(އޮކްޓޯބަރ 19 އާއި ގުޅޭ)
މިރޭ އޭނާގެ މަޅީގައި މާލިކު ކިތަންމެ ރަނގަޅަށް ޖައްސަންވެސް އޭނާ ބޭނުންވެއެވެ. އެކަން އެދަނީ ކާމިޔާބު ވަމުންނެވެ.
މާލިކުގެ ކޮޓަރީގެ އަލި އެއްކޮށް ފަނޑުވަންދެން ހަކީމް ހުރީ ސިޓިންގްރޫމު ތެރޭގައި ބަލަހައްޓައިގެންނެވެ. އަވަހަށް އަމީނާ ކޮޓަރިން ކަރަންޓު ދުއްވާލުމަށްފަހު ގޭގެ މައިދޮރު ހުޅުވާލިއެވެ.
ހަކީމަކީ އެގޭގައި ގެންގުޅޭ ބަންގްލަދޭޝް މީހެކެވެ. މާލިކުގެ ކާރު ދުއްވަން ހަކީމު އެގޭގައި އުޅޭތާ 10 އަހަރު ވީއިރު އޭނާ އަކީ ދޭދަރުގޭ އެއްމެން އިތުބާރުކުރާ ވަފާތެރި މުވައްޒަފެކެވެ. ދޮރުމަތީގައި ހުރި މީހާއަށް އޭނާގެ ޖީބުން އެއްޗެއް ނަގާ ދިއްކޮށްލުމަށްފަހު އަނެއް އަތުން ކުރިމަތީގައި ހުރި މީހާ ދިއްކޮށްލި އެއްޗެއްގައި ހިފާ ޖީބަށްލިއެވެ. އެއަށްފަހު މަޑުމަޑުން ގޭގެ ދޮރު ލައްޕާލިއެވެ.
ދެތިން ފަހަރު ފުން ނޭވާ އެއް ލުމަށްފަހު ހަމަޖެހޭ ގޮތެއް މޫނުމައްޗަށް ގެނެސް މަޑުމަޑުން އަމީނާގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. ފަރިތަގޮތަކަށް ގޮސް އަމީނާގެ ކޮޓަރި ދޮރު ހުޅުވާލާ މަޑު މަޑުން ދެފަރާތައް ބަލާލާފައި ހަކީމް އެތެރެއަށް ދެމިގަތެވެ.
ބޭހުގެ އަސަރުގައި ފުން ނިންޖެއްގައި އޮތް އަމީނާގެ ކައިރިއަށް ގުދުވެލާ އަމީނާ އޮތީ ރަނގަޅަށް ނިދާފައިތޯ ހަކީމް ޔަގީން ކޮށްލިއެވެ. އެއަށްފަހު ކައިރީގައި ހުރި ކުޑަ ކަބަޑުގެ މަތީގައި ހުރި ގުޅަ ބޭސް ފުޅި ނަގާ އޭގެ މަތި ނެގިއެވެ. މަޑުމަޑުން އަނެއްކާވެސް އެކޮޓަރީގެ ތެރެއަށް ނަޒަރު ހިންގާލިއެވެ. ހުދުކުލައިގެ ފަރުނިޗަރުން ޖަރީވެފައިހުރި އެ ތަނަވަސް ބޮޑު ކޮޓަރިތެރެއަށް، ދިއްލާފައި ހުރި މަޑު ނޫކުލައިގެ އަލި އެޅިފައި އޮތް އިރު ތަނަށްވެރިވެފައިވީ މަރުގެ ހަމަހިމޭން ކަމެވެ.
ގަދަނިންޖަކުން ނިދިފައި އޮތް އަމީނާގެ ފުރޮޅިލުމާއެކު ހަކީމް އަތުގައި ހުރި ބޭސްފުޅި އެތަނަށް ބަންޑުން ދިޔައެވެ. ހަކީމުގެ ހާސްކަން ދެގުނަ އިތުރުވިއެވެ. މި ހަމަހިމޭން ކަމުގެ ތެރޭގައި އެތަނަށް މީހަކު ހާޒިރު ނުވަނީސް ބޭސް ގުޅަތައް ނަގާ ފުޅިއަށް އެޅޭނެ ބާވައެވެ. ހަމަ އެސިކުންތުގައި އޭނާގެ އަތުގެ އުޅަނބޮށިން ޖެހި ކަބަޑުމަތީގައި ހުރި ލޭމްޕް ވެއްޓި ތަޅައިގެން ދިޔައެވެ.
