ބިއުޓީ

ބިއުޓީ ރޫޓިންގައި ސްޓޯބެރީ ބޭނުން ކުރެވިދާނެ ގޮތްތައް

މޭވާ އަކީ ހަމުގެ ފަރުވާ އަށް ވަރަށް މުހިއްމު އެއްޗެކެވެ. ކެއުމުން އެތެރެހައްޓަށް މޭވާގެ ފައިދާ ކުރާއިރު ސްކްރަބް، މާސްކް އަދި ފޭޝަލްގެ ގޮތުގައި މޭވާ ބޭނުން ކުރުމަކީ އޭގެން ހަމަށް އެތައް ގޮތަކުން ފައިދާވެ ހަންގަނޑު އުޖާލާވެ މަޑުވެ އަދި ގިނަ ދުވަހު ޒުވާންކަން މަތީ ހަންގަނޑު ބެހެއްޓުމަށް އެހީތެރިވެ އެވެ.

މިގޮތުން ސްޓޯބަރީ އަކީ ބޮޑެތި މީހުނާއި ކުޑަކުދިން ވެސް ކެއުމަށް އެހާމެ ފޯރި ހުންނަ މޭވާ އަކަށް ވާއިރު ގަވައިދުން ސްޓޯބެރީ ބޭނުން ކުރާނަމަ ހަންގަނޑު ޝައިންވެ އުޖާލާވެގެން ދާނެއެވެ. ޑެއިލީ ރޫޓިންގައި ސްތޯބެރީގެ ބޭނުން ހިފިދާނެ ބައެއް ގޮތްތަަކަށް ބަލައިލާނަމެވެ.

ހަމުގެ ކުލަ އަލި ކުރުމަށް

ސްޓޯބެރީ ޖޫހުން ހަމުގެ ކުލަ އަލިކޮށްދީ މޫނުގައި ހުންނަ ލައްތައް ނައްތައިލަން އެހީއަކަށް ވެދެއެވެ. ތިނެއް ނުވަތަ ހަތަރު ސްޓޯބެރީ ތައްޓަކަށް ލުމަށްފަހު އޭގެ ޖޫސްކޮޅު މުސްލިން ކްލޯތް ކޮޅަކުން ނެރެލާށެވެ. މި ޖޫސް ކޮޅު މޫނުގައި ހާކާފައި 20 މިނިޓް ވަންދެން ބެހެއްޓުމަށްފަހު ފިނި ފެނުން މޫނު ދޮވެލާށެވެ. މި މާސްކް ހަފްތާއަކު ތިން ފަހަރު ބޭނުން ކުރެވިދާނެއެވެ. މި މާސްކުން މޫނުގައި އަވީގެ ސަބަބުން ޑެމޭޖްވެފަ ނުވަތަ ޓޭންވެފަ ހުރިކަމުގައި ވާނަމަ އެކަން ރަނގަޅު ކޮށްދޭނެއެވެ.

ބިހިން ރައްކާތެރި ވުމަށް

ދެބައި ކުޅަ އެއްބައި ޖޯޑު ސްޓޯބެރީ ކުދިކޮށް ކޮށުމަށްފަހު ޝަވަރ ކްރީމް އާ އެކީ މިކްސް ކޮށްލާށެވެ. ތައްޔާރު ކުރެވުނު މާސްކް 10 މިނެޓް ވަންދެން މޫނުގައި ހާކާފައި ބެހެއްޓުމަށްފަހު ދޮވެލާށެވެ. ސްޓޯބެރީގައި ހިމެނޭ ކްލެންސިން މާއްދާ އާއި ސެލިސިލިކް އެސިޑް އިން މަރުވެފައި ހުންނަ ހަންތައް ނައްތާލައެވެ. އަދި ޕޯރސްތައް މަދުކޮށްލައި، ބިހި ނެގުމުން ރައްކާތެރި ކޮށްދޭނެއެވެ. ސްޓޯބެރީ އަކީ މޫނުގައި ހުންނަ އިމްޕިއުރިޓީސްތައް ނައްތައިލުމަށް ބޭނުންކުރެވޭ ވަރަށް ރަނގަޅު މޭވާއެއް ކަމުން ވިއްކަން ހުންނަ ގިނަ ފޭސް ވޮޝް ތަކުގައި ވެސް ސްޓޯބެރީ ބޭނުންކޮށްފައި ހުރެ އެވެ.

ޓޯނާ އެއްގެ ގޮތުގައި

ސްޓޯބެރީކޮޅެއް މިކްސްޗަރުން ގިރައިލުމަށްފަހު އޭގެ ޖޫސްކޮޅު ވަކި ކޮށްލާށެވެ. އަދި އެއަށް ރޯސް ވޯޓަރ އެއްކޮށްލުމަށްފަހު ކަފަ ކޮޅަކުން ނިދުމުގެ ކުރިން މޫނުގައި ބޭނުން ކޮށްލާށެވެ. މިއީ ކޮންމެ ދުވަހަކު ބޭނުން ކުރަން ރަނގަޅު ޓޯނާއެކެވެ. ނަމަވެސް ނައިޓް ކްރީމް ބޭނުން ކުރާނަމަ މި ޓޯނާ ބޭނުން ނުކުރާށެވެ. މި ޓޯނަރުގެ އެންމެ ރަނގަޅު ކަމަކީ ހެދުމަށްފަހު 15 ދުވަސް ވަންދެން ފްރިޖުގައި ސްޓޯރ ކޮށްފައި ބެހެއްޓިޔަސް ހަލާކުނުވުމެވެ.

ސްކްރަބް އެއްގެ ގޮތުގައި

ފަހެއް ނުވަތަ ހަ ސްޓޯބެރީ މާމުއި އާއި އެކީ މިކްސް ކޯށްލާށެވެ. ސްޓޯބެރީ މޭޝް ކުރާނީ އޭގެ ސީޑްދް ތައް އެކީ ހިމުން ނުވާވަރަށެވެ. އަދި އެއަށް ތިން ތިކި ތާފަނާ ފެންފޮދެއް އެޅުމަށްފަހު ހެދުނު މިކްސް މޫނުގައި މަސާޖް ކޮށްލާށެވެ. 10 މިނިޓްވަންދެން ސަރކިއުލަރ އަދި ސެމީ ސަރކިއުލަރ ކޮށް މޫނުގައި މި ތައްޔާރު ކުރި ސްކްރަބް މިކްސް ކޮށްލެވޭނެއެވެ. އެއަށްފަހު ފިނި ފެނުން މޫނު ދޮވެލާށެވެ. މި ސްކްރަބް ހަފްތާއަކު ތިން ފަހަރު ބޭނުން ކުރުމުން ޒުވާންކަން މަތީ ހަންގަނޑު ބެހެއްޓުމަށާއި މޫނުގެ އުޖާލާކަން ދެމެހެއްޓުމަށް މަގުފަހިވާނެއެވެ.

ސްޓޯބެރީ މިލްކް މޭނިއާ

ސްޓޯބެރީ އަދި މިލްކް އަކީވެސް ހަމަށް އެހާމެ ފައިދާ ބޮޑު ދެ ކާނާއެވެ. މި ދެ ކާނާ އެއްވުމުން ދެން މޫނުގެ ހަމަށް ލިބޭނެ އަރާމާ ފައިދާ ނުހަނު ބޮޑެވެ. ތިން ސްޓޯބެރީ 7 ސަމުސާ މިލްކް އާއި އެކީ ބްލެންޑް ކޮށްލާށެވެ. ހެދުނު މިކްސް ކޮންމެ ދުވަހަކު ހެނދުނު މޫނުގައި ހާކާލާށެވެ. އަދި މާސްކް ހިކުމުން ފިނި ފެނުން މޫނު ދޮވެލާށެވެ. މިއީ ފަސޭހައިން ތައްޔާރު ކުރެވޭ އަދި މޫނުގެ ހަންގަޑު ޑްރައި ނުވަތަ ޓަޔަރޑް ނުވަތަ ޑަލް ނަމަ ބޭނުން ކުރަން ވަތަށް ރަނގަޅު މާސްކްއެކެވެ.