ޚަބަރު

ފުޅަދޫ ބަނދަރު ހެދުމާއި ފަޅު ފުން ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ބ. ފުޅަދޫ ބަނދަރު ހެދުމާއި ފަޅު ފުން ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާއި އެމްޓީސީސީގެ ޗީފް ފައިނޭންޝަލް އޮފިސަރު މުހައްމަދު ހިލްމީއެވެ. އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 24 މިލިއަން ރުފިޔާއަށެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވީ ފުޅަދޫ ބަނދަރާއެކު ޓޫރިޒަމާ ގުޅުންހުރި ސީއެސްއާރުގެ ޕްރޮޖެކްޓެއް ވެސް ހިމެނޭ ކަމަށާއި ފުޅަދޫ ބަނދަރު ހެދުމުގެ މަސައްކަތަށް ހަރަދުކުރާނީ ދައުލަތުގެ ބަޖެޓުން ކަމަށެވެ.

"ފުޅަދުއަކީ ލަފައި ފުރުމުގެ މައްސަލަ ވަރަށް ބޮޑަށް ދިމާވެފައިވާ ރަށެއް. އެހެންކަމުން އާބާދީ ކުޑަކަމުގައި ވިޔަސް އެފަދަ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން މިދަނީ ގިނަ މަސައްކަތްތަކެއް ކޮށްދެމުން. މިހާރު މި ސަރުކާރުން ދަނީ ގިނަ ރަށްރަށުގައި ބަނދަރު ހެދުމުގެ މަސައްކަތްތައް ކުރަމުން،" މިނިސްޓަރު ވިދާޅުވިއެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ ބަނދަރު ހެދުމުން ލޯކަލް ޓޫރިޒަމް އިތުރަށް ފުޅާވެގެންދާނެ ކަމަށާއި މަސްވެރިންނަށް ވެސް އޭގެ ފައިދާ ކުރާނެ ކަމަށެވެ.