މަލިކު

ކައިރި ... ނަމަވެސް ދުރުގައިވާ މަލިކު 10

އަބްދުﷲ ފާރޫގް ހަސަން

ދެން މިޔަށްފަހު އައްސުލްޠާން މުކައްރަމް މުޙަންމަދު ޢިމާދުއްދީން މިރަދުނާއި އައްސުލްޠާން އިބްރާހީމް އިސްކަންދަރު މިރަދުންގެ ފުތް މުޙަންމަދުމަނިކުފާނާ މިދެބޭފުޅުން ލިބޭތޯ ކަންނަންނޫރު ޢަލީރާޖާޔަށް ވެދުމާއި، ފަތަކާއި ދެއްވަވައި އާދޭސްކުރައްވައިގެންވެސް ލިބޭތޯ ފޮނުއްވެވޫއެވެ. މިމަގުންވެސް ލިބޭނޭގޮތެއް ނުވިއެވެ. މިޔަށްފަހު ޢަލީރާޖާ ކުޅަކަމީ އައްސުލްޠާން މުކައްރަމް މުޙަންމަދު ޢިމާދުއްދީން މިރަދުނާއި އައްސުލްޠާން އިބްރާހީމް އިސްކަންދަރު މިރަދުންގެ ފުތް މުޙަންމަދުމަނިކުފާނާ އެދެބޭފުޅުން ހިޖުރައިން 1170 ހާހާއި އެއްސަތޭކަ ހަތްދިހަ ވަނަ އަހަރު ޝަޢުބާންމަހު މަލިކަށް ފޮނުއްވައިފިއެވެ. ދެން އެޔަށްފަހު ރަދުން މަލިކުގައި އާލާސްކަންފުޅުގައި ޖެހިވަޑައިގެން ޝައްވާލުމަހު ހަތެއްވީ ހޮނިހިރު ވިލޭރެއި އަވަހާރަވެއްޖެއެވެ. މިރަދުން އަމާންކަންމަތީ ރަސްކަންކުރެއްވީ ދެއަހަރާއި ދިހަމަހާއި ސައުވީސް ދުވަހުގައެވެ. ހައްޔަރުވެވަޑައިގެން ހުންނެވީ ހަތަރުއަހަރާއި ހަތްމަހާއި ސައުވީސް ދުވަހުގައެވެ. ދެން އިބްރާހީމްރަދުންގެ ފުތް މުޙަންމަދުމަނިކުފާނާއި ރަދުންގެ އަރިއަހުގައި ދުރުވެންނެވި ދެންތިއްބެވި ބޭކަލުންނާ ކަންނަންނޫރަށް ގެންގޮސްފޫއެވެ. ދެން މުޙަންމަދުމަނިކުފާނާއި މުޙަންމަދު ޝާހު ބަންދަރު ވެލާނާތަކުރުފާނާއި މުޙަންމަދު ފާމުލަދޭރިމަނިކުފާނާއި މިތިންކަލުން ކަންނަންނޫރުން ފިލައިގެން ނައިރުންގެ ރަށަކަށް ވަޑައިގެންނެވޫއެވެ. އެރަށުގައި މުޙަންމަދު ޝާހު ބަންދަރު ވެލާނާތަކުރުފާނު ނިޔައުވެއްޖެއެވެ. ދެން އަނެއްދެކަލުން އެރަށުން ނިކުންނަވައިގެން ވަޑައިގަންނަވަނިކޮށް މުޙަންމަދު ފާމުލަދޭރިމަނިކުފާނު ކަންނަންނޫރު ބަޔަކު ހިފައިގެން ގެންގޮސްފިއެވެ. ދެން މިޔަށްފަހު މި މުޙަންމަދުމަނިކުފާނު އާލާސްކަންފުޅުގައި ޖެހިވަޑައިގެން ކަންނަންނޫރުގައި އަވަހާރަވެއްޖެއެވެ. ދެން އިބްރާހީމްރަސްގެފާނުންގެ ފުތް މުޙަންމަދުމަނިކުފާނު ފިލައިވަޑައިގަންނަވައިގެން ހިންދުކަރަޔަށް ވަޑައިގަންނަވައިފޫއެވެ. މުރުއްބާ މުޙަންމަދުކަލޭގެފާނުވެސް ނިޔައުވީ ކަންނަންނޫރުގައެވެ.

(ދިވެހި ތާރީޚު: ޞަފްޙާ 196 - 198)

ދެންފަހެ އިހުބުނެދިޔަ މަގުން ޙަސަން ރަންނަބަނޑޭރިމަނިކުފާނު ސަރުދާރުވެ އެންމެހައި ކަންތައް ކުރައްވަވާން ހުންނަވައި މަލާބާރީން ރަދުން ގެންދިޔަތާ ހަތްއަހަރާއި އެއްމަސް ވޭތުވެއްޖައުމަށްފަހު ރަށުތެރޭގައި ފިތުނަވެރިކަން ބޮޑުވެ، އަނެއްކާވެސް ބައެއްމީހުނަށް ނުރައްކާތެރިކަން ލިބިދާނޭހެން ހީވުމަށްފަހު ރަށުގެ އަހުލުވެރިނާއި ބޮޑުންނާއި ވަޒީރުންނާއި ތިއްބެވި ދަންނަބޭކަލުނާއި ޢަސްކަރުންނާ މިއެންމެން އެއްވެ އެއްބަސްވެއްޖެއޭ ބުއްދިވެރި ފިރިހެނަކު ރަސްކަމަށް އިސްކުޅައުމަށް... ދެންމިބުނި އެންމެބޭކަލުން ވާހަކަދައްކަވައި ޣާޒީ ޙަސަން ރަންނަބަނޑޭރިމަނިކުފާނު ރަސްކަމަށް އިސްކުޅައުމަށް މިބުނި އެންމެބޭކަލުންގެ ފިކުރު އިއްތިފާޤުވެއްޖެއޭ... މިމަނިކުފާނީ ހުރައި ޙުސައިން ދަހަރަދަތަކުރުފާނުންގެ ފުތް މުޙަންމަދު ފާމުލަދޭރިމަނިކުފާނުންގެ ދަރިކަލެކޭ... މިމަނިކުފާނުގެ މައިކަނބަލަކީ މުލީ މުޙަންމަދު ޚަޠީބުތަކުރުފާނުންގެ ދި އައިމިނަތުމަނިކުފާނެވެ. އެހިނދު އެމަނިކުފާނު ހުންނަވަނީ މުލީގޭގައެވެ. ދެން ރާއްޖޭގައި ތިއްބެވި ދަންނަބޭކަލުންނާއި ބޮޑުންނާއި ވަޒީރުންނާއި ރަށުގެ އަހުލުވެރިތަކުންނާއި މިއެންމެބޭކަލުން މުލީގެޔަށްދުރުވެ ޣާޒީ ޙަސަން ރަންނަބަނޑޭރިމަނިކުފާނު ރަސްކަމަށް އިސްވެވަޑައިގެންނެވުމަށް އެދި ދަންނަވައި މިމަނިކުފާނު އެބެއިކަލުން ދެންނެވިބަސް ޤަބޫލުކުރެއްވެވީމައި މިއެންމެ ބޭކަލުން މިތަނުން ނުކުންނަވައި ރަށުގެ ބަޔަކުމީހުނާއިގެން ގަނޑުވަރުތެރެޔަށް ދުރުވެ ރުވާގަސްތައް ކޮށައި ނޮޅައި މަގުހަދައި އަނދައި ވެރިފައިހުރި ބަޔެއް ގައުތައް ނަގައި އުތުރުގެކޮޅު ހުރިތަން ނޮޅައި އަލިކޮށް ދޮންވެލިލައި އެތާނގައި ރަސްކަމުގެ ތަޚުތުކަމުގައި ގޮނޑިކޮޅެއް ބަހައްޓައިފައި 1173 ހާހާއި އެއްސަތޭކަ ހަތްދިހަ ތިންވަނަ އަހަރު ރަބީޢުލްއާޚިރުމަހު ފަނަރަވީ ބުރާސްފަތިދުވަހު ފުރަތަމަ ސާޢަތުގައި އިހުމިބުނި އެންމެބޭކަލުން ޣާޒީ ޙަސަން ރަންނަބަނޑޭރިމަނިކުފާނު އަރިއަހުގައި ދަންނަވައިގެން މިމަނިކުފާނު ގޮވައިގެން ގަނޑުވަރު ތެރެއަށް ދުރުވެ ޞަލަވާތް ފާތިޙާ ކިޔުއްވައިފައި މިބުނި ގޮނޑިކޮޅުގައި ޣާޒީ ޙަސަން ރަންނަބަނޑޭރިމަނިކުފާނު ވަޑުވައި ރަސްކަމަށް އިސްކޮށްފޫއެވެ. މިމަނިކުފާނުންގެ ނަންފުޅަކީ އައްސުލްޠާން ޣާޒީ ޙަސަން ޢިއްޒުއްދީން މިއެވެ. ދެން މިޔަށްފަހު މިރަދުން ވެޔޮދޮށުގަނޑުވަރަށް ވަޑައިގެން ހުންނަވައި އަވަހަށް އެތެރެކޯލު ހެދުމަށް އަމުރުފުޅު ކުރައްވައިފޫއެވެ. ދެން އަވަށްއަވަށުގެ މީސްތަކުން ލައްވައި އެތެރެކޯލުގައި ހެދިފައިވާ ރުވާގަސްތައް ކޮށައި އަނދާ ސުންނާފަތިވެފައިވާ ފައުރުގެ ގައުތަކާއި ގޭގޭގެ ބިތްތަކުގެ ގައުތަކާއި ނެރުވައި ފަސްގަނޑު ހަމަކުރައްވައި ޢިމާރާތް ކުރައްވައިފޫއެވެ.

(ދިވެހި ތާރީޚު: ޞަފްޙާ 200 - 203)

ދެން މިމަގުން ކަންތައް ތަރުތީބު ކުރައްވައިގެން ހެޔޮޙާލުގައި އުފަލުން ތިއްބަވާތާ ދުވަސްކޮޅެއްވުމަށްފަހު ހިޖުރައިން 1174 ހާހާއި އެއްސަތޭކަ ހަތްދިހަ ހަތަރުވަނަ އަހަރު ކަންނަންނޫރު ޢަލީރާޖާ ނަވަކާއި ދެގުރާބާއި ފަސްއޮޑިޔާއި މިތަކެއްޗަށް ހަނގުރާމައިގެ ހަތިޔާރުލައި ހަނގުރާމައަށް ތައްޔާރުކޮށް ފޮނުވީމައި އައިސް ތިލަދުންމަތި ވެދައްޖައޫއެވެ. މިފަހަރު އޮޑިފަހަރައިގެން ހަނގުރާމައަށް ވެރިކޮށް ޢަލީރާޖާ ފޮނުވީ ތުރުކީޔެކެވެ. އެކަލޭގެ ނަމަކީ ޙަސަން ބިން މުޙަންމަދު ގަރުތަލީއެވެ. މިފަހަރު މިހަނގުރާމަކުރާން ތުރުކީންގެ ފަސްދޮޅަސް މީހުނާއި ހޮޅީންގެ ދުއިސައްތަ މީހުނާ އަޔޭ... މިބައިމީހުން އައިސް ޝަޢުބާންމަހު އަށާވީސްދުވަހު ވިހަމަނާފުށީ ބޭރަށް ދޫކޮށްލައިފޫއެވެ. ދެން އަނެއްދުވަހު ދޫނިދޫ ބޭރަށް އަތުވެއްޖައޫއެވެ. ދެން ދޫނިދޫ ބޭރުގައި އޮޑިފަހަރު އަޅައިފައި ފުނަދުވަށާއި ހުޅުލެޔަށާއި ދެރަށަށް މީހުން ފައިބައްޖައޫއެވެ. ދެން ފުނަދުވަށް ފޭބިމީހުން ފުނަދޫގައި ބާޑިއަޅައި ހަނގުރާމައަށް ކަންތައް ތައްޔާރުކޮށް ރަމަޟާންމަހު ތިނެއްވީ ބުރާސްފަތިދުވަހު ދުނިޔެމައްޗަށް އިރުފަޅައިލިތަނާއި މާލެޔާ ދިމާޔަށް ބަޑިޖަހާން ފަށައިގެންފޫއެވެ. އެމީހުން އެޖެހި ބަޑިތަކުގެ އުންޑަތަކުން މާތްރަސްކަލާނގެ މާލޭގެމީހުން ސަލާމަތް ކުރެއްވެވޫއެވެ. އެންމެ އަންހެނަކު ގައިގާ ނޫނީ އުންޑަޔަކުން ނުޖެހެޔޭ... އެމީހާ މަރުވިޔޭ... މިބުނި މަލާބާރީން އައިއިރު ބަންގާޅުން ވިޔަފާރިކަމު އައި ނަވެއް އޮތޭ... އެނަވުގެ ނެވިކަމު އައިސްހުރީ ބާލީސްސަރުގައި ހުންނަ މިޔާޚާނޭ ކިޔައި މުޣުލީޔެކޭ... މަލާބާރީންގެ މީހުން އެނައު އަތުލައިގަތޭ... މިބުނި ނެވިމީހާ އެމީހުން އަތުލައިގެން ގެންދިޔަޔޭ... ދެން ހުޅުލެއަށް ފޭބި މީހުން އެރަށުގައި ފައިބާ ތިއްބައި މާލެއިން ރޭގަނޑުގައި ސިއްރުން މީހުންގޮސް އެމީހުން ފެންބޯންހުރި ވަޅަށް ކޮކަޑިލައިފޫއެވެ. ދެން އެމީހުން އެވަޅުން ފެންބޮއިގެން އެންމެން ވިހަވެއްޖެޔޭ... ދެން އެރަށުގައި ތިބި މީހުން ޙާލެއްނެތި ފުރައިގެން ހިނގައްޖެޔޭ... މިބައިމީހުން ފުރައިގެން ދިޔުމަށްފަހު މިމަހު ފަސްވަނަޔަށްވީ ހޮނިހިރުދުވަހު މާލޭގެމީހުން ރޯނުޖެހި ކަފުއޮޑިޔަށް ބަޑިލައިގެން ގެންގޮސް ފުނަދޫ ވަށައިގެން އޮޑިދުއްވައި ބަޑިޖަހާން ފަށައިގަތީމާ އެމީހުން އެރަށުގައި ތިބުމަށް ކުޅަދާނަ ނުވެގެން އެމަހު ހަތެއްވީ ހޯމަދުވަހު ފުރައިގެން ހިނގައްޖެއޭ... މިބައިމީހުން ފުރައިގެން ދިޔައީ ދޮނަކުޅިޔަށޭ... ދެން މިބައިމީހުން ދޮނަކުޅިޔަށް ފައިބާތިއްބައި މާލޭގެމީހުން އޮޑިފަހަރު ހަދައިގެން ހަނގުރާމައިގެ ހަތިޔާރުލައިގެން އަވަހަށް ފުރައިގެންފޫއެވެ. މިއޮޑިފަހަރުގައި ހަނގުރާމައަށް ވެރިކުރައްވަވައި ރަދުން ފޮނުއްވެވީ ޙުސައިން ޝާހު ބަންދަރު ވެލާނާތަކުރުފާނާއި މުލީ ޢަލީ ފާމުލަދޭރިތަކުރުފާނާއި މިދެކަލުންނެވެ. ދެން މިއޮޑިފަހަރައިގެން ފުރައިގެން ދިޔައިރު އެމީހުންގެ ލަޝްކަރީން ތެރެއިން ތުރުކީންގެ ދިހަމީހުން މީހުނަށް ތުރައުދީ ހާނީއްކަކުޅައުމަށް ހަނިމާދުއަށް ގޮސް ތިބޫއެވެ. ދެން މިދިވެހީންގެ އޮޑިފަހަރު އަންނަތަން މަލާބާރީންގެ މީހުން ދެކެފައި އެމީހުންގެ އޮޑިފަހަރުގައި ފުރައިގެންފޫއެވެ. ދެން މާލެއިން ދުރުވި ބޭބޭކަލުން ދުރުވެ ހަނިމާދުއަށް ގޮސް ތިބި ދިހަމީހުން ހިފައި ހައްޔަރުކޮށްފޫއެވެ. ދެން މިބައިމީހުން ހިފައި ހައްޔަރުކޮށްގެން މަލާބާރީންގެ އޮޑިފަހަރާއި ނައުފަހަރާއި ރާއްޖެއިން ނެރެލައްވައިފައި ތުރުކީންގެ ދިހަމީހުން ގޮވައިގެން މުޙައްރަމްމަހު މާލެ އަތުވެއްޖައޫއެވެ. ދެން މިބައިމީހުން މާލެ އައިމާ އެދެވަޒީރުންނަށް ވަރަށް މާތްކޮށް ހިއްތަވައި އެމީހުން ބޭލުއްވުމަށް ރަދުން އަތިރިމައްޗަށް ވަޑައިގެންނެވޫއެވެ.

(ދިވެހި ތާރީޚު: ޞަފްޙާ 207 - 211)

އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީން ސިރީކުލަ ރަންމީބަ ދަނާވީރަ... ރަދުން ރެދަލިކުރައްވައި ތިންވަނައަހަރު ރަޖަބުމަހު އިބްރާހީމް ރަސްގެފާނުންގެ ފުތް މުޙަންމަދުމަނިކުފާނު މަލާބާރީން ކިބައިން ވީއްލިގެންވަޑައިގެން ގަންޖާމުގައި ހުންނަވަނިކޮށް ދީނު މުޙަންމަދު ނެވިކަލޭގެޔާ ބައްދަލުވެގެން މިކަލޭގެ ދިޔަ އޮޑިން ދިވެހިރާއްޖެ ވަޑައިގެންނެވޫއެވެ. މިއޮޑިޔައިގެން އައިސް ރާއްޖެ ވެދެވުނީ މުލަކުއަތޮޅަށެވެ. ދެން ދިއްގަރަށް ލައްޕަވައިފާ އެރަށުން މަސްއޮޑިޔެއްގައި މި މުޙަންމަދު ޣިޔާޘުއްދީން މަނިކުފާނު ގޮވައިގެން އައިސް ފުނަދޫ ބޭރުގައި ބޭއްވިޔޭ... ދެން މިނެވިކަލޭގެ މާލެޔަށް ފައިބާ ރަދުންގެ ފައިވާންފުޅުދަށު މިވާހަކަ ދެންނެވީމައި މިވާހަކަ އެއްސެވުމަށްފަހު ހަވަރަށް ބެރުޖައްސަވައި ލަޝްކަރީން އެއްކުރައްވައި ލަޝްކަރީނާއި ބޮޑުންކުރެން އެންމެނަށް މިކަން އެންގެވިޔޭ... ދެން އެމަނިކުފާނު މާލެޔަށް ބޭލެއްވެވުމާމެދު މިއެންމެ ބޭކަލުން ނުރުހި މޮށޭކަން ދެނެވަޑައިގެން ލަސްވެވަޑައި ނުގަންނަވައި ލަޝްކަރީނާއިގެން ރަދުން އަތިރިމައްޗަށް ވަޑައިގަންނަވައި ރަސްރަސްކަލުން ދަތުރުކުރައްވައިފައި ވަޑައިގެން މާލެއަށް ފައިބާވަޑައިގަންނަވާ ޢިއްޒަތުގައި މި މުޙަންމަދު ޣިޔާޘުއްދީން މަނިކުފާނު ބާލުއްވަވައިގެން ހަމަ ދެރަސްކަލުން ފަދައިން ހަތްނަގައި ހަރުބީގައި އެމަނިކުފާނާއިގެން ވަޑައިގެން ރަދުންގެ އަރިއަހުގައި އެތެރެކޯލުގައި ބެހެއްޓެވިޔޭ... ދީނުމުޙަންމަދު ނެވިކަލޭގެއީ އިބްރާހީމް ރަސްގެފާނުންގެ އަޅެކޭ... މިނެވިކަލޭގެޔާއި އެއޮޑީގެ މާލިމީޔާ އެދެމީހުން އެކުޅަ މޮޅުކަންތަކުގެ ބަޚުސީއަށް އެދެމީހުން މަޖިލީހަށް އެރުއްވެވިޔޭ... ދެން މިމަނިކުފާނު އައްސުލްޠާން ޣާޒީ ޙަސަން ޢިއްޒުއްދީން ރަދުންގެ ދަރިކަލަކު ފަދައިން އެތެރެކޯލުގައި ބެހެއްޓެވިޔޭ... މިކަންތައްވީ 1176 ހާހާއި އެއްސަތޭކަ ހަތްދިހަ ހަވަނައަހަރު ޝަޢުބާންމަހު ދޭއްވީ ބުދަދުވަހު އެގާރަވަނަ ސާޢަތުގައެވެ.

(ދިވެހި ތާރީޚު: ޞަފްޙާ 211 - 213)

ދިވެހިތާރީޚުގެ އިސްވެދިޔަ ބަޔާންތަކުން ސާފުކޮށް އެނގޭގޮތުގައި ހިޖުރައިން 1166 ވަނަ އަހަރުގެ ޞަފަރުމަހު ބުދަތޭރަ ފޮއިވިލޭރޭ މަލާބާރީން މާލެއާ ޙަމަލަދީ ދިވެހިރާއްޖޭގެ ރަސްކަމުގެ ކޮއިލު އަންދާލައި ރާއްޖޭގެ ކީރިތި މަހާރަދުން އައްސުލްޠާނުލް މުކައްރަމް މުޙަންމަދު ޢިމާދުއްދީނާއި އެރަސްގެފާނުގެ ވަލީޢަހުދު މުޙަންމަދުމަނިކުފާނާއި (އައްސުލްޠާން މުޙަންމަދު ޣިޔާޘުއްދީން ބުނުއްސުލްޠާން އިބްރާހީމް އިސްކަންދަރު ދޭއް) ބޮޑުންގެ ބަޔަކު މަކަރުން އަތުލައިގަނެގެން ކަންނަންނޫރަށް ގެންދިޔަފަހުން 1176 ޝަޢުބާންމަހުގެ ދެވަނަޔަށްވީ ބުދަދުވަހު މުޙަންމަދު ޣިޔާޘުއްދީން މާލެވަޑައިގެންފުމާ ހަމަޔަށްވެސް ކަންނަންނޫރާއި ދިވެހިރާއްޖެއާ ދެމެދު އެއްވެސްކަހަލަ ޞުލްޙަވެރި އެއްބަސްވުމަކަށް އާދެވިފައެއް ނެތެވެ.

ދިވެހި ދައުލަތުގެ ފަރާތުން އޭރު ރާއްޖޭގެ ކަންތަކާ ޙަވާލުވެހުންނެވި އަލްޣާޒީ ޙަސަން ރަންނަބަނޑޭރިމަނިކުފާނު ރާއްޖޭގެ ރަދުންނާއި ވަލީޢަހުދު އަތުލެއްވޭތޯ ކުރެއްވެން އޮތް ހުރިހާ ރޮނގަކުން މަސައްކަތް ކުރެއްވެވިއެވެ. ނަމަވެސް މަލާބާރީން އެބޭފުޅުން ދޫކޮށެއް ނުލައެވެ. އައްސުލްޠާން މުކައްރަމް މުޙަންމަދު ޢިމާދުއްދީން މަލިކަށް ވަޑައިގަތީ މަލާބާރީންނާއި އެރަސްގެފާނާ ދެމެދު އެއްބަސްވުމަކަށް އާދެވިގެން ކަމުގައިވާނަމަ އެރަސްގެފާނު މަލިކުގައި އަވަހާރަވުމަށްފަހު ވަލީޢަހުދާއި ބޮޑުން އަނބުރައި ކަންނަންނޫރަށް ގެންދިޔުމުގެ ބޭނުމެއް ނެތެވެ.

އަނެއްކޮޅުން އައްސުލްޠާނުލް މުކައްރަމް މުޙަންމަދު ޢިމާދުއްދީން މަލިކުގައި އަވަހާރަވީ ޢަލީރާޖާގެ ފަރާތުން މަލިކުގައި އެރަދުން ބަންދުކޮށްފައި ހުންނަވަނިކޮށެވެ. އެރަދުން މަލިކުގައި ހުންނެވީ މަލިކު ބޮޑުކަނބޯ ގޯތީގައި ބަންދުގައެވެ. އެއީ އޭރު މަލިކުގައި ޖަލެއްގެ ގޮތުގައި ބޭނުންކުރެވުނު ގެއެކެވެ. އެއީ އެއްވެސް އޮޅުމެއް އޮތްކަމެއް ނޫނެވެ. ބޮޑުކަނބޯގޯއްޗަކީ "ގެސްޓް ހައުސްއެއް" ނުވަތަ މެހުމާންޚާނާއެއް ނޫނެވެ. ކަނބޯގޯއްޗަށް ލެވޭ މީހުނާމެދު ކުރެވޭ ކަމަކީ އަނިޔާކުރުމެވެ.

އުރުދޫ އެންސައިކްލޮޕީޑިޔާ އޮފް އިސްލާމް ބަޔާންކުރާގޮތުގައި ޢަލީރާޖާވަނީ ދިވެހިރާއްޖޭގެ ރަދުންގެ ދެލޯފުޅުވެސް ކޮނެލައްވާފައެވެ.

މި މައުޟޫޢުގައި އަޅުގަނޑު ދެން އެއްޗެއް ދަންނަވާލަން ބޭނުންވަނީ "ހިސްޓްރީ އޮފް ދަ ލަކަޑިވް މިނިކޮއި އެންޑް އަމީންޑިވީ އައިލެންޑްސް" ގެ އަންނަނިވި ޕެރެގްރާފާ މެދުގައެވެ.

"ބޮޑުތަކުރުފާނާއި އެތަކުރުފާނުގެ ބޭބޭފުޅުން މައްމާލީންގެ އެހީއާއެކު ޕޯޗްގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރިއެވެ. ރާއްޖޭގެ ކުދިން ކިޔެވުމުގެ މުޤައްރަރުގައި ބޮޑުތަކުރުފާނުންގެ ވާހަކަ ހިމެނިފައިވެއެވެ. ރާއްޖެ ސަލާމަތް ކުރުމަށް ކުރެވުނު ހަނގުރާމައިގައި މައްމާލީންގެ ވަރަށް މުހިންމު ޢަސްކަރީ މަރުކަޒަކަށް މަލިކު ވެފައިވެއެވެ. ވީމާ ލަފާކުރެވޭގޮތުގައި މައްމާލީން ވެދެއްވި އެހީގެ އަގުވަޒަންކުރުމުގެ ގޮތުން ބޮޑުތަކުރުފާނުން މީލާދީން 1573 ވަނަ އަހަރު އަރައްކަލް ރާޖާއަށް މަލިކު ވެދުމަށްއެރުވީ ކަމުގައި ވެދާނެއެވެ. އެއީ ނަވާރަވަނަ ޤަރުނުގެ ކުރީކޮޅެއް ނޫނެވެ. މަލިކު އަރައްކަލް ރާޖާގެ ވެރިކަމުގެ ދަށުގައި ބޭއްވުމަށް ދިވެހި ރަސްކަލުންނާއި މަރިޔޮމްބީ ޢަޒީރާޖާއާމެދު ޓިއްޕޫ ހަމަޖައްސަވައިދެއްވި އެއްބަސްވުން އެހާހަލުއިކަމާއެކު ކުރިޔަށް ދިޔައީ މަލިކުގައި ކުރިން ވެރިކަން ކޮށްފައިވަނީ ކަންނަންނޫރު ރާޖާއިން ކަމަށްވާތީއެވެ."

މި ޢިބާރާތުން ދޭހަވާގޮތުގައި ބޮޑުތަކުރުފާނާއި އެތަކުރުފާނުންގެ ދެއަޚުންނާ ޕޯޗްގީޒުންގެ އަތްދޮށުން ރާއްޖެ ސަލާމަތްކުރެއްވުމަށް ކުރެއްވި ޖިހާދުގައި މަލިކަކީ މައްމާލީންގެ ވަރަށް މުހިންމު ޢަސްކަރީ މަރުކަޒެކެވެ. އެބޭފުޅުން ރާއްޖެ ސަލާމަތްކުރެއްވީ މައްމާލީންގެ އެހީގައެވެ.

ޙަޤީޤަތުގައި މިއީވެސް ހިސާބަށްވުރެ ބޮޑަށް މަލާބާރީންގެ ނުފޫޒު ފޯރާފައިވާ ވާހަކައެކެވެ. ޙަޤީޤަތުގައި ބޮޑުތަކުރުފާނު ޢަލީރާޖާގެ އެހީއަށް އެދިވަޑައިގަތީ މާލެފިޔަވައި މުޅިރާއްޖެ މިނިވަންކުރެއްވުމަށްފަހު ޕޯޗްގީޒުން މާލެ ބަލަހައްޓާލެއް ވަރުގަދަކަމުން މާލެ އަރާވަޑައިގެންނެވޭނެ މަގެއް ފެނިވަޑައިނުގަތުމުން އެބައިމީހުން ޣާފިލު ކޮށްލެއްވުމަށްޓަކައި ކަންނަންނޫރަށް ވަޑައިގަތް ވަޑައިގަތުމެއްގައެވެ. އެވަޑައިގަތުމުގައި ބޮޑުތަކުރުފާނު ޢަލީރާޖާގެ އަރިހުގައި އެދިވަޑައިގަތުމުން މަލާބާރީންގެ ބަޔަކު ފޮނުއްވައި ދެއްވިއެވެ. ބޮޑުތަކުރުފާނު ވަޑައިގެން މާލެ ފަތަޙަކުރެއްވިއެވެ. އެއްވެސް ޙާލެއްގައި މައްމާލީންގެ ޢަސްކަރީ މަރުކަޒަކަށް މަލިކު އޮވެގެން މައްމާލީންގެ އެހީގައި ބޮޑުތަކުރުފާނު ހަނގުރާމަ ކުރެއްވީކީ ނޫނެވެ.

ބޮޑުތަކުރުފާނުގެ ޖިހާދަކީ ޙަވާލާދެވޭ ލިޔުންތެރިޔާވެސް ވިދާޅުވާ ފަދައިން ރާއްޖޭގެ ތަޢުލީމީ ސިލަބަހުގައިވެސް ހިމެނިފައިވާ، ރާއްޖޭގެ ކުޑަކުދީންވެސް ދަންނަ ވާހަކައެކެވެ. އެހެންކަމުން މިކަމުގެ ތަފްޞީލުގެ ތެރެޔަށް ދިޔުމުގެ ބޭނުމެއް އޮތްކަމަކަށް ނުފެނެއެވެ.

ދެން އަނެއްކާވެސް އަޅުގަނޑު އެނބުރިލާނީ މަލިކު ޢަލީރާޖާއަށް ދިނުމަށް ޓިއްޕޫ ސުލްޠާން މެދުވެރިވެވަޑައިގެން ހަމަޖެހުނު ކަމުގައި އެބުނާ ހަމަޖެހުމާމެދު އެއްޗެއް ދަންނަވާލުމަށެވެ.

މިމައްސަލައަކީ ކުރިންވެސް ދެންނެވިފަދައިން ދިވެހި ތާރީޚުގައި އެއްވެސްވަރަކަށް އަލިއަޅުވާލެވިފައިވާ ކަމެއް ނޫނެވެ. ހަމައެކަނި އިންޑިޔާގެ ލިޔުންތެރީންނާއި، އެބައިމީހުންގެ ލިޔުންތައް އިތުރުހޯދުމެއްނެތި ނަކަލުކުރާ މީހުން ލިޔަމުން އަންނަ ވާހަކައެކެވެ. ސުލްޠާން ފަޠަޙަޢަލީ ޓިއްޕޫ ރައްކާވީ 21 ނޮވެމްބަރު 1750 ގައެވެ. އެހެންކަމުން ހޮޅީން ދިވެހިރާއްޖެ އަޅުވެތިކުރި ޙާދިޘާ ހިނގިއިރު (13 ޞަފަރު 1166ހ. ބުދަ، 20 ޑިސެމްބަރ 1752) ގައި ޓިއްޕޫ ސުލްޠާންގެ ޢުމުރުފުޅުންވާނީ ދެއަހަރެވެ. އައްސުލްޠާން މުކައްރަމް މުޙަންމަދު ޢިމާދުއްދީން މަލިކުގައި އަވަހާރަވީ 7 ޝައްވާލު 1170ހ. ހޮނިހިރު (25 ޖޫން 1757) ވިލޭރޭއެވެ. އޭރު ޓިއްޕޫގެ ޢުމުރުފުޅަކަށްވާނީ ހައަހަރެވެ. ރާއްޖޭގެ ވަލީޢަހުދު މުޙަންމަދު ޣިޔާޘުއްދީން އެނބުރި ރާއްޖެވަޑައިގަތީ 2 ޝަޢުބާން 1176ހ. ބުދަ (16 ފެބްރުއަރީ 1763) ގައެވެ. އޭރު ޓިއްޕޫގެ ޢުމުރުފުޅަކީ ބާރައަހަރެވެ. އެހެންކަމުން 1752 ގައި ހޮޅީން ދިވެހިރާއްޖެ ހިފައިގެން އުޅެނިކޮށް "ރާއްޖޭގެ ވަލީޢަހުދު ޝަމްސުއްދީނާއި" ޢަލީރާޖާއާ ދެމެދު ޓިއްޕޫ މެދުވެރިވެވަޑައިގެން ވާހަކަދެކެވި އެއްބަސްވެވުމެއް އެއްބަސްވެވުނު ކަމުގައި ބެލެވޭކަށް ނެތެވެ.

އަނެއްކޮޅުން ޓިއްޕޫ ސުލްޠާން މެދުވެރިވެވަޑައިގެން މިއެއްބަސްވުމެއް އެއްބަސްވެވުނުކަމުގައި ލިޔުންތެރިޔާ ބަޔާންކުރައްވަނީ 1819 އާއި 1838 އާ ދެމެދުގައެވެ. އެއީ ޓިއްޕޫ ސުލްޠާން ޝަހީދުވިތާ އެތައްއަހަރެއް ފަހުގެ ތާރީޚެކެވެ. ސުލްޠާން ފަތަޙަޢަލީ ޓިއްޕޫ އިނގިރޭސީންނާ ހަނގުރާމަކުރައްވައި ޝަހީދުވެވަޑައިގަތީ 4 މެއި 1799 ގައެވެ.

ޓިއްޕޫ ސުލްޠާން މެދުވެރިވެވަޑައިގެން މަލިކު ހޯއްދަވައިދެއްވި ޢަލީރާޖާގެ ނަންވެސް ލިޔުންތެރިޔާ ދެފަހަރަށް ލިޔުއްވަނީ ދެގޮތަށެވެ. ފުރަތަމަ ފަހަރު ލިޔުއްވައިފައިވަނީ އޭރުހުންނެވި ޢަލީރާޖާއަކީ "މަންޔާއުންމަ" ކަމުގައެވެ. ދެވަނަފަހަރަށް ލިޔުއްވަނީ މަރިޔޮމްބީ ޢަޒީރާޖާ ކަމުގައެވެ.

ކޮންމެއަކަސް އަޅުގަނޑު ދަންނަވާނީ ދިވެހިރާއްޖޭގެ އެކިއެކި ރަސްރަސްކަލުން ޢަލީރާޖާއަށް މަލިކުދެއްވި ކަމުގައި އިންޑިޔާގެ ލިޔުންތެރީން ލިޔަމުން ގެންދާ ލިޔުންތަކާއި އެއިން ކުރެވެމުންދާ ނަކަލުތަކަކީ އެއްވެސް އަޞްލެއްނެތް އަދި ސާބިތެއްނެތް ލިޔުންތަކެއް ކަމުގައެވެ.

އަޅުގަނޑުވެސް އެއްބަހެވެ. ކަންނަންނޫރުގެ ރަސްރަސްކަލުން ވަނީ މަލިކު އަޅުވެތި ކުރައްވައިފައެވެ. ނަތީޖާއެއްގެ ގޮތުން މިއަދު އެރަށް ވަނީ އިންޑިޔާގެ ޖުމްހޫރިއްޔާގައި ހިމެނިފައެވެ.

(ނުނިމޭ)