ދޯންޏެއްގެ ބުރަފައްޗަކުންޖެހި ޑައިވިނަށްގޮސް އުޅުން ފަތުރުވެރިޔަކު ޒަހަމް ވެއްޖެއެވެ.
މިއަދު 10:35 ހާއިރު ހިނގި މި ހާދިސާގައި ޒަހަމްވެފައިވަނީ ޖަރުމަނުގެ ފަތުރުވެރިއެކެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މި ހާސިދާ ހިނގާފައިވަނީ ޕެރަޑައިޒް އައިލެންޑް ރިސޯޓު ކައިރީ އޮންނަ މަންޓާ ޕޮއިންޓު ސަރަހައްދުގައެވެ. އެނބޫދޫ ފިނޮޅު ޑައިވިން ސްކޫލްގެ ފަރާތުން މަންތާ ޕޮއިންޓަށް ޑައިވިނަށް ގޮސް އުޅުނު އެ މީހާގެ ފައި ޒަހަމްވެފައި ވަނީ ޕެރެޑައިޒް އައިލެންޑް ރިސޯޓުގެ ދޯންޏެއްގެ ބުރަފަތީގައި ޖެހުމުގެ ސަބަބުންނެވެ.
މި މީހާގެ ފައި ވަރަށް ބޮޑަށް ޒަހަމްވެފައި ވުމުގެ ސަބަބުން ޕެރެޑައިޒް އައިލެންޑް ރިސޯޓަށް ފަރުވާއަށް ގެންދިއުމަށްފަހު ރިސޯޓުގެ ފަރާތުން އިތުރު ފަރުވާއަށް އެމީހާ ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން އަންނަނީ މި ހާދިސާ ތަހުގީގު ކުރަމުންނެވެ.