މަރުވެފައި އޮތް މީހެއްހެން ހަކީމް އިރުކޮޅަކު ހަރަކާތެއްނެތި އެތަނުގައި އޮތެވެ. މީހަކު ނާންނަކަން ޔަގީންވުމުން ތެދުވެ އިށީންދެލިއެވެ. އެއަށްފަހު ވެއްޓިފައި އޮތް ފުޅި ކައިރީގައި ބަހައްޓާ ޖީބުގައި އޮތް ހުދު ފޮތިކޮޅު ނެގިއެވެ. ވަރަށް ފަރުވާތެރި ކަމާއިއެކު އެފޮތިކޮޅު ނިއުޅާލާ އޭގެ ތެރޭގައި ހުރި ބޭސް ގުޅަތައް ފުޅިއަށް އަޅާލިއެވެ.
* * * * * * * * * * * * *
"އަމިއްލަ އަށް ވަކިވާން ބޭނުންވާތީ" އާރިޔާގެ ރިޒައިން ލެޓާ ކިޔާ ނިންމާލިއިރު ޒައުލް ހުރީ ރުޅިގަދަވެފައެވެ.
ވަގުތުން އޭނާ އާރިޔާ އަށް ގުޅިއެވެ. ކުޑައިރުކޮޅަކަށް ބައްދަލުކޮށްލަން އައުމަށް އެދުނެވެ.
"ވަޒީފާ އިން ވަކިވާން ތިހާ ބޭނުމިއްޔާ އޭރު ވަޒީފާ ނުލިބިތިބި ކުދިންކުރެ ކުއްޖަކަށް މި ފުރުސަތު ނުދިނީ ކީއްވެ؟ ބައްޕަގެ ރައްޓެއްސެއްގެ ދަރިއަކަށް ވީތީ އަހަރެން އިހުތިރާމް ކުރަން، އެކަމަކު ޔޫ ކާންޓްޑޫ ދިޒް .. މިހެން ކަންތައް ކުރީމަ އެހެން މީހުނަށް ވާނެ އުނދަގޫ އިނގޭތަ؟ ކޮބާތަ ތިބުނާ ޕާސަނަލް ރީޒަން އަކީ؟" އާރިޔާއަށް ހުރީ ބުނާނެއެއްޗެއް ނޭނގިފައެވެ. މިއީ ޒިންމާދާރުކަން ކުޑަ ނިންމުމެއްކަން ހުދު އޭނާ އަށް ވެސް އިނގެއެވެ.
ދެއަތް ދެއަތާ ކުޅެލަ ކުޅެލާ އިން އާރިޔާ އަށް ޒައުލް ފުން ނަޒަރަކުން ބަލާލިއެވެ. ކުޑަދޮރުން ފާޅުވެފައިހުރި އިރުގެ ރަން އަލިން އެމޫނަށް އެޅިފައި އެހެރަ ރަން އަލި ކުލަޔާއި މޫނުމައްޗަށް ވެއްޓެން ކައިރިވެފައި އޮތް އިސްތަށިކޮޅު ލޯމައްޗަށް އެޅިފައި އޮތް އިރު އެ މޫނުގެ މައުސޫމުކަން ޒައުލްގެ ހިތާ ކުޅެމުން ދިޔައެވެ.
އެކަމަކު އެދެލޮލުން އެފެންނަ މަޖުބޫރީ ކަމުގެ އަސްލަކީ ކޮބައި ހެއްޔެވެ؟ އިރުކޮޅަކު ވަރަށް ފުން ނަޒަރަކުން އާރިޔާ އަށް ބަލަން ހުރުމަށްފަހު ޒައުލް ކުރިއަށް ޖެހިލިއެވެ.
"އެކަށީގެންވާ އުޒުރެއްނެތި ވަޒީފާ އިން މިދަނޑިވަޅު ވަކި ކުރާކަށް އަހަރެން ބޭނުމެއް ނޫން" ޒައުލް އެހެން ބުނީ އާރިޔާގެ ދެލޮލަށް ބަލަހައްޓައިގެން ހުރެއެވެ.
ޒައުލްގެ އެ ޖަވާބުން އާރިޔާ އަށް ލިބުނީ އިތުރު ނުތަނަވަސް ކަމެކެވެ. އެ ނުތަނަވަސް ކަމުގެ ތެރޭގައި ކައިރީގައި ހުރި ޒައުލްގެ ކަތި ނަޒަރު އޭނާގެ ހިތާ ކުޅެލައިފިއެވެ.
ދެމީހުންގެ ކަތި ނަޒަރު ގުޅިލާމެހުމުން ތަނަށްވެރިވެފައި އޮތީ ކޮކާހަނދުވަރެކޭ އާރިޔާ އަށް ހީވި ކަހަލައެވެ. އޭނާގެ މޫނުމަތީގައި ފިނިފަތިހެއްގެ ޝަބްނަމީ ފިޔާތޮށި ފިނިފެންމާ ފިޔަތަކެއް ބީހޭފަދައެވެ. އެއިހްސާސްތައް އޭނާ ވަށާލިއިރު ފިނިވައިރޯޅިއެއް އައިސް އޭނާ އެފިޔަވަޅު މަތީ ހައްޔަރުކޮށްފައި ހުރި ކަހަލަ ފިނިކަމެއް ހަށިގަނޑަށް ދިޔައީ ކުރުވަމުންނެވެ.
އެފިނިކަމުގެ ތެރޭން ހޫނުއަތެއްގެ ހޫނުކަން އޭނާގެ ކޯތާފަތަށް އިހްސާސްވިއެވެ. ހަމައެސިކުންތު އޭނާގެ ހުވަފެނީ ދުނިޔެ އަނެއްކާވެސް މިހިމޭން ދުނިޔެއަށް ހޭލައްވާލިއެވެ. އޭނާގެ ލޯމައްޗަށް ވެއްޓުނު އިސްތަށިކޮޅު ޒައުލްގެ އަތުން ގެންގޮސް ކަންފަތުގެ ފަހަތަށްލާ ފޮރުވާލިއެވެ.
* * * * * * * * * * * * *
އިއްޔެއިން ފެށިގެން ޒަކްވާންގެ އެއްވެސް ހަބަރެއް ނުވާތީ ރާނިޔާ ހުރީ ވަރަށް ދެރަވެފައެވެ. ކުއްލި އަކަށް ޒަކްވާން އައި ބަދަލަކީ އޭނާ އަށް ޒަކްވާން އާއިމެދު ކުރަމުން އައި އިތުބާރު ބަދަލުކޮށްލަން މަޖުބޫރުވި ކަމެކެވެ. ހާލަތުކޮންމެ ސަބަބެއް މެދުވެރި ކުރުވިޔަސް ޒަކްވާން މަތިން ހަނދާން ނައްތާލާކަށް ރާނިޔާއަކަށް ފަސޭހައެއް ނޫނެވެ. ވަރަށް ހިތްވަރުކޮށްފައި އޭނާ ޒަކްވާން އަށް މެސެޖްކޮށްލިއެވެ. ޒަކްވާންގެ ރިޕްލައި އަންނާކަށް ކުދަހިނދުކޮޅެއްވެސް ނުނެގިއެވެ. ފުން ހިނިތުންވުމަކާއެކު ރާނިޔާ އެމެސެޖް ބަލާލި ނަމަވެސް ހަމަ އެސިކުންތުގައި އަތުކޮޅަށް ފޯނު ހޫރާލިއެވެ. ޒަކްވާން ފޮނުވި ފޮޓޯގައި ގައިގޯޅި ގޮތަކަށް އެހެރީ އޭނާގެ ދޮންމަންމަ ގެ ދަރިއެކެވެ.
"ނަދާ"
އަވަސް އަވަހަށް އެނދުމައްޗަށް ވެއްޓިފައި އޮތް ފޯނު ނަގާ ރާނިޔާ ޒަކްވާން އަށް ގުޅިއެވެ. ހަމަ އެސިކުންތުގައި ދޮރުގައި މީހަކު ޓަކިދިނެވެ. އެއްއަތުން ފޯނުކަންފަތުގައި ޖަހައިގެން ހުރެ ލައިގެން ހުރި ޓީޝާޓް ތިރިއަށް ދަމާލުމަށްފަހު ދޮރު ހުޅުވާލިއެވެ. ރާނިޔާގެ ދެލޯބޮޑުވެގެން ދިޔައެވެ. އަތުގައި އޮތް ފޯނު ވެއްޓި ފައިގެ ބޮޑުވާ އިނގިލީގައި ޖެހުމުން ވީތަދުން މަޑު އާހެއް އޭނާގެ އަނގައިން ބޭރުވި ނަމަވެސް ކުރިމަތީގައި ހުރީ އެއަށްވުރެ ބޮޑު މުސީބާތެކެވެ. ދާރިޔާ އެވެ.
(ނުނިމޭ)