯލީގައި އިންއިރު ދުރުން އަންނަ މީހަކަށް އެތަނުގައި މީހަކު އިންކަމެއް ނޭނގޭނެއެވެ. ހަމައެކަނި ފެންނާނީ އޭނާ ތުނބުގައި ޖަހާލައިފައި ހުރި ސިގިރޭޓްގެ އަލިފާންކޮޅެވެ. އިރުކޮޅަކުން ފެނުނީ އެތަނަށް ސައިކަލް މަޑުކޮށްލާފައި ދެ ފިރިހެނަކު ފޭބިތަނެވެ.

"މިހެރީ ކަލޭ ހަވާލުކުރި ފައިސާ... ގުނާފައި މަދުވިއްޔާ ބުނޭ" ޖީބުން ނެގި ފައިސާތައް ޖޯލީގައި އިން މާހިލްގެ އުނގަށް އަޅާލަމުން ޙަމަދު ބުނެލިއެވެ. ސިނގިރެޓް ދުރަށް އެއްލާލަމުން މާހިލް ތެދުވީ ޚައިރާންވެފައި ހުރެއެވެ.

"ހެހެހެ... ކުރިންވެސް އިނގޭ ކަލޭ ތިއީ ކަމެއްވާ މީހެއް ނޫންކަން. އެންމެ ރަނގަޅުވާނީ ކަލޭ މިތަނުން ރައްކާވިއްޔާ....... އައި ސެޑް ލީވް.....!!!" އަޑު ހަރުކޮށް މާހިލް ވާހަކަދެއްކިއެވެ.

"ހިމާރެއްހެން އަޑުގަދަ ކުރިޔަސް އަހަރެން ބިރެއް ނުގަންނާނެ އިނގޭ.. އެހެންވީމަ އެނަރޖީ ވޭސްޓްކުރުން ހުއްޓާލާ... ބްރޯ... އަހަރެންނަށް ނުވާނެކަމެއް ނޯންނާނެ އިނގޭ...." މާހިލްގެ ކޮނޑުގައި އަތް އަޅުވާލަމުން ޙަމަދު ވާހަކަދެއްކިއެވެ.

"ކަލެއަށް މި މާލެއިން އަންހެނަކު ނުހޯދުނެއްނު" ޙަމަދުގެ އަތް ފޮޅުވައިލަމުން މާހިލް ބުނެލިއެވެ.

"ބްރޯ މަށާ ހަވާލުކުރި މަންޖެ އެއީ މި ރާއްޖޭގައި އުޅޭ މީހެއް ނޫން. ތިއީ އަހަރެން މިހާތަނަށް އެންމެ ބުރަކޮށް ކުރި މަސައްކަތް. އަހަރެންގެ މީހުން ވަރަށް ގިނަ ތަންތަން ލޮކޭޓްކުރި" ޙަމަދު ވާހަކަދެއްކިއެވެ.

މާހިލް ޖޯލީގައި އިށީނެވެ. އޭނާ ވިސްނާލިއެވެ. އަޒްކާ މާލޭގައި ނޫޅެންޏާ ދާނީ ވަކި ކޮންތާކަށް ހެއްޔެވެ؟ އެއީ އާއިލާއެއް އޮތް މީހެއް ނޫނެވެ. އޭނާ ބަލިކޮށްފައި އަޒްކާ ކުރި ހޯދުން އެއީ އެއްގޮތަކަށްވެސް އޭނާއަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އަޒްކާ ޖެހޭނީ އޭނާގެ ބާރުގެ ދަށަށް އަންނާށެވެ. އޭނާގެ އެތެރެހަށީގައި ކެކެމުންދާ އަލިފާންގަނޑަށް ކިރިޔާވެސް ފިނިވާނީ އޭނާގެ އަތުގައި އަޒްކާ ޖެހުނު ދުވަހަކުންނެވެ.

********************

އިތުރު މަހެއް ފާއިތުވެގެން ދިޔައީ އެސްފިޔަ ޖަހާލާހާ މަދު ވަގުތުކޮޅެއްގެ ތެރޭގައެވެ. ނާހިދާއި ނައިޝީ ގާތް ދެއެކުވެރިންނަށްވެ ނިމިއްޖެއެވެ. ދެމީހުން އެކަކު އަނެކަކާއި ސަމާސާ ކުރުންތައް ގިނަ ވެއްޖެއެވެ. އެހެންނަމަވެސް އެކުވެރިކަން ފަހަނައަޅާދާން އެކަކުވެސް ބޭނުމެއްނުވެއެވެ.

މާލޭގެ މަޝްހޫރު ރެސްޓޯރެންޓަކުން ރޭގަނޑުގެ ކެއުން ނިންމާލާފައި ދެމަފިރިން މަގުމައްޗަށް ނިކުތީ ބުރިޖުމަތީގައި ދުއްވާލާފައި ގެއަށް ދިޔުމަށެވެ. ތަންކޮޅެއް ދުރުގައި ޕާކްކޮށްފައި ހުރި ސައިކަލް ނަގައިގެން އަންނަދެން ނައިޝީ ހުރީ މަގުގެ އެއްފަރާތުގައި މަޑުކޮށްލައިގެންނެވެ.

"ޝިޓް! މަގޭ ފޯނު...." ނައިޝީ ބުނެލިއެވެ.

"އެތެރޭގަތަ ވީ...؟ ދޭ ހިފައިގެން އަންނަން" ނާހިދު ބުނެލިއެވެ. ނައިޝީ އަލުން ރެސްޓޯރަންޓުގެ ތެރެއަށް ވަދެގެން ދިޔައެވެ.

ސައިކަލްމަތީގައި އަމިއްލަ ފޯނަށް ބަލަހައްޓައިގެން އިން ނާހިދު ސިހުނީ ދާދި ކައިރިން މީހަކު ކަރުކެހިލުމުންނެވެ. ނާހިދް ބަލައިލިއެވެ. ކުރިމަތީގައި ހުރި މާހިލް ފެނުމުން ދެބުމަ ގޮށްޖަހާލަމުން ފޯނު ލައިގެން ހުރި ޖީންސުގެ ޖީބަށް ކޮށްޕާލިއެވެ. ނާހިދް މަސައްކަތްކުރީ މާހިލްއާއި ދުރަށް ކުޑަކޮށް ސައިކަލް ދުއްވާލާފައި މަޑުކޮށްލާށެވެ. ސައިކަލުގެ މުށްގަނޑުގައި ހިފާލާފައި މަޑުކޮށްލީ މާހިލް ވާހަކަދެއްކުމުންނެވެ.

"ކަލޭ... ވަރަށް އުފަލުންދޯ ތިއުޅެނީ. ހީކުރަނީތަ އަޒްކާ ފޮރުވައިގެން ތިގޮތަށް އުމުރުދުވަހު ކަލެއަށް އުޅެވިދާނެކަމަށް" މާބުރެއްހެން ނާހިދު ސައިކަލު ވަށައިގެން އެނބުރެމުން މާހިލް ވާހަކަދައްކަމުން ދިޔައެވެ.

"ހަމަތަ ބްރޯ... އަޒްކާއަކީ ކާކު...؟ އައި ޑޯންނޯ" ނާހިދް ބުނެލިއެވެ. ދުލުން އަޒްކާގެ ނަން ކިޔަންޖެހުމުން ހިތަށް އުނދަގުލެއް ވިއެވެ.

"ހަމަ މިހާރުބުނޭ އަޒްކާ ވީތަނެއް... އެހެންނޫނީ މިރޭ އަހަރެން އަތުން ކަލޭގެ ދުވަސްދާނެ" ނާހިދު ލައިގެން އިން ޓީޝާޓޫގެ ކަރުވަޅުގައި ހިފާ އަތަށް އޮޅާލަމުން މާހިލް ބުނެލިއެވެ.

"މޮޔަވީތަ...؟ މިތަނުން ކަލެއަށް އަހަރެން ނޫނީ އެހެން މީހަކު ނުފެނުނީތަ...؟ ނޫނީ ބައްލަވައިގެންތަ ތިހުރީ" ގަދަކަމުން މާހިލްގެ އަތް ނައްޓުވާލަމުން ނާހިދް ބުނެލިއެވެ.

ފޯނު ހިފައިގެން އައި ނައިޝީ އައިސް ނާހިދު ކައިރިއަށް ހުއްޓި ސައިކަލް ފަހަތަށް އަރާ އިށީނީ ރުޅިއައިސްފައިވާ ސިންގާއެއްހެން މާހިލް ނާހިދަށް ބަލަހައްޓައިގެން ހުއްޓައެވެ. ވަގުތުން މާހިލްގެ ނަޒަރު ނައިޝީއަށް ހުއްޓުނެވެ. ވާނުވާ ނޭނގިފައި އިން ނައިޝީ މާހިލަށް ދިނީ ހިނިތުންވުމެކެވެ. ނައިޝީގެ ހިނިތުންވުން މާހިލްގެ ހިތާއި ހަމައަށް ވާސިލްވިއެވެ. ވަގުތުން ނައިޝީއާއި ގުޅުމެއް އުފައްދަން އެނާ ބޭނުންވިއެވެ. އެހެނީ އެފަދަ ރީތިކަމެއް އޭނާއަށް މާލެއިން ފެނިފައެއް ނުވެއެވެ. އެ ޙަޤީޤަތް އޭނާގެ ހިތާއި ހަށިގަނޑު ނައިޝީގެ އެންމެ ފުރަތަމަ ފެނިލުމުންވެސް ޤަބޫލުކުރިއެވެ.

"ހައި... އައިމް މާހިލް.... ނާހިދްގެ އެކުވެރިއެއް" ނައިޝީއަށް ސަލާމަށް އަތް ދިއްކޮށްލަމުން މާހިލް ބުނެލިއެވެ.

"ވަރަށް ރީތި ކުއްޖެއް. ފުރަތަމަ ބައްދަލުވުމާއެކު ސަލާމް ކޮށްލަންވާނެއްނު" މާހިލް އަތް ދިއްކޮށްލަމުން ބުނެލިއެވެ.

ހިތްހަމަނުޖެހިފައި އިން ނާހިދް ސައިކަލުގެ މުށްގަނޑުގައި ހިފާ ބާރަކަށް ސައިކަލް ސްޓާޓްކޮށްލުމަށްފަހު ދުއްވާލިއެވެ. މާހިލްގެ ހަށިގަނޑު ސައިކަލް ދަށުނުވެ ސަލާމަތްވީ ކިރިޔާއެވެ. ހިތުގައި އުފެދުނު ބިރުވެރިކަމެއްގެ ސަބަބުން ފަހަތުގައި އިން ނައިޝީއަށް ނާހިދް ލައިގެން ހުރި ގަމީހުގެ ދެފަރާތުން ހިފާ ހިފާ ބާރުކޮށްލެވުނެވެ.

"ވަޓްސް ރޯންގް" ބިރުގަނެފައި އިން ނައިޝީ ވާހަކަދެއްކީ ވަކި ހިސާބަކަށް ގޮސް ސައިކަލުގެ ދުވެލި ނާހިދު މަޑުކޮށްލުމުންނެވެ. އޭރު ނާހިދް ސައިކަލް ދުއްވިލެއް ބާރުކަމުން ނައިޝީގެ ދެލޮލުން ވަނީ ކަރުނަ ފޭދިފައެވެ.

"ލެޓްސް ގޯ ހޯމް. ދުއްވަން ނިކުންނާނީ އެހެން ރެއަކުން" މަޑުމައިތިރިކަމާއެކު ނާހިދް ވާހަކަދެއްކިއެވެ. ނައިޝީ ވަކި ޖަވާބެއް ނުދިނެވެ. އޭނާ އިނީ ހިތްހަމަޖެހިފައެއް ނޫނެވެ. ނާހިދަށް ބަދަލެއް އައިސްފައިވާކަން އޭނާއަށް އިނގެއެވެ. އޭނާ ބޭނުންވީ ހަމަޖެހެން ނާހިދަށް ވަގުތު ދިނުމަށެވެ.

ހިނގާދިޔަ ކަންތަކާއި ބެހޭގޮތުން ނާހިދު ނައިޝީއާއި ވާހަކަދެއްކީ ނިދަން އުޅުނު ވަގުތުގައެވެ.

"ސޮރީ އިޝީ...!" ނާހިދް ބުނެލިއެވެ. އޭރު ނައިޝީ އޮތީ ކުއިލްޓް ދަށަށް ވަދެ ނާހިދުގެ މޫނަށް ބަލަހައްޓައިގެންނެވެ. އޭނާ އޮތީ ނާހިދް ވާހަކަދައްކާނެ އިރެއްގެ އިންތިޒާރުގައެވެ.

"ފޯރް ވަޓް...؟" ނައިޝީ ބުނެލިއެވެ.

"މިރޭ ވީ ކަންތަކުގަ. ހާދަ ރުޅިއެއްއައޭ... އިޝީ އެ ފިރިހެނާއާއި ވާހަކަނުދައްކާތި އިނގޭ. ހިއެއްނުވޭ އޭނާގެ ނިޔަތް ރަނގަޅު ހެނެއް" ނާހިދް ވާހަކަދެއްކިއެވެ.

"ނާހިދް ތިވާހަކަ ނުދައްކާތީ އަހަން ބޭނުންނުވެފަ މި އޮންނަނީ.. އެކަމު ތިވަރަށް ބުނީތީ ބުނެފާނަން. އަސްލު ނޭނގޭ އެއީ ގޯސް މީހެއްކަމެއް. މޫނުމަތިން ހީވަނީ ރަނގަޅު ކުއްޖެއްހެން. ބުނީ އެކުވެރިއެކޭނު. ނާހިދް އެއްވެސް އެއްޗެއް ނުބުނަމެއްނު" ނައިޝީ ވާހަކަދެއްކިއެވެ.

"އެއީ ކާކުކަން ފަހުން އަހަރެން އިޝީއަށް ކިޔައިދޭނަން. މިރޭ ދެން ނިދާލާ. މަށަށް ކަމެއް ކޮށްދެންޏާ މަގުމަތިން ވިޔަސް އެއްވެސް ތަނަކުން އޭނަ ފެނުނަސް ވާހަކަނުދައްކާތި" ނާހިދް ވާހަކަދެއްކިއެވެ. ވަގުތުން ނައިޝީ ބޯޖަހާލިއެވެ.

"ގުޑްނައިޓް..." ނައިޝީގެ މޫނުގައި ފިރުމާލަމުން ނާހިދް ބުނެލިއެވެ. ނާހިދްގެ އެ ބީހިލުމުން ނައިޝީގެ ހިތުގައި ލޯބި އުތުރި އަރައިގަތެވެ.

***************

މެންދަމުގެ ހަމަހިމޭން ވަގުތެވެ. ބެލްކަނީގައި ހުއްޓިލައިގެން ނާހިދު ހުއްޓެވެ. ތަނަށް ވެރިވެފައިވާ ހަމަހިމޭންކަމުގެ ތެރެއިން ގަހެއްގެ ފަތެއްވެސް ހެލިލާ އަޑު ނީވެއެވެ. އޭނާ ހުރީ ވިސްނުމަކަށް ގެއްލިފައެވެ. މާހިލް ދެއްކި ވާހަކަތައް އޭނާގެ ހިތާއި ސިކުނޑީގައި ހަލަބޮލިކަމެއް އުފައްދައިފިއެވެ. އަބަދުވެސް އޭނާގެ ކުރިމައްޗަށް މާހިލް އަންނާނީ އެކަހަލަ ހަބަރެއް ހިފައިގެންނެވެ. އޭނާގެ ހިތުގައި ފަސްއަޅާ ފޮރުވާފައިވާ އަޒްކާގެ ހަނދާންތައް ހޭލަން ފަށައިފިއެވެ. ކައިވެންޏަށް ދެމަސް ފަހުން ފުރަތަމަ ފަހަރަށް އަޒްކާއާއިމެދު ވިސްނެން ފަށައިފިއެވެ. ނޭނގޭ ބާރަކުން އޭނާގެ ހިތަށް މަޖްބޫރު ކުރުވަނީއެވެ.

މާހިލް އަޒްކާ ވީތަނަކާއި ބެހޭގޮތުން ސުވާލު އެކުރީ ކީއްވެގެން ހެއްޔެވެ؟ އަޒްކާ ހުންނާނީ މާހިލް ކައިރީގައި ނޫން ހެއްޔެވެ؟ އަނެއްކާ އަޒްކާގެ ހާލު ރަނގަޅު ބާއެވެ؟ އަޒްކާ މާހިލް ދޫކޮށް ދިޔައީ ހެއްޔެވެ؟ އެކަމަކު ކޮންތާކަށް ހެއްޔެވެ؟ އަޒްކާއާއި ބެހޭގޮތުން ނާހިދްގެ ހިތަށް ވެރިވި އެތައް ސުވާލުތަކަކުން އޭނާގެ ހިތް މާޔޫސްވިއެވެ. މަޑުމަޑުން އޭނާ ދެފަރާތަށް ބޯހޫރާލިއެވެ. އެހަނދާންތައް ސިކުނޑިން ނެރެލުމުގެ ބޭނުމުގައެވެ.

އޭނާ ހިމޭންކަމާއެކު އިރުކޮޅަކު ހުރުމަށްފަހު އުޑަށް ބަލައިލިއެވެ. ދުނިޔެ މައްޗަށް ވެރިވެފައިވާ އަނދިރިކަމުގެ ތެރޭގައި އުޑުމަތިން އެންމެ ތަރިއެއްވެސް ނުފެނެއެވެ. މަޑުމަޑުން ޖެހެމުން އައި ވައިރޯޅި ބާރުވާހެން ހީވާން ފެށިއެވެ. އިސާހިތަކު އޭނާއަށް ފިނިވާން ފެށިއެވެ. އޭނާގެ މޫނުމަތީގައި ފުރަތަމަ ފެންތިކި ޖެހުނީ ދެވަނަ ފަހަރަށް އުޑަށް ބަލަހައްޓައިގެން ހުއްޓައެވެ. ބޮޑުތިކި ވާރޭ ވެހެން ފެށުމާއެކު އޭނާ ކޮޓަރިއަށް ވަދެ ބެލްކަނީގެ ދޮރު ކަހާލިއެވެ. އެނދަށް އަރަން އުޅުނު ވަގުތު އޭނާގެ ނަޒަރު ހުއްޓުނީ ކުއިލްޓް ތެރޭގައި ބޮނޑިވެގެން އޮތް ނައިޝީގެ މައުސޫމް މޫނު ފެނުމުންނެވެ. އޭނާ މަޑުމަޑުން އެނދާއި ކައިރިވާން ފެށިއެވެ. ނައިޝީ އޮތް ދިމާލާއި ދާދި ގާތަށް އައުމަށްފަހު ތިރިވެލިއެވެ. އޭނާ ވަރަށް ފުން ނަޒަރަކުން ނައިޝީގެ މޫނަށް ބަލައިލިއެވެ.

ރީތި ކުއްޖެކެވެ. ކުކުޅު ބިހެއްގެ ބަށްޓަމަށްވާ ދޮން މޫނުގައި އެންމެ ބިއްސެއްވެސް ނެތެވެ. ކަޅު ކުލައިގެ ބުމައިގެ ދަށުގައިވާ ލޮލުގެ އެސްފިޔަތައް ތިރިކޮށްލާފައިވާ ގޮތް އެހާ ލޯތްބެވެ. ނިދީގެ މީރުކަން އިހުސާސް ކުރަމުން ދާއިރު ތުނިތުނި ދެތުންފަތުގައި ވަނީ ފަނޑު މެރޫން ކުލައެކެވެ. ނާހިދް ވިސްނާލިއެވެ. އެ އަންހެންކުއްޖާއަށް އޭނާގެ ހިތުން ޖާގައެއް ނުދެވެނީ ކީއްވެގެން ހެއްޔެވެ؟ ލޯބިން އުޅޭ ދެމަފިރިއަކު ވިއްޔާ މިފަދަ ތޫފާނީ ރެއެއްގައި ބޭނުންވާނީ ތަންތަމަތީގައި ދެ ޖިސްމުގެ ހޫނުން ދެ ހަށިގަނޑަށް އަރާމު ގެނުވާށެވެ. ނައިޝީގެ ފަރާތުން އެފަދަ ބީހުމަކަށް އޭނާއަށް ނޭދެވެނީ ކީއްވެގެން ހެއްޔެވެ؟ އަނބިމީހާއަށް ވީއިރު ދެމެދަށް ވެރިވެފައިވާ އެކުވެރިކަމުގެ ފަރުދާ ކަހާލުމަށްފަހު ފިރިއެއްގެ ފަރާތުން އަންބަކު ބޭނުންވާ ލޯބި ދޭން ފަސްޖެހެވެނީ ކީއްވެގެން ހެއްޔެވެ؟ އޭނާގެ ހަޔާތަށް އަޒްކާ ކިޔާ އަންހެން ކުއްޖަކު އައުން އެއީ ފިރިއެއްގެ ލޯބިން އެ އަންހެންކުއްޖާ މަހުރޫމް ވާންވީ ސަބަބެއް ހެއްޔެވެ؟ އެކަމުގައި ނައިޝީގެ އޮތީ ކޮން ކުށެއް ހެއްޔެވެ؟ އެއްފަހަރާ އެތައް ޝަކުވާއެއް އޭނާގެ ހިތަށް ވެރިވުމާއެކު ދެލޯ ފެންކަޅިވިއެވެ. އޭނާ އިންތަނުން ފުންމައިގެން ތެދުވިއެވެ. ދެފަޔަށް ބާރުލާފައި ކޮޓަރިން ނިކުމެ ސިޑީގެ ހަރުފަތްތައް ކަޑައްތުކޮށްފައި ތިރިއަށް ފޭބިއެވެ. އޭރު ބޯކޮށް ވާރޭ ވެހޭއަޑު އިވެމުން ދިޔައެވެ. އޭނާ މިސްރާބު ޖެހީ ބަދިގެއާއި ދިމާލަށެވެ. ބަދިގޭ ލައިޓްތައް ދިއްލާލުމަށްފަހު އޭނާ ކޮފީ ހަދަން އަވަސްވެގަތެވެ. ފެން ހޫނުކުރަން ޖެއްސުމަށްފަހު ފުރިޖު ހުޅުވާލީ ފެން ފުޅިއެއް ނެގުމަށެވެ. އޭނާގެ ލޮލުގައި އަޅައިގަތީ އެއްބައި ކަނޑާލާފައި އޮތް ސްޕެގެޓީ ޕެކެޓެކެވެ. އޭނާ މަޑުމަޑުން އެ ޕެކެޓް ނެގިއެވެ. އިސާހިތަކު އޭނާގެ ހަނދާނަށް އަޒްކާއާއިއެކު ދަންވަރު އެ ބަދިގޭގައި ހޭދަކުރެވުނު ވަގުތުކޮޅު ހަނދާނަށް އަންނަންފެށިއެވެ. އޭނާއާއި އަޒްކާއާއި ދެމެދު އެންމެ ފުރަތަމަ ލޯބީގެ ހަދިޔާ ބަދަލުކުރީ އެފަދަ ދަންވަރެއްގައި އެ ބަދިގެ ތެރޭގައެވެ. އެދުވަހު އަޒްކާގެ މޫނުމަތިން ފެނުނު ލަދުރަކި ހިނިތުންވުން އޭނާގެ ހިތުން ދުވަހަކުވެސް ނުފިލާނެއެވެ. އޭނާ އަލުން ފުރިޖު ލައްޕާލުމަށްފަހު އެ ޕެކެޓް ލިއެވެ. މޭޒު ކައިރިން ގޮނޑިއެއް ދަމާލާފައި އިށީން އިރު މޫނުމަތި ވަނީ މިލާފައެވެ. އަޒްކާގެ ހަނދާންތަކުން އޭނާގެ ހިތް ރޮށްވާލިއެވެ. އަތުން ޖެހުމަށްފަހު މޭޒު މަތީގައި ހުރި ތަށިތައް ބުރުވާލީ އޭނާގެ އަމިއްލަ އިހުސާސްތައް ކޮންޓްރޯލް ކުރުމަށް އޭނާގެ ނަފްސު ނުކުޅެދިފައިވާ މިންވަރު އިހުސާސް ވުމުންނެވެ.

*******************

ގެއަށް ވަދެގެން އައި މާހިލް ފެނި ސިޓިންގްރޫމުގައި އިން ސަލްމާ ފުންމައިގެން ތެދުވިއެވެ. ސަލްމާއަށް ބަލައިވެސްނުލާ މާހިލް ވަދެގެން ދިޔައީ ބަދިގެއަށެވެ. ސަލްމާ ހަމަޖެހިލައިގެން އިށީނުމަށްފަހު މޭގައި އަތް އަޅައިލިއެވެ. މާހިލް ވަދެގެން އައި ގޮތުން އޭނާ ޖެހިލުންވީއެވެ. އިރުކޮޅަކުން ބަދިގެއިން އަޑުފަށްގަނޑެއް އިވިގެން ސަލްމާ ދުވެފައި އެދިމާލަށް ދިޔައެވެ.

"ޔާރައްބީ.... މިއީ ކޮންކަމެއް...؟؟" ބަދިގެ ތެރެއަށް އުކާލެވިފައިވާ ތަށިތައް ފެނުމާއެކު ސަލްމާ ބުނެލިއެވެ. ކަފާލާފައިވާ މާހިލްގެ އަތުން މުށިތަކުގެ މައްޗަށް ފައިބަމުން ދިޔަ ލޭތައް ސަލްމާއަށް ފެނުނީ އޭގެ އިރުކޮޅެއް ފަހުންނެވެ. ހަދާނެގޮތެއް ނޭނގިގެން އިރުކޮޅަކު ލޭތަކަށް ބަލަން ހުރުމަށްފަހު އޭނާ ދެފަރާތަށް ބޯހޫރާލިއެވެ. އިސާހިތަކު އޭނާ ބޮލަށް އެނބުރުން އެރިއެވެ. އޭނާ ވަގުތުން އަޅައިގެން ހުރި ބުރުގަ ދަމައިގަތުމަށްފަހު މާހިލްގެ އަތުގައި އޮޅާލާފައި މާހިލް ގޮވައިގެން ބަދިގެއިން ނިކުތެވެ. އޭނާ އިރުކޮޅަކު އެތަނުގައި ހުރެއްޖެނަމަ އަނބުރައިގަނެގެން ވެއްޓޭނެކަން އޭނާއަށް ކަށަވަރު ވާތީއެވެ.

"މޮޔަވީތަ...؟ އަމިއްލަ ނަފްސަށް ގެއްލުން ދިނުމަކީ ކިހާ ވަރެއްގެ ނުބައި ކަމެއްކަން ނޭނގެނީ ދޯ..." ސަލްމާ ވާހަކަދެއްކިއެވެ. އޭނާގެ އަޑުގައިވަނީ ފޫހިކަމެވެ.

"އޭނަ ހީކުރަނީ ކީކޭ ކަމަށްތަ...؟ ހީކުރަނީތަ މި މާލޭގައި މަށަށް ފިލައިގެން އުޅެވިދާނެކަމަށް" އަވަސް ނޭވާތަކެއް ލަމުން ދިޔަ މާހިލް ވާހަކަދެއްކިއެވެ.

"ކިތަންމެ ހިތްހަމަނުޖެހޭ ކަމެއް ވިޔަސް މިއީ ކޮށްގެންވާނެ ކަމެއް ނޫން. މިގޮތަށް ކަންތައް ކުރީމަ ކާކުގެ އަތަށް ތަދުވީ....؟ މަގޭތަ...؟ ނޫނީ މާހިލްގެ ބައްޕަގެތަ....؟" މާހިލް ގޮވައިގެން ގޮސް ސިޓިންގްރޫމް ސޯފާގައި ބައިންދަމުން ސަލްމާ ވާހަކަދެއްކިއެވެ.

"މާހިލް....؟ ކިހިނެއްވީ ދަރިފުޅު އަތަށް...؟" ދޮރުމަތިން ކުއްލިއަކަށް އިވުނީ ބުރުހާނުއްދީންގެ އަޑެވެ.

"އަނ. ކޮއްކޮގެ ލޯބިވާ ދަރިފުޅު އަތުގައި ބޭސްއަޅާ... އެހީއެއް ބޭނުންވިއްޔާ މަށަށް އަންގާލާ" ހިތްހަމަނުޖެހިފައި ކޮޓަރިއަށް ވަދެ ދޮރު ލައްޕާލަމުން ސަލްމާ ބުނެލިއެވެ.

"ކޮބާތަ މައްސަލައަކީ....؟" މާހިލް ކައިރީގައި އިށީންނަމުން ބުރުހާނުއްދީން ވާހަކަދެއްކިއެވެ.

"ބޯގޮވީ..." ބުރުހާނުއްދީން ފެނުމާއެކު މާހިލް ހުރީ ހިމޭންވެފައެވެ.

"އަދި ހުރިހާ ތަނެއްވެސް ގޮވާނެ. ކީއްވެތަ ވަޒީފާއިން ވަކިވީ....؟" ބުރުހާނުއްދީން އަހާލިއެވެ. ވަގުތުން މާހިލްއަށް ބުރުހާނުއްދީނަށް ނަޒަރެއް ދެވުނެވެ. އޭނާ އެހާ ސިއްރުން ކުރި ކަންތައްވެސް ފަޅާއެރީއެވެ.

"މާހިލް ހީކުރީ ބައްޕައަށް ސިއްރުން ކަންތައް ކުރެވޭނެ ކަމަށްތަ...؟" ބުރުހާނުއްދީން އަހާލިއެވެ.

"އެތަން ކަމުނުދަނީ ބައްޕާ... ވަރަށް އަވަހަށް ޖޮބަކަށް ދާނަން" އެންމެފަހުން މާހިލް ބުނެލިއެވެ.

"ހަނދާންކުރާތި ބައްޕަގެ ހުރި ހަމައެކަނި ދަރިއަކީ ތިއީކަން. ބައްޕަ ބޭނުންވަނީ ދަރިފުޅުވެސް ބައްޕަ ގޮތަށް ޒިންމާދާރު ވަޒީފާއެއް އަދާކުރަން" ބުރުހާނުއްދީން ވާހަކަދެއްކިއެވެ. މާހިލް ބޯޖަހާލަމުން ހިނިތުންވެލިއެވެ.

*******************

ބަދިގެ ތެރޭގައި މަސައްކަތެއްގައި ހުރި ޙައްވަ ބޯއަރިކޮށްލަމުން ގޭ މައިދޮރަށް ބަލައިލިއެވެ. އޭރު ނަޝްވާއާއި ޝަދީން ވަދެގެން އަންނަނީއެވެ. ޒިންކު ކައިރިއަށް ގޮސް ދެއަތް ދޮވެލަމުން ޙައްވަ ބަދިގެއިން ބޭރަށް ނިކުތެވެ.

"ދަރިފުޅާ ނަޝްވާ...!" ޙައްވަ ނަޝްވާއަށް ގޮވާލީ ކޮޓަރިއަށް ވަންނަން ދަނިކޮށެވެ.

"ކީކޭ ޙައްވައްތާ... އެއްޗެއް ބޭނުންވީތަ...؟" ހިނިތުންވުމަކާއެކު ނަޝްވާ އަހާލިއެވެ.

"ޙައްވައްތަ ވާހަކައެއް ދައްކާލަންވެގެން" ޙައްވަ ކުރިއަށް ހިނގައިގަންނަމުން ބުނެލިއެވެ.

ޔޫކް ގޮވައިގެން ޝަދީން ކޮޓަރިއަށް ވަނުމުން ދޮރު ލައްޕާލާފައި ނަޝްވާ ޙައްވައަށް ފުރުސަތު ދިނެވެ. އޭނާ ޙައްވަ ގޮވައިގެން ގޮސް ސޯފާގައި އިށީނެވެ.

"ދުވަހަކުވެސް އަދި ޙައްވައްތަ ތިހާ ސީރިޔަސްވެފަ އިންދާ ނުދެކެން. އަނެއްކާ ކިހިނެއްވީ...؟" ނަޝްވާ ވާހަކަދެއްކިއެވެ.

"ޙައްވައްތަ މިއުޅެނީ ކުޑަ ދުވަސްކޮޅަކަށް ރަށަށް ދާން ޖެހިގެން. ދިވެހި ބޭހެއް ކުރަންވެގެން. އިނގޭ ނަޝްވާމެންނަށް ވަރަށް ދަތިވާނެކަން ޙައްވައްތަ ދިޔައިމަ. އެކަމަކު ވަރަށް މުހިންމުވީމަ" ޙައްވަ ވާހަކަދެއްކިއެވެ.

"ޙައްވައްތައަށް އިނގޭތަ...! ތިއީ މިހާތަނަށް ޙައްވައްތަ އަހަރެން ކައިރީގައި އެދުނު އެންމެ ބޮޑު ކަންތައް. ޙައްވައްތަ ދިޔުމަކުން އެއްވެސް މައްސަލައެއްނެތް" ނަޝްވާ ވާހަކަދެއްކިއެވެ.

"ޙައްވައްތަ ނެތަސް މަސްގެނައުމުގެ ކަންތައް ބަރާބަރަށް ހަމީދު ކުރާނެ. ޙައްވައްތައަށް މަޢާފްކުރައްޗެ. ހަމަ ވަރަށް މުހިންމުވީމަ މިދަނީ" ޙައްވަ ވާހަކަދެއްކިއެވެ.

"އެވަރުކަމެއްނޫން... އެކަމަކު ޙައްވައްތަ ތިވަރުގެ ބައްޔެއްވިއިރު ކީއްވެ ނުބުނީ" ނަޝްވާ ބުނެލިއެވެ.

"މާތްﷲ އިރާދަކުރެއްވީތީ ޙައްވައްތަ ރަނގަޅު. މިދަނީ ގާތް ކުއްޖަކަށް ކުޑަކަމެއް ދިމާވެގެން" ޙައްވަ ބުނެލިއެވެ.

*****************

ރޭގަނޑުގެ ވަގުތެވެ. ސިޑިން ފައިބައިގެން އައި ނައިޝީ މަޑުކޮށްލީ ސިޓިންގްރޫމުގައި ޓީވީއިން ދައްކަމުން ދިޔަ ޕްރޮގްރާމެއް ބަލަން އިން އިނާޝާއާއި މޯހަންދާސް ކައިރީގައެވެ.

"މަންމާ...! މިދަނީ ކޮސްމެޓިކްސް ހުސްވެފަ ހުރީމަ ގަންނަންދާން. ވަރަށް އަވަހަށް އަންނާނަން އިނގޭ" އިނާޝާގެ ކޮނޑުގައި އަތް އަޅުވާލަމުން ނައިޝީ ވާހަކަދެއްކިއެވެ.

"އެކަނިތަ...؟ ކޮބާ ނާހިދު...؟" ސުވާލުކުރީ މޯހަންދާސްއެވެ. އެއީ އިނާޝާވެސް ކުރަން ބޭނުންވާ ސުވާލަކަށް ވާތީ އޭނާ ނައިޝީގެ މޫނަށް ބަލަމުން ދިޔައެވެ.

"އަށެއް ޖަހާއިރަށް ބައްދަލުވުމުށް ދިޔަ މީހާގެ އެ ބައްދަލުވުން އަދިވެސް ނުފަށާ. ނޭނގެޔޯ ގެއަށް އާދެވޭނެ އިރެއް. ނާހިދް ކައިރީގައި އަހާފައި މިދަނީ. ބުނީ މާދުރަށް ނުގޮސް ގޭ ކައިރިން ގަންނާށޭ" ނައިޝީ އޮޅުންފިލުވައިދިނެވެ. މޯހަންދާސް ބޯޖަހާލިއެވެ. އިނާޝާވެސް ހިނިތުންވެލިއެވެ.

މަގުގެ އެއްފަރާތުން ހިނގަމުން ދިޔަ ނައިޝީ ސިހުނީ ދާދި ކައިރިން އަންހެން އަޑަކުން ގޮވާލުމުންނެވެ. އޭނާ ބައިބޯ މީހުންގަނޑުގެ ތެރެއިން ފަހަތަށް އެނބުރި ބަލައިލިއެވެ.

"އީވް...! އޯއެމްޖީ..... ކޮންއިރަކު އައީ..." ދެ އަންހެންކުދިންނަށް އެކަކު އަނެކަކު ގައިގައި ބައްދައިގަނެވުނު އިރު ތިބެވުނީ މަގުމަތީގައި ކަން ހަނދާން ނެތިފައިވި ކަހަލައެވެ.

"މިއަދު އައީ... އިޝީއަށް ގުޅަން ވަރަށް މަސައްކަތްކުރިން. އެކަމަކު ފޯނު ބަދަލުވީމަ ނަންބަރ ގެއްލިފައި އިނީ....." އުފާވެރި ހިނިތުންވުމެއް ތުންފަތަށް ގެނުވަމުން އީވް ވާހަކަދެއްކިއެވެ. ދެ އަންހެންކުދިން އެއްފަހަރާ 'ސޮރީ' އޭ ބުނެ އެއްފަރާތަކަށް ޖެހުނީ އެމަގުން ދިޔަ މީހަކު މަގު ބަންދުވެފައި ހުރުމުން ފަތިވަރު ގޮވައިގަތުމުންނެވެ.

"ހިނގާބަލަ.... ބައްޕަގެ ސައިކުގައޭ ނިކުމެ މިއުޅެނީ" ނައިޝީގެ އަތުގައި ހިފައިގެން ހިނގައިގަންނަމުން އީވް ވާހަކަދެއްކިއެވެ.

"ވެއިޓް... ކޮންތާކަށް މިދަނީ...." ނައިޝީ އަހާލިއެވެ.

"މިތާ ކައިރީގައޭ ގެ ހުންނަނީ.. ގޭ ކައިރީގައި އެބަހުރި ވަރަށް ފަހުން ހުޅުވި ކެފޭއެއް... ވަރަށް ބައިވަރު ވާހަކަ އެބަހުރި" އީވް ބުނެލިއެވެ.

"ވެއިޓް އަ މިނިޓް. ލެޓް މީ އާސްކް މައި ހަޒްބެންޑް ފަސްޓް" އީވް ހުއްޓުވަމުން ނައިޝީ ބުނެލިއެވެ.

ނައިޝީ ނާހިދަށް ގުޅާން ކުރި މަސައްކަތް ކާމިޔާބެއް ނުވިއެވެ. އޭނާ ޖެހުނީ މާޔޫސް ކަމާއެކު ފޯނު ދަބަހަށް ލާށެވެ.

"އިޝީގެ ހަޒްބެންޑް އަންޑަސްޓޭންޑް ވާނެ. ޕްލީޒް ހިނގާބަ" އީވް ބުނެލިއެވެ.

ނައިޝީއަށް ނޫނެކޭ ބުނަން ނުކެރުނެވެ. އޭނާ އީވް އާއި އެކުގައި ގޮސް ސައިކަލަށް އެރިއެވެ.

ނައިޝީއާއި އީވް އަކީ ލަންޑަނުގައި އެކީގައި ކިޔެވި ދެކުދިންނެވެ. ކިޔެވުން ފުރިހަމަ ކުރުމަށްފަހު ނައިޝީ ރާއްޖެ އަންނަން އުޅުނު ދުވަހު އީވް ރުޔެވެ. ނަމަވެސް ނައިޝީއަށްޓަކައި އީވް އުފާކުރިއެވެ. ނާހިދް ދެކެ ނައިޝީ ލޯބިވާވަރު އީވްއަށް އޮޅިފައެއްނެތެވެ. އީވް އަކީ ވެސް ނައިޝީ ފަދައިން ހިކިކޮށް ހުންނަ ކުއްޖެކެވެ. ތަފާތަކީ އީވްގެ ހަމުގެ ކުލައެވެ. އީވް އަކީ އޮމާން ކަޅެއް ލިބިފައިވާ ކުއްޖެކެވެ.

ދެ ރަހްމަތްތެރިން އެއްތަންވެ ވާހަކަތަކުގައި ޖެހުމުން ގަޑިއަށް ބަލާލަން ނައިޝީ ހަނދާން ނެތުނެވެ. އަތް ދަބަސް ތެރެއަށްލި ފޯނު މަތިންވެސް އޭނާ ހަނދާން ނެތިފައިވި ކަހަލައެވެ. އޭނާ ގެއަށް ދިޔުމަށް މަގަށް ނިކުތީ އީވް އާއި އެކުގައެވެ. އޭނާ ހިނގާލާފައި ދާނެ ކަމަށް ބުނެ އީވް ފޮނުވާލީ މާލޭގައި ސައިކަލް ދުއްވަން އީވްއަށް ރަނގަޅަށް ނޭނގޭތީއެވެ.

ވަކި ހިސާބަކަށް ދިޔަތަނާ ނައިޝީ ސިހުނީ ފަހަތުން އައި މީހަކު އޭނާގެ ކޮނޑަށް އަތް އެއްލުމުންނެވެ. އެމީހާގެ އަތް ފޮޅުވާލުމަށްފަހު ނައިޝީ ދުރަށް ޖެހިލިއެވެ. އޭނާ ބަލައިލިއިރު އެ މޫނު ކޮންމެސް ތަނަކުން ފެނުނު ހަނދާނެއްވިއެވެ.

"ނޭނގުނު ދޯ... މާހިލް.... އެއްކަލަ ރޭގައި ދިމާވިއެއްނު...." ނައިޝީ ކުރިމަތީގައި ހުރި މާހިލް ހީލަމުން ދެވަނަ ފަހަރަށް ސަލާމަށް އަތް ދިއްކޮށްލިއެވެ. ނައިޝީ ހަނދާންވިއެވެ. މާހިލްއާއި ވާހަކަނުދެއްކުމަށް ނާހިދް ބުނި ހަނދާންވެސް އޭނާ ވިއެވެ.

"ސޮރީ....." ނައިޝީ ހިނގައިގަތެވެ. ނަމަވެސް އޭނާގެ ހިތުގައި ނުތަނަވަސްކަމެއް އުފެދިފައިވަނީ ފަހަތުން މާހިލް އަންނަކަން އިނގޭތީއެވެ. އޭނާ ފިޔަވަޅުތައް އަވަސްވާ ވަރަކަށް ފަހަތުގައި ހުރި މާހިލްވެސް އަވަސް ފިޔަވަޅު އަޅަމުން ދިޔައެވެ.

"އަސްލުވެސް ތިއީ ވަރަށް ރީތި ކުއްޖެއް. މާލޭގައި ތިއަށް ވުރެ ރީތި ކުއްޖެއް ނޫޅޭނެ. ނަންބަރ ދޭންވީނުން" ނައިޝީއާއި ހަމަކުރަމުން މާހިލް ވާހަކަދެއްކިއެވެ. ނައިޝީ ބިރުން ހުރެ މާހިލްއަށް ނަޒަރެއް ދިނެވެ.

"އޭނާ ދަބަހުން ފޯނު ނެގި ވަގުތު އެއީ އޭނާގެ ހަބަރެއް ނުވާތީ ނާހިދް ގުޅަމުން ދިޔަ ވަގުތެވެ. އޭނާ ވަގުތުން ފޯނު ނަގާފައި ކަންފަތުގައި ޖެހިއެވެ. އިތުރު އެއްވެސް އެއްޗެއް ނުބުނެ އޭނާ ހުރިތަން ނާހިދަށް ބުނެދިނެވެ.

"ތިއީ އަޒްކާގެ ލޯބިވެރިޔާގެ މިހާރުގެ ގާރލް ފްރެންޑްތަ....؟" މާހިލް ކޮށްލި ސުވާލުން ނައިޝީއަށް މާހިލަށް ބަލައިލެވުނެވެ.

"ޔެސް ރަނގަޅަށް ތިއިވުނީ.... ނާހިދްގެ ވަރަށް ގިނަ ކަންތައްތައް މަށަށް އިނގޭ.... އަން މިއީ މަގޭ ނަންބަރ. ނާހިދްގެ ޙަޤީޤަތް އޮޅުންފިލުވަން ބޭނުންވިއްޔާ ގުޅާލާ" ނައިޝީގެ އަތް ތެރެއަށް ކާރޑެއް ލަމުން މާހިލް އެނބުރި އައި ކޮޅަށް ހިނގައިގަތެވެ. ނައިޝީ އެކާރޑަށް ބަލައިލިއެވެ.

މާހިލް ދިޔަ ދިމާލަށް ބަލަހައްޓައިގެން އޭނާއަށް ހުރެވުނީ ވިސްނަންވީ އެއްޗެއް ނޭނގިފައެވެ. މާހިލަށް އެނގޭކަމަށް އެބުނަނީ ނާހިދްގެ ކޮންކަމެއް ހެއްޔެވެ؟ ނާހިދްގެ ސިއްރުވެރި ފަރާތެއް އޮތީ ހެއްޔެވެ؟ ނޫނެކެވެ. ނާހިދަކީ މާހިލް ހީކުރާ ކަހަލަ މީހެއް ނޫނެވެ. ނާހިދަށް ވުރެ ބޮޑަށް އޭނާ އިތުބާރު ކުރާ އެހެން އެއްވެސް ފަރާތެއް މިދުނިޔޭގައި ނެތެވެ. ދެފަރާތަށް ބޯ ހޫރާލުމަށްފަހު އޭނާ އަތުގައި އޮތް މާހިލްގެ ކާޑު ދަބަސް ތެރެއަށް ކޮށްޕާލިއެވެ.

"ނާހިދް..." ނައިޝީ ސިހުނީ އޭނާގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ކައިރީގައި ހުރި ނާހިދް ފެނިފައެވެ.

(ނުނިމޭ)