ދުނިޔެ

އޮޒިލްގެ ކައިވެނި ހަފުލާގައި ތުރުކީގެ ރައީސް އުރުދުޣާން ބައިވެރިވެވަޑައިގެންފި

އަލީ އިހްސާން

ޖަރުމަނުގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ މެސުޓް އޮޒިލްގެ ކައިވެނި ހަފްލާގައި ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބް އުރުދުޣާން ބައިވެރިވެވަޑައިގެންފިއެވެ.

އާސެނަލްގެ ތަރި އޮޒިލް މިދިޔަ ހުކުރުދުވަހު ކައިވެނިކޮށްފައިވަނީ ތުރުކީގެ ކުރީގެ ރީތީގެ ރާނީ އަމީނޭ ގުލްސޭއާއެވެ.

މިރަސްމިއްޔާތުގައި ތުރުކީގެ ރައީސް އުރުދުޣާން ބައިވެރިވެވަޑައިގެންނެވީ އޮޒިލްގެ އެކުވެރިއެއްގެ ގޮތުގައެވެ. ތުރުކީގެ އިސްތަންބޫލުގެ ފެންވަރު ރަނގަޅު ހޮޓަލެއްގައި ކުރިޔަށް ދިޔަ އެކައިވެނީގެ ހަފުލާއަށް އުރުދުޣާން ވަޑައިގެންފައިވަނީ ހުކުރު ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. އުރުދުޣާންގެ ދެކަނބަލުންނާއެކު އޮޒިލްއާއި އަމީނޭ ގުލްސޭ ނަގާފައިވާ ފޮޓޯޓަކެއްވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.

2018 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގެ ދުވަސްކޮޅާ ދިމާކޮށް އޮޒިލް އުރުދުޣާންއާ އެކު ފޮޓޯއެއް ނެގުމުން ޖަރުމަނުގެ ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް ވަނީ އަމާޒުވެފައެވެ.

2014 ވަނަ އަހަރު އޮޒިލްވަނީ ޖަރުމަނުގެ ޓީމާއެކު އެއަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ. ތުރުކީގެ ދަރިކޮޅަށް ނިސްބަތްވާ އޮޒިލްއަކީ، އުރުދުޣާނާ އެކު ގާތް ގުޅުމެއް ބާއްވަމުން އަންނަ ތަރިއެކެވެ.