ބޮލީވުޑް

ބޫލް ބުލައްޔާގެ ސީކުއިލްގައި ކާތިކް

ގިނަ ހިޓް ފިލްމުތަކެއް ކުޅެފައިވާ ކާތިކް އާރްޔަން އަކީ ބޮލީވުޑްގެ ޑައިރެކްޓަރުންގެ މެދުގައި މަގުބޫލު ތަރިއެކެވެ.

މިދުވަސްވަރު އިމްތިޔާޒް އަލީގެ ފިލްމެއްގައި މަސައްކަތް ކުރަމުން އަންނަ ކާތިކް އަށް މިވަނީ އަނެއްކާވެސް ބޮޑު ފިލްމެއް ލިބިފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އަކްޝޭ ކުމާރު 2007 ގައި ކުޅެފައިވާ މަގުބޫލު ފިލްމު "ބޫލް ބުލައްޔާ" ގެ ސީކުއިލުން ކާތިކް އަށް ވަނީ ފުރުސަތު ލިބިފައެވެ. ފިލްމުގެ ސީކުއިލެއް އުފައްދާ ވާހަކަ އިއުލާނުކުރީ ވަރަށް ފަހުންނެވެ. އަދި މިހާރު އޭގެ ސްކްރިޕްޓް ތައްޔާރު ކުރުމުގެ މަސައްކަތް ދަނީ ކުރިޔަށެވެ. ނަމަވެސް ސީކުއިލްގައި އަކްޝޭ ނުފެންނާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ފިލްމުގެ އިތުރު ކާސްޓުންނަށް ވިކީ ކުޝާލް، އަޔުޝްމަން ކުރާނާ އަދި ރާޖްކުމާރު ރާއޯ ވަނީ ޝޯޓްލިސްޓު ކޮށްފަ އެވެ. މީގެ އިތުރުން ވެސް ބައެއް ތަރީން ނަގާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ކާތިކް މިހާރު މަސައްކަތް ކުރަމުން އަންނަނީ 2009 ވަނަ އަހަރު ނުކުތް ފިލްމު "ލަވް އާޖް ކަލް" ގެ ރީމޭކުގެ ޝޫޓިންގައެވެ. އެ ފިލްމުގައި އޭނާއާ އެކު ބަތަލާ ސާރާ އަލީ ޚާން ފެނިގެން ދާނެއެވެ. މީގެ އިތުރުން ފިލްމު "ޕަތީ ޕަތްނީ އޯރް ވޯ" އިންވެސް ކާތިކް ފެނިގެން ދާނެއެވެ